ތިބާއަށް ކުރެވޭ ކުށްދައްކައި އިޞްލާޞްކުރަން ބުނާ ބައިވެރިޔާއާ އޮތީ ވަކިވުމެއް ނޫން! އިނާމުދީ ހިތްވަރުދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ތިބާއަށް ކުރެވޭ ކުށްދައްކައި އިޞްލާޞްކުރަން ބުނާ
ބައިވެރިޔާއާ އޮތީ ވަކިވުމެއް ނޫން! އިނާމުދީ ހިތްވަރުދިނުން!

ޒުވާން ދެމަފިރިއަކަށް އެކުގައި ނުއުޅެވޭ ހިސާބަށް

ކަންކަން ދިއުމުން ޢިލްމްވެރިއެއްގެ އަރިހަށް ދިއައެވެ. މައްސަލަތައް ކިޔައިދީ ނިމުމުން އެނގުނީ އޮތް އެންމެ ބޮޑު މައްސަލައަކީ އަނބިމީހާ ފިރިމީހާގެ ކުށްތައް ބަޔާންކޮށް އިޞްލާޙްކުރަން ބުނާކަމެވެ.

ޢިލްމްވެރިޔާގެ ޖަވާބު އެނގޭ ހެއްޔެވެ؟ "ދަރިފުޅާއެވެ! ތިބާގެ ބައިވެރިޔާ އާއި ވަކިވާން ހެޔޮނުވާނެއެވެ! އޭނާ އެކަންކުރާތީ (ފިރިމީހާއަށް ގޯސްކޮށް ކުރެވޭ ކަންކަން ފާހަގަކޮށް އިޞްލާޙްކުރަން ބުނާތީ) އޮތީ އެކަމަށް ހިތްވަރުދީ އިނާމުވެސް ދިނުމެވެ. ސަބަބަކީ ކުށް ދައްކާނީ ލޯބިވާތީއެވެ. ހެޔޮއެދޭތީއެވެ. ވަކިނުވެ ޢުމުރަށް އެކުގައި އުޅެން ބޭނުންވާތިއެވެ.

ޢިލްމްވެރިޔާ އެބަޔާންކުރެއްވީ ކަމުގެ ޙަޤީޤަތެވެ. އެކަން އޮތް ގޮތެވެ. ވީމާ ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ!

ދެމަފިރިންގެ މެދުގައި މައްސަލަޖެހުމާއި ނުތަނަވަސްކަން އުފެދުމުން އެކަން އެގޮތަށް މެދުވެރިވި ސަބަބާއިމެދު ވިސްނައިލަނީ ވަރަށް މަދުމީހެކެވެ. ޤަބޫލުކުރެވެނީ އަނެކާ ތިމާގެމަތިން ފޫހިވަނީ ކަމަށެވެ. ދެން ކަންތައްތައް ވެގެންދާ ގޮތަކީ އެއްވެސް ޝަކުވާއެއް ނުކުރާ، ތިމާގެ ހުރިހާ ކަމަކަށް ތަޢްރީފްކުރާ މީހަކާއި ބައްދަލުވުމުން އެއީ މާރަނގަޅު، ތިމާދެކެ މާލޯބިވާ މީހެއް ކަމަށް ޤަބޫލުކުރެވި އެމީހަކާއި ގުޅެވެނީއެވެ.

ނަމަވެސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ފުރަތަމަ ކަމަކަށް ވިސްނާލަންޖެހޭނެ ކަމަކީ އަލަށް ބައްދަލުވި މީހާއަށް ތިބާގެ ކިބައިގައި ހުރި އުނިސިފަތައް ނުއެނގޭނެކަމެވެ. އެންމެ ކުޑަމިނުން ތިބާވެސް އެކަންކަމުގެ ވާހަކަ ކިޔައެއް ނުދޭނެއެވެ.

ތަންކޮޅެއް ދުރަށް ވިސްނައިލާށެވެ! ބައިވެރިޔާއާއި ގުޅިގެން ފުރަތަމަ އުޅެންފެށި ދުވަސްވަރު ތިއަ ދެމީހުންގެ މެދުގައިވެސް ކަންތައްތައް ވެފައި އޮންނާނީ ހަމަ އެފަދަ ގޮތަކަށެވެ. އެކަކު އަނެކަކަށް މާގިނަ ޝަކުވާތަކެއް ނުކުރާނެއެވެ. އެއީ އަނެކާގެ ކަންކަން ހުންނަ ގޮތާއި ސިފަތަކާއި އުނި ކަންކަން ނުއެނގޭތީއެވެ. މައްސަލަތައް ކުރިމަތިވާން ފަށާނީ އެކުގައި ދުވަސްތަކެއް ވަންދެން ދިރިއުޅެ އަނެކާގެ ޢަމަލުތައް ހުންނަ ގޮތް އެނގުމުންނެވެ.

ބައިވެރިޔާ ޝަކުވާކުރާތީ ފޫހިވެ އަލަށް ތިއަ ހޯދި މީހާއަށްވެސް ތިބާގެ ހުރި އުނިކަންކަމާއި އިޞްލާޙްކުރަންޖެހޭ ކަންކަން އެނގުމުން އެނގުމުން ހަމަ ޝަކުވާކުރާނެއެވެ. ފަހަރެއްގައި މާސީރިއަސްކޮށް މައްސލަތައް ނަގައި މާގިނައިން ޝަކުވާކުރާ މީހަކަށްވެސް ވެދާނެއެވެ.

ލޮބުވެތި އެކުވެރިންނޭވެ! ބައިވެރިޔާ ކަންބޮޑުވެ ޝަކުވާ ކުރުމަކީ މައްސަލައެއް ނޫނެވެ. ހަމައެކަނި ބަލައިލަންވީ ޝަކުވާކުރަނީ ޙަޤީޤީ ސަބަބެއް އޮވެގެންތޯއެވެ. ޙަޤީޤީ ސަބަބެއް އޮތްނަމަ ޝަކުވާ އެކުރަނީ ބައިވެރިޔާ ތިބާދެކެ ލޯބިވާތީއެވެ. ޢުމުރަށް ތިބާއާއިއެކުގައި އުޅެން ބޭނުންވާތީއެވެ. އެކުގައި އުޅެވޭނީ އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްގެންކަމަށްވާތީއެވެ.

މިކިޔައިދިން މިންވަރުންވެސް އެނގިގެންދަނީ އިޞްލާޙްކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން އިޞްލާޙްކުރަން ބުނާތީ ބައިވެރިޔާދެކެ ފޫހިވެ ބައިވެރިޔާ ބަދަލުކުރަން ވެއްޖެނަމަ އެމީހަކަށް ޖެހޭނީ އަބަދުވެސް ބައިވެރިޔާ ބަދަލުކުރަން ކަމެވެ. އެއީ ކޮށްނިމޭނެކަމެއް ނޫންކަމެވެ. ވީމާ އޮތް އެންމެ ރަނގަޅު ޙައްލަކީ ދެމީހުންވެސް އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރުން ކަމެވެ.

އަލަފް / މިއަދުނޫސް

މިއަދު އޮންލައިން