ޢިބްރަތްތެރި ވާހަކަ: ކަނޑަށް ޣަރަޤްވެދާނެ ކަމުގެ ބިރުބޮޑުވި ވަޤުތުވެސް ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމުގެ ޔަޤީންކަމުގަ ކަންބޮޑުނުވެ ހުރި މީހަކަށް އެކަމުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޢިބްރަތްތެރި ވާހަކަ: ކަނޑަށް ޣަރަޤްވެދާނެ ކަމުގެ ބިރުބޮޑުވި ވަޤުތުވެސް ﷲ ގެ ލޯބިވެވޮޑިގަތުން ލިބޭނެ ކަމުގެ ޔަޤީންކަމުގަ ކަންބޮޑުނުވެ ހުރި މީހަކަށް އެކަމުން ސަލާމަތްވެވުނު ގޮތުގެ ވާހަކަ-

އަހުރެމެންނަށް އުފަލުގައި ތިބެވޭނީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢަލާގެ ރަޙްމަތަށް އިތުބާރުކުރެވިގެންނެވެ. ﷲ ތަޢާލާ ތިމާ ދެކެ ލޯބިވެވޮޑިގަންނަވާ ކަމާއި ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން ޔަޤީންކުރެވިގެންނެވެ. އެކަންކަން ޔަޤީން ކުރެވޭނީ އެވަރުގެ ގުޅުމެއް ﷲ ތަޢާލާ އާއި އުފެއްދިގެންނެވެ. މަސައްކަތްކުރަންވީ އެގުޅުން އުފެއްދުމަށެވެ.  

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން ކުރިމަތިވުމުން ކަންބޮޑުވެވި ފާލުން ނެއްޓިގެންދަނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އިތުބާރުނުކުރެވޭތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްނުކުރެވި ތިބޭތީއެވެ.  

އެކަންކަން ކުރެވޭނަމަ ކިތަންމެ ދެރަގޮގޮތެއް މެދުވެރިވިނަމަވެސް އަދި ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވިނަމަވެސް ކަންބޮޑުނުވެ ހުރެވޭނެކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އެއީ ވަރަށް ލޯބިން އެކުގައި އުޅޭ ވަރަށް ތަޤްވާވެރި ދެމަފިރިންނެވެ. ޗުއްޓީއެއް ހޭދަކޮށްލަން ރިޒޯޓް ސަރަހައްދެއްގައި އުޅެމުން ކުޑަ ޑިންގީއެއްގައި ފަލިޖަހަމުން ތަންކޮޅެއް ބޭރަށް ދެވިފައި ހުއްޓާ ގަދަކޮޅިގަނޑެއް އަތުވެއްޖެއެވެ. ސަލާމަތްވެވޭނެ ގޮތެއް ނެތިއްޖެއެވެ.  

އެޙާލަތުގައިވެސް ފިރިމީހާ ހަމަހަމަޖެހިލައިގެން އިނީއެވެ. ކަންބޮޑުވެގެނެއްވެސް ނުއުޅެއެވެ. އެހެންވެ އަނބިމީހާ ބުންޏެވެ. "މިހާރު އަހަރެމެންގެ ފުރާނަ މިވަނީ ބޮޑު ނުރައްކަލެއްގައެވެ. ޢަޖައިބެއް ފަދަ ގޮތަކުން ނޫނީ ސަލާމަތްވެވޭނެ ކަމުގެ އެއްވެސް އުންމީދެއްވެސް ނެތެވެ. އެކަމަކުވެސް ކަލޭ ތިއަ އިންނަނީ ހަމަ ހަމަޖެހިލައިގެންނެވެ. ކަމެއްވެގެން އުޅޭހެނެއްވެސް ކަލޭގެ ކިބައަކުން ހިއެއް ނުވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޑިންގީ ބަންޑުން ޖަހާލައި މަރުވެދާނެތީ ބިރުނުގަންނަނީ ހެއްޔެވެ؟"  

އެސުވާލުކުރުމުންވެސް ފިރިމިހާ ފެށީހޭނށެވެ! އެހެންވެ އަނބިމީހާ އަދިމާބޮޑަށް ކަންބޮޑުވިއެއްވެ. ފިރިމީހާގެ ސިކުނޑިއަށް ކޮންމެވެސް ކަމެއްވީކަމަށް ހީކުރެވުމުންނެވެ. އެހެންވެ އަނބިމީހާ އިތުރަށް ކަންބޮޑުވެގެން އުޅެންފެށުމުން ފިރިމީހާ ޖީބުން ބޮޑުވަޅިއެއްނަގައި ތިލަހުޅުވައި އަނބިމީހާގެ ކަރުގައި ޖައްސާފައި ސުވާލުކުރިއެވެ. "ކޮބާ މިހާރު ބިރެއް ނުގަނޭ ހެއްޔެވެ؟ ކަލޭގެ ކަރުބުރިކޮށްލައިފިނަމަ މިހާރުން މިހާރަށް މަރުވާނެ ނޫންހެއްޔެވެ؟ އެތަން ފެނި ކަލޭ ސަލާމަތްކުރެވޭނެ މީހަކުވެސް ނެތެއް ނޫންހެއްޔެވެ؟"  

އަނބިމީހާ ބުންޏެވެ. "ތިއައީ ހަމަތެދެކެވެ. ނަމަވެސް ވަޅި ކަލޭގެ އަތުގައި އޮތުމުން އެއްވެސް ބިރެއް ނުގަނެއެވެ. އެއީ އަހަރެންދެކެ ކަލޭ ވަރަށް ބޮޑަށް ލޯބިވާކަން ޔަޤީންކުރެވޭތީއެވެ. އަހަރެންނަށް ދެރަގޮތެއް ކަލޭ ނުހަދާނެކަން ޔަޤީންކުރެވޭތީއެވެ!" 

ފިރިމީހާ ބުންޏެވެ. "އަހަރެންވެސް ބިރުގަނެ ކަންބޮޑުވެގެން ނުއުޅެ މިއިންނަނީ އެހެންވެގެންނެވެ. އަހުރެން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން އަހަރެންނަށް ޔަޤީންކުރެވެއެވެ. އަހަރެންނަށް ދެރަގޮތެއް އެކަލާނގެ މިންވަރު ނުކުރައްވަވާނެތެވެ. ކަނޑަށް ޣަރަޤްވެ މަރުވިޔަސް އެކަންވެސް މިންވަރުކުރައްވަވާނީ ހަމަ އަހަރެންނަށް ރަނގަޅަކަށެވެ. ސަލާމަތް ކުރައްވަވައިފިނަމަ އެކަންވެސް މިންވަރުކުރައްވަވާނީ ހަމަ އަހަރެންނަށް ރަނގަޅަކަށެވެ. ވީއިރު ބިރުގަނެ ކަންބޮޑުވާންވީ ކޮންކަމަކާއި ހެއްޔެވެ؟"  

އިރުކޮޅަކުން ކޮޅިގަނޑުގެބާރުކެނޑި ހަމައަކަށް އެޅުނުއިރު ޑިންގީ އޮތީ ގޮނޑުދޮށުގައެވެ. ދެމަފިރިންނަށް ސަލާމަތްވެވުނީއެވެ. ﷲ އަށް އޭނާ ކުރި އިތުބާރުގެ ބޮޑުކަމުންކަމަށް ނުބުނަންވީ ކީއްވެގެން ހެއްޔެވެ؟ 

މިވާހައަކީ އަޅުގަނޑު ސޯޝަލްމީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ބައެއް ކިޔުންތެރިންވެސް ވާނީ ކިޔައިފައެވެ. ނަމަވެސް މިވާހަކަ އަޅުގަނޑު މިއަދުނޫހުގައި ޝާޢިޢުކޮށްލަން ބޭނުންވީ މިވާހަކައިން ލިބިދޭ ޢިބްރަތް ބޮޑުވެފައި ވަރުގަދަވެފައި މުހިންމުކަން ބޮޑުކަމުންނެވެ.

 

އެމީހަކު ހުރީ ﷲ އަށް ތެދުވެރިގޮތުގައި ކަމަށް ވެ އެމީހަކީ ﷲ އަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރި އަޅެއް ކަމުގައިވާނަމަ ކޮންމެ ކަމެއްގައިވެސް ކޮންމެ ފަދަ ޙާލަތެއްގައިވެސް ﷲ އަށް އެންމެ ފުރިހަމަގޮތުގައި ވަކީލުކުރާނެއެވެ. މަރާއި ކުރިމަތިލާން ޖެހުނަސް ކަންބޮޑެއް ނުވާނެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވުމަށެވެ.

 

--ޢާއިޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން