އަނެކާގެ ސިފަ ރީތިވެގެން ޙަސަދަވެރިނުވާށެވެ! އުފާވެރި ދިރިއުޅުމަކަށް އެދޭ މީހުން އިޚްތިޔާރުކުރާނީ އެހާ ސިފަ ރީތި ނޫން ބައިވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އަނެކާގެ ސިފަ ރީތިވެގެން ޙަސަދަވެރިނުވާށެވެ!
އުފާވެރި ދިރިއުޅުމަކަށް އެދޭ މީހުން އިޚްތިޔާރުކުރާނީ އެހާ ސިފަ ރީތި ނޫން
ބައިވެރިން!

އަހުރެމެން ބުނަނީ އަމިއްލަ ހަށިގަނޑު ކަމަށެވެ.

އަމިއްލަ ހަށިގަނޑު ކަމަށްވިޔަސް އެއްވެސް ބާރެއް ނުފޯރުވޭ ކަންކަން އެބަހުއްޓެވެ. އެއީ ދުނިޔެއަށް އުފަންވާ ސިފައާއި ޖިންސާއި އަދި އިސްކޮޅު ފަދަ ކަންކަމެވެ. މިއިން އެއްވެސް ކަމަކަށް ކަންބޮޑުވެގެން ގެނެވޭނެ ޙަޤީޤީ ބަދަލެއް ނެތެވެ. އެތައް މަސައްކަތަކުން ގެނެވޭ ކުޑަ ބަދަލުވެސް އިސާހިތަކު ބަދަލުވެގެންދާތީއެވެ.

މާތް ﷲ އިންސާނުން އުފައްދަވާފގައިވަނީ އެކިސިފައަށެވެ. ވީމާ ތިމާއަށް ދެއްވަވާފައިވާ ސިފައާއިމެދު ކަންބޮޑުވާންޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު އަބަދުހެން އުޅެނީ ސިފަރީތިކުރެވޭތޯއެވެ. އެހެންވެ ލިބޭ ޢާމްދަނީން ބޮޑުބައެއް ހޭދަކުރަނީވެސް އެކަމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ޞިއްހަތަށް ގެއްލުންލިބޭއިރުވެސްމެއެވެ.

ލޮބުވެތި ކަނބަލުންނަށް ބުނެލަން ބޭނުންވަނީ ސިފަ އެހައި ރީތިނުވެގެން ކަންބޮޑުނުވާށެވެ! ބުއްދިވެރި ފިރިހެނަކުނަމަ އެހައި ރީތި އަންހެނަކާއި ކައިވެނިކުރަން ބޭނުމެއްވެސް ނުވާނެއެވެ. ސަބަބަކަށްވަނީ ކަޅިއަޅާ މީހުން ގިނަވުމެވެ. ކަޅިއަޅާ މީހުން ގިނަވީމާ ފަސޭހައިން ގެއްލޭތީއެވެ. އަބަދު ފާރަވެރިވާންޖެހޭނެތީއެވެ.

އެއްވެސް ކަމެއްގައި އެންމެން އެއްގޮތްވާނެކަމަށް ބުނާކަށްނުވާނެއެވެ. ވީމާ ސިފަރީތި ހުރިހާ އަންހެނުންގެ އުޅުން އެއްގޮތްވާނެކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ސިފަރީތި ގިނަ އަންހެނުންގެ ދިރިއުޅުމަށް ބެލުމުން މިބުނި ކަންކަން ފާހަގަކުރެވޭނެއެވެ. މިބުނީ ޙަޤީޤަތްކަން އެނގޭނެއެވެ.

ބޭރުފުށުގެ ސިފައަށް ކަންބޮޑުނުވެ އެތެރެފުށުގެ ސިފައަށް ކަންބޮޑުވާން އަބަދުވެސް ނަޞޭޙަތްތެރިވަނީ އެހެންވެގެންނެވެ. އުފާވެރި ދިރިއުޅުމެއް ލިބުން އޮތީ އެތެރެފުށުގެ ސިފަ ރީތިކޮށްގެންނެވެ. އަދި އާޚިރަތް ކާމިޔާބުކުރެވެން އޮތީވެސް އެތެރެފުށުގެ ސިފަ ރީތިކޮށްގެންނެވެ.

އެތެރެފުށުގެ ސިފަ ރީތިކޮށްފިނަމަ ތަޤްވާވެރިވާނެއެވެ. އެމީހެއްގެ އަޚްލާޤްވެސް ރަނގަޅުވާނެއެވެ. ހަރުދަނާވާނެއެވެ. ބައިވެރިޔާއަށް އަބަދު ފާރައަށް ހުންނާކަށްވެސް ނުޖެހޭނެއެވެ. ލިބޭމިންވަރަށް ފުއްދާނެތީ ފުދުންތެރި ދިރިއުޅުމެއްވެސް އުޅެވޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން