ލޯބިވެރިޔާ ދެކެ ވާލޯތްބަކީ ނަރަކައަށް ވަންނަންޖެހޭ ސަބަބުކަމަށް ނުވާނީ ތިއަ ކަނބަލުން އެކަމަށް ހޭލުންތެރިވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ލޯބިވެރިޔާ ދެކެ ވާލޯތްބަކީ ނަރަކައަށް ވަންނަންޖެހޭ ސަބަބުކަމަށް ނުވާނީ ތިއަ ކަނބަލުން އެކަމަށް ހޭލުންތެރިވެގެން!

މީހަކު ދެކެ ލޯބިވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ އެލޯބީގެ ސަބަބުން ފާފަކުރެވި ނަރަކައަށް ވަންނަން ޖެހުމެވެ. ހޭލުންތެރިވާންވީ އެކަމަށެވެ. ތިބާކުރި ޢަމަލުތަކުގެ ފަތް ޤިޔާމަތް ދުވަހު ތިބާއަށް ދެއްކެވުމުން "މިފާފަކުރެވުނީ ލޯބިވެރިޔާ ބުނެގެން" ކަމަށް ދެންނެވުމުގެ ފުރުޞަތެއް ނުދެއްވަވާނެއެވެ. އެކަމަށް މިހާރުންސުރެ ހޭލުންތެރިވާށެވެ!

އަހުރެމެންގެ އާޚިރަތް ނަގާލަމުން މިގެންދަނީ ހަމަ އަހުރެމެން އަމިއްލައަށެވެ. ގިނަ ބައެއްގެ އާޚިރަތް ގެއްލިގެންދަނީ ޝައިޠޯނާގެ ބަހަށް ހެއްލެވި ޙަރާމް ގޮތުގައި ޖިންސީ ގުޅުން ހިންގޭތީއެވެ. ފާޙިޝް ޢަމަލުތައް ކުރެވޭތީއެވެ.  

މިދަރުސްދޭން އަހުރެން ވަރަށް ގިނަ ހޯދުންތައް ހޯދީމެވެ. ވަރަށް ގިނަ މަސައްކަތްކުރީމެވެ. މަޢުލޫމާތު އެއްކުރަމުން އަންނަތާ 3 އަހަރުވީއެވެ. އެތައް ސަތޭކަ ޒުވާން އަންހެންކުދިންނާއި ސުވާލުކުރީމެވެ.  

އެކުދިން ދީފައިވާ މަޢުލޫމާތުން އެނގެނީ އެންމެ ގިނަ ޢަދަދެއްގެ ކުދިންގެ ޢިއްފަތްތެރިކަން ނަގައިލީ އެކުދިންގެ އަމިއްލަ އިޚްތިޔާރުގައި ކަމެވެ. ލޯބިވެރިޔާ އެދުމުން ފާޙިޝް ޢަމަލުތައް ކުރަނީ ކަމެވެ. ރުހުމާނުލައި ގަދަކަމުން ޢިއްފަތް ފޭރިގަނެފައިވާކަމަށް ބުނީ ނިޞްބަތުން ވަރަށް މަދު ކުއްޖެކެވެ.  

ހަމައެއާއިއެކު ލޯބިވެރިޔާ އެދުމުން އޭނާ ރުއްސަން ޢިއްފަތްތެރިކަން ނަގައިލި ގިނަ ކުދިންނަށް ލޯބިވެރިޔާވަނީ ކޮޅުކެހިދީފައެވެ. އެމީހުން ބޭނުންވާކަންތައް ޙާޞިލުކުރެވުމުން ލޯބިވުން ވަނީ ނިންމައިލަފައެވެ. ވީމާ އެމީހުން ލޯބިއެވީ ޢިއްފަތްތެރިކަމަށް އަރައިގަންނަން ބޭނުންވެގެން ނޫންހެއްޔެވެ؟  

ލޮބުވެތި އުޚުތުންނޭވެ! އެކުދިންގެ ކިބައިން އެނގުނު އެންމެ މުހިންމު ކަންތައްވެސް ފާހަގަކޮށްލާނަމެވެ. އެކަމަކީ މިއީ މިކަން ހިނގަމުން އަންނަ ގޮތްކަން އެކަނބަލުންނަށްވެސް ރަނގަޅަށް އެނގެއެވެ. އެކުވެރިންނަށާއި ޢާއިލާގެ އެތައް ބައަކަށް މިޙާލަތު ކުރިމަތިވެފައިވާކަންވެސް އެނގެއެވެ. ނަމަވެސް ވެވިފައިވާ ލޯތްބެއްގެ ސަބަބުން އިތުބާރުކޮށް ޝައިޠޯނާގެ މަޅީގައި ޖެހެވެނީއެވެ.

ލޮބުވެތި އުޚުތުންނޭވެ! އަބަދުވެސް ބުނާ ފަދައިން ތިބާދެކެ ލޯބިވާ މީހަކު ތިބާގެ ޢިއްފަތްތެރިކަމަކަށް ނުއެދޭނެއެވެ. އާޚިރަތް ގެއްލުވާލަން ބޭނުމެއް ނުވާނެއެވެ. ވީމާ އެފަދަ ކަމަކަށް އެދޭހިސާބުން އެމީހަކަށް ރަތްކާޑުދައްކާށެވެ. ނުދެއްކިއްޖެނަމަ އެކަންވާނީ ތިބާގެ އަމިއްލަ އަތުން ތިބާގެ ދެދުނިޔެ ނަގައިލުން ފަދަ ކަމަކަށެވެ. އެޙާލަތުން ސަލާމަތްވެވޭނީ ހަމަ ތިއަކުދިން އެކަމަށް ހޭލުންތެރިވެގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން