ރުޤްޔާކުރާ ބައެއް އެކުވެރިންގެ ކިބައިން އެނގޭގޮތުގައި ދޮށީއަނބި ސިޙުރުހަދާކަމުގެ ތުހުމަތުގައި ރުޤްޔާކުރަންދާ ހަގު އަނބިން ގިނައެވެ. މިއީ ތަނަކޮޅެއް ބޮޑަށް ވިސްނާލަން އޮތް ކަމެކެވެ.
ފުރަތަމަވެސް އެއްބަސްވަމެވެ. އިންސާނުންގެ ތެރޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭތީ ސިޙުރުިހަދާ ބައަކުވެސް ތިބޭނެއެވެ. އެކަމަކު ސިޙުރު ނުހެދިޔަސް ފިރިމީހާ ފޫހިވެދާނެ ސަބަބެއް އެބައޮތެވެ.
އެއީ ދެވަނަ ނުވަތަ އިތުރު އަންތބަކަށް ކައިވެނިކުރުމަށްފަހު ފިރިމީހާ ތިމާއަށްއެކަނި މިލްކްކުރަން މަސައްކަތްކުރުމެވެ. ދޮށީ އަނބިމީހާ ބާކީކޮށްލުމުގެ ވިސްނުން ގެންގުޅުމެވެ. އެއިރުން ދިމާވާ ގޮތްވެސް ބުނެދޭނަމެވެ.
ފިރިމީހާ އިތުރު އަނތބަކު ހޯދައިފިނަމަ ގިނަ ދޮށީ އަނބިން ދުޢާކުރާނީ އޭނާ ބާކީކޮށް އެއްލައިލުމުގެ ވިސްނުން ފިރިމީހާއަށް ނުދެއްވެވުން އެދިގެންނެވެ. ތަޤްވާވެރި އަންބަކު ދެވަނަ އަނބިމީހާ ނިކަމެތިވުމަކަށް ނުއެދޭނެއެވެ. އެދޭނީ އޭނާއަށް ނިކަމެތިކަން ނުލިބުމަށެވެ.
އެކަމަކު ދެވަނަ އަނބިމީހާ މަސައްކަތްކުރަނީ އެކަމުގެ އަނެއްކޮޅަށެވެ. އޭނާއަށް އެކަނި ފިރިމީހާ ލިބުމަށެވެ. މިޙާލަތުގައި ދޮށީ އަނބިމީހާ އޭނާ ނިކަމެތި ނުކުރެއްވެވުން އެދިގެން ކުރާ ދުޢާ ޢިޖާބަކުރެއްވެވުމުން މެދުވެރިވާ ގޮތަކީ ދެވަނަ އަނބިމީހާގެ މައްޗަށް ކުރި ލިބެނީއެވެ. އެއީ ދެވަނަ އަނބިމީހާގެ ނިޔަތް ނުބައިވުމުން މެދުވެރިވާ ގޮތެކެވެ. ސިޙުރާ ގުޅުންހުރި ކަމެއް ނޫނެވެ.
އަހުރެންނަކީވެސް އިތުރު އަންތބަކަށް ކައިވެނިކޮށްގެން އިން އަންހެނަކީމެވެ. އަހުރެން ކައިވެނިކުރީ ރަނގަޅު ނިޔަތުގައެވެ. އަހުރެން އިތުރު އަންތބަކަށް ކައިވެނިކުރީ އެކަން ބޭނުންވެގެންނެވެ. އެއީ އަހުރެންނަށް އެކަމުން ފައިދާ ބޮޑުވާނެތީއެވެ.
ފައިދާ ބޮޑުވާ ގޮތްވެސް ބުނެދޭނަމެވެ. ގިނަފިރިން އިތުރު އަނބިން ހޯދަނީ ދޮށީ އަނބިމީހާ ކަމުނުގޮސްގެން ބާކީކޮސްލާކަށް ނޫނެވެ. އިތުރަށް ބޭނުންވާތީއެވެ. ވީމާ ދެވަނަ ކައިވެނިކުރުމަށްފަހުގައިވެސް ދޮށީ އަނބިމީހާއަށް ދޭސަމާލުކަންދޭނެއެވެ. ހަމަޤައިމުވެސް އަހުރެންގެ ފިރިމީހާ ދެއެވެ.
އެކަމުން ކުރާ ފައިދާއަކީ އަހުރެންނަށް ބާރުކުޑަވުމެވެ. ކުރަންޖެހޭ ޚިދުމަތްމަދުވުމުން ވަޤުތުލިބެއެވެ. އަހުރެންގެ އަމިއްލަ މަސައްކަތްތަކަށް ވަޤުތު ލިބެއެވެ. ގިނައިރު އަޅުކަމުގައި އިންނަންވެސް ވަޤުތު ލިބެއެވެ. ވީމާ އަހުރެން އެކުވެރި އުޚުތުންނަށް އިލްތިމާސްކުރާނީ އިތުރު އަންތބަކަށް ކައިވެނިކުރާއިރު ރަނގަޅު ނިޔަތުގައި ކައިވެނިކުރުމަށެވެ. ތިމާއަށް ޙައްޤު މަޤާމުގައި އިންނަން މަސައްކަތްކުރުމަށެވެ.
މިއީ އުސްތާޛާއަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ. މިއަދުނޫހުން މިވާހަކަކޮޅު މިގެނެސްދިނީ އުސްތާޛާގެ ނަޞީޙަތުގައި ރަނގަޅު ކަންތައްތަކެއް ހުރީމައެވެ. ރަނގަޅު ނިޔަތުގައި ވިސްނައިފިނަމަ ފައިދާކުރާނެތީއެވެ. ސިޙުރު ހަދާ ދޮށީއަނބިން ތިބޭކަން އުސްތާޛާވެސް އެވަނީ ފާހަގަކުރައްވައިފައެވެ. އެފަދަ ބައެއް މައްސަލަތަކުގެ މަޢުލޫމާތު މިއަދުނޫހަށްވެސް ވަނީ ލިބިފައެވެ. ވީމާ އެއީވެސް އޮތް މައްސަލައެކެވެ. އެކަން ޤަބޫލުކުރެއްވުމާއިއެކު އުސްތާޛާ ބަޔާންކުރައްވާފައި އެވަނީވެސް ހަމަ އޮތް މައްސަލައެކެވެ.
- މިއަދުނޫސް