ތިބާގެ ވެރި ރައްބާ ގުޅުންބަދަހިކުރާނަމަ ތިބާ އެންމެ އެދޭ ކަންކަން ދާނީ ޙާޞިލުވަމުން! ހެޔޮލަފާ ފިރިއަކު ތިބާ ދޫކޮށްލުމަކީވެސް ދުރުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ތިބާގެ ވެރި ރައްބާ ގުޅުންބަދަހިކުރާނަމަ ތިބާ އެންމެ އެދޭ ކަންކަން ދާނީ ޙާޞިލުވަމުން! ހެޔޮލަފާ ފިރިއަކު ތިބާ ދޫކޮށްލުމަކީވެސް ދުރުކަމެއް!

ލޯބިވެރިޔާކަމަށްވީނަމަވެސް ބައިވެރިޔާކަމަށްވީނަމަވެސް އެކުވެރިއަކު ކަމަށްވީނަމަވެސް އަދި ގާތް ތިމާގެ މީހަކު ނަމަވެސް ތިބާދެކެ ފޫހިވާކަން އިހްޞާޞްކުރެވޭނަމަ އެމީހަކު ރުއްސަން ނުއުޅެ ތަންކޮޅެއް ދުރަށް ޖެހިލާށެވެ. މުޢާމަލާތުކުރުން މަދުކޮށްލާށެވެ! ސަބަބަކީ ފަހަތުން ދުވާ ވަރަކަށް އެމީހަކަށް އިޙްޞާޞްކުރެވޭނީ އޭނާގެ މުހިންމު ކަމެވެ. އެމީހަކާއި ނުލައި ތިބާއަށް ނުއުޅެވިގެން އުޅޭކަމެވެ.  

އަހުރެމެންނަކީ މުސްލިމުންނެވެ. ވީމާ މަސައްކަތްކުރަންވާނީ ގުޅުން ބާއްވަންޖެހޭ އެންމެންނާއިވެސް ގުޅިގެން އުޅުމަށެވެ. އެކުވެރިކަމާއި ގާތްކަން ބޭއްވުމަށެވެ. ނަމަވެސް މުސްލިމުންނަކީ އެއްވެސް މީހެއްގެ ކިބައިން ލޯތްބާއި އަޅައިލުން ނުވަތަ އެނޫން ކަމަކަށް އެދިގެންވެސް އާދޭސްކޮށް ސަލާންޖަހަމުން ފަހަތުން ހިނގަންޖެހޭނެ ބައެއް ނޫނެވެ.  

މުސްލިމުން ސަލާންޖަހާނީވެސް އާދޭސްކުރާނީވެސް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެއްވެސް އިންސާނެއްގެ ދެފައިމައްޗަށް ވެއްޓި ޢާދޭސްކުރުމެއް ނެތެވެ.  

ރަނގަޅަށް ވިސްނާށެވެ! ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާށެވެ! އެންމެ ކާމިޔާބު ދިރިއުޅުމެއް އުޅެވެނީ އެއްވެސް މީހަކަށް ބަރޯސާނުވެ އަމިއްލައަށް އަމިއްލަ ބޭނުންތައް ފުއްދައިގެން ދިރިއުޅެން މަސައްކަތްކުރާ މީހުންނަށެވެ. އެހެން މީހުން އެންމެ ބޮޑަށް ޖެހިލުންވާނީވެސް އެފަދަ މީހުންދެކެއެވެ.  

މީގެ މާނައަކީ އަނބިމީހާ އޭނާގެ ފިރިމީހާގެ ކިބައިން ކަންކަމު ނުއެދުމެއް ނޫނެވެ. އަންތބެއްގެ ގޮތުގައި އިންނަމަ ފިރިމީހާގެ ކިބައިން ކަންކަމު އެދެންޖެހޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ފިރިމީހާއަށްވެސް އަންގައިދޭންވީ އޭނާއަކީ ރައްބު ނޫންކަމެވެ. ރައްބަކީ ތިމާ އުފައްދަވައި ދުނިޔެއަށް ފޮނުއްވަވައި އަދި ހުރިހާ ކަންކަން މިންވަރުކުރައްވަވާ ﷲ ތަޢާލާ ކަމެވެ. އަޅުވެތިވެ އާދޭސް ދަންނަވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށް ކަމެވެ.  

އެކަން ދައްކައިދޭންޖެހޭނީ ބުނާބަހަކުން ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގެ ތެރެއިން ފިރިމިހާއަށް ކިޔަމަންތެރިވުމުގައިވެސް ދައްކަންޖެހޭނެއެވެ. އެއީ އެއްވެސް ޙާލެއްގައި ދެރަވެ ބަލިކަށިޥާކަމެއް ނޫނެވެ. ގަދަވެ ވަރުގަދަވާ ކަމެކެވެ.  

އަނބިމީހާއަކީ މިބުނެދިން މަގުން ޢަމަލުކުރާ އަންހެނަކު ކަމުގައިވާނަމަ އޭނާއަކީ ހަރުދަނާ އަންހެނެއްކަމަށް ހެޔޮލަފާ ފިރިންނަށް ޤަބޫލުކުރެވޭނެއެވެ. އެއިރުން އެފަދަ އަންތބަކު ގެއްލިގެން ދިއުމަކަށް ފުރުޞަތެއް ނުދޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން