އަނބިންގެ ތެރޭގައި ވަރަށް ހެޔޮލަފާ އަންހެނުންވެސް ތިބެއެވެ. ފިރިމީހާއަށްޓަކައި ޤުރްބާންވާ އަނބިންވެސް ތިބެއެވެ. އެކަނބަލުން 24 ގަޑިއިރު ތިބެނީ ފިރިމިހާއަށް ޚިދުމަތްކުރުމުގައެވެ. ފިރިމީހާއަށްޓަކައި ހެޔޮދުޢާކުރުމުގައެވެ. އެކަމަކުވެސް އެފަދަ ކަނބަލުންގެ ވާހަކަ ވަރަށް ނުދައްކާނެއެވެ. ދައްކާނީ ރަނގަޅުނޫން އަންހެނުންގެ ވާހަކައެވެ.
ކޮންމެއަކަސް މިބުނި ފަދަ ހެޔޮލަފާއަންތބަކު ލިބިމުންވެސް ހިތް ނުފުރި ހިލޭ އަންހެނުންގެ ގާތަށް ގޮސް އެމީހުންނާއި ގުޅެން ބޭނުންވާ ފިރިންވެސް އުޅެއެވެ. އެހިސާބުން އަނބިމިހާއަށް އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް ނުހަދައެވެ. އޮންނާނީ ޝަކުވާކުރުމެވެ.
މިޙާލަތުގައި ހެޔޮލަފާ އަނބިންވެސް ބަދަލުވެއެވެ. ފިރިމިހާއާއި ދުރަށް ޖެހިލައެވެ. އެހިސާބުން ދައްކާނީ އަނބިމީހާ މިހާރު އަޅައިވެސްނުލާވާހަކައެވެ. އަނބިމީހާއަށް އެބަދަލު އަންނަންޖެހުނު ސަބަބުގެ ވާހަކައެއް ނުދައްކާނެއެވެ. ދައްކާނީ ގެއަށް ދިއުމުން ހިތްހަމަޖެހުން ނުލިބޭކަމުގެ ވާހަކައެވެ.
އެފަދަ ފިރިންނަށް ބުނެލަން އޮތީ ތިއަ ޙާލަތުކުރިމަތިކުރުވައިގެން ތިއަ އުޅެނީ އަމިއްލައަށެވެ. ސަލާމަތްވާން އެހެން އަންހެނަކާއި ގުޅުނަސް އުފަލެއް ނުލިބޭނެއެވެ. އެއީ ތިބާއަށްޓަކައި ޤުރްބާންވި އަނބިމިހާ ތިބާއަށް ދިންވަރަށް ލޯތްބާއި އަޅައިލުން ނުލިބޭނެތީއެވެ.
އުފާވެރިކަން ބޭނުންވާނަމަ ތިމާއަށްޓަކައި ޤުރްބާންވި އަނބިމީހާގެ އަގުވަޒަންކޮށް އޭނާއާއިއެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ. އެކަމަށް ހިތްވަރުކުރާވަރަކަށް އުފާވެރިކަންދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް