ޢަލީ އިޙްޞާން ފިރާޤް
ވަލީމާ:
ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގަތުމަށްފަހު، ކުރީގެ ނަބީބޭކަލުންގެ ސުންނަތާ އެއްގޮތްވާގޮތުގެ މަތީން ކާވެނީގެ ވަލީމާ ތައްޔާރުކުރައްވައި ވަލީމާދެއްވިއެވެ. ޞަފިއްޔާ رضي الله عنها ގެ ކައިވެނީގެ ވަލީމާއާ ބެހޭގޮތުން ސީރަތުގެ އަޞްލު މަޞްދަރުތަކުގައި ހުރި ރިވާޔަތްތައް ދިރާސާކުރާއިރު، އެވަލީމާގެ ސާދާކަމާއި ބޭނުންކުރެވުނު ތަކެތީގެ ތަފްޞީލުތައް ފެންނަން ހުރެއެވެ. ޞަޙީޙު މުސްލިމްގައި އަނަސް ބިން މާލިކް رضي الله عنه ގެ އަރިހުން ރިވާވެގެންވާ ގޮތުގައި، މި ވަލީމާގައި ހިމެނުނީ ކަދުރާއި، ޗީޒް އާއި ގިތެލެވެ. ބިމުގައި ކުދި ވަޅުގަނޑުތަކެއް ފަދަ ތަންތަން ތައްޔާރުކޮށް، އޭގެ މަތީގައި ސުފުރާ ފަތުރައިގެން ލަޝްކަރުގެ މީހުން ކައިހެދިކަމަށް އެ ރިވާޔަތުގައިވެއެވެ (މުސްލިމު، އ.ނ.، ޙަދީޘް: 1365).
މި މަޢުލޫމާތަށް އިތުރު ތަފްޞީލު ދެއްވަމުން، އިބްނު ސަޢުދުގެ [އައްޠަބަޤާތުލް ކުބްރާ] ގައި ބަޔާންކޮށްފައިވަނީ، އެ ކާބޯތަކެތި އެއްކޮށްލައިގެން ޢަރަބިންގެ މެދުގައި މަޝްހޫރު ކާއެއްޗެއް ކަމަށްވާ [ޙައިޞް] ތައްޔާރުކުރެވުނު ކަމަށެވެ. މި ވަލީމާގެ ސުފުރާ ފެތުރުމުގައްޔާއި ބުއިންތައް ތައްޔާރުކުރުމުގައިވެސް ފާހަގަވެފައިވަނީ އިންތިހާ ދަރަޖައިގެ ސާދާކަމެވެ. އިބްނު ސަޢުދު ރިވާކުރައްވާ ގޮތުގައި، އެތަކެތި އެޅުމަށް ބޭނުންކުރެވުނީ ހަމައެކަނި ހަމުން ހަދާފައިވާ ކުނާ ނުވަތަ ސުފުރާ ތަކެކެވެ. މީގެއިތުރުން، ވަލީމާގެ ޚާއްޞަ ބުއިމެއްގެ ގޮތުގައި ބޭނުންކުރެވުނީ ކަދުރު ފެނަށް އަޅައިގެން ތައްޔާރުކުރި ނަބީޛް އެވެ. ވަލީމާގެ ބައިވެރިންނަށް މި ބުއިން އަމިއްލަފުޅަށް އަޅުއްވައިދެއްވައި ޚިދުމަތްކުރެއްވުމުގައި ޚުދު އުންމުލް މުއުމިނީން ޞަފިއްޔަތުގެފާނު ބައިވެރިވެވަޑައިގަތެވެ (އިބްނު ސަޢުދު، 1995، ޞ. 87-89).
ޞަފިއްޔަތުގެފާނަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ މިނިވަން އަނބިކަނބަލެއްތޯ ނުވަތަ އަޅުއަންހެނެއް (އުއްމުވަލަދެއް) ތޯ، މިކަމާމެދު ބައެއް ޞަޙާބީންގެ މެދުގައި ސުވާލު އުފެދުނެވެ. ޞަޙާބީންގެ މެދުގައި ވާހަކަ ދެކެވުނު ގޮތުގައި، ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ފަރުދާކުރައްވައި (ބުރުގާ އަޅުއްވައި) ޙިޖާބުކުރައްވައިފިނަމަ އެއީ މިނިވަން އަނބިކަނބަލެކެވެ. ފަރުދާ ނުކުރައްވައިފިނަމަ އެއީ އަޅުއަންހެނެކެވެ. މި ސުވާލުގެ ޖަވާބު ޞަޙާބީންނަށް ލިބިވަޑައިގަތީ، ދަތުރުފުޅުމަތީގައި ސަވާރީއަށް އަރައިވަޑައިގަންނަވަން އުޅުއްވި ވަގުތު، ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ ޙިޖާބުކުރައްވައި، ޖަމަލުގެ ފަހަތުގައި ބޭންދެވުމުންނެވެ. މިއާއެކު އެކަމަނާއަކީ ރަސޫލާ صلّى اللّـه عليه وسلّم ކައިވެނި ބައްލަވައިގަތް އަނބިކަނބަލެއްކަން ޞަޙާބީންނަށް ކަށަވަރުވެގެންދިޔައެވެ (މުސްލިމު، އ.ނ.، ޙަދީޘް: 1365).
ދަލާއިލުއް ނުބުއްވާގައި އިމާމު ބައިހަޤީ ލިޔުއްވައިފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވިފަހުން އެކަމަނާގެ ލޯފުޅުގެ މަތީގައި ނޫފައިގެންފައިވާތަނެއް ދެކެވަޑައިގެންނެވިއެވެ. އެތަން ދެކެވަޑައިގެން އެއީ ކިހިނެތް އުފެދުނު ނިޝާނެއްތޯ ސުވާލުކުރެވުމުން އެކަމަނާ ވިދާޅުވިއެވެ. [އެއްރެއަކު ތިމަންކަމަނާ އޭރު ފިރިމީހާގެ އުނގުގައި ބޯއަޅައިގެން އޮއްވާ މަދީނާއާ ދިމާލުން ހަނދެއް އަރައިގެން އައިސް، ތިމަންކަމަނާގެ އުނގަށްވެއްޓުނީތީ ހުވަފެނުގައި ފެނުނެވެ. އެވާހަކަ އޭނާ ގާތު ބުނުމުން އޭނާ ރުޅިއައިސްގެން ތިމަންކަމަނާގެ މޫނުމަތީގައި ޖަހާފައި ބުންޏެވެ. ޢަރަބީންގެ ރަސްގެފާނާ ކާވެނިކުރުމުގެ ހުވަފެން ދެކެނީ ހެއްޔެވެ؟ ތިޔަދެކެވަޑައިގެންނެވީ އެކަމުގެ ސަބަބުން އުފެދިގެން ދިޔަ ނިޝާނެކެވެ.]
އަދިވެސް ހަމަ އެފޮތުގައި ޞަފިއްޔަތުގެފާނާ ޙަވާލާ ދެއްވާ ލިޔުއްވައިފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. [ރަސޫލާ صلّى اللّـه عليه وسلّم އަކީ ތިމަން އެންމެ ނަފްރަތު ކުރާ އެކެކެވެ. އެކަލޭގެފާނުވަނީ ތިމަންގެ ބައްޕަ އާއި ފިރިމީހާ ޤަތުލުކޮށްފައެވެ. ރަސޫލާ صلّى اللّـه عليه وسلّم އަށް ތިމަންގެ ހިތުގައި ހިނގަމުން ދިޔަ ޝުޢޫރުތައް އެނގިވަޑައިގެން އުޒުރު ހުށައެޅުއްވިއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. [ކަމަނާގެ ބައްޕާއަކީ އެވެނި މިވެނި ކަމެއް ތިމަންކަލޭގެފާނާ ދެކޮޅަށް ކުރި މީހެކެވެ. ޢަރަބީން ތިމަންކަލޭގެފާނާ ދެކޮޅަށް ނެރުނީވެސް ކަމަނާގެ ބައްޕާއެވެ.] ޞަފިއްޔަތުގެފާނު ވިދާޅުވެއެވެ. [ތިމަންގެ ހިތުން ނަފްރަތުގެ ޝުޢޫރު އެއްކޮށްނެތިއްޖެއުމަށް ދާންދެން ރަސޫލާ صلّى اللّـه عليه وسلّم ވާހަކަފުޅު ދެއްކެވިއެވެ] (ބައިހަޤީ، 1998، ވޮލިޔުމް 4، ޞ 230).
މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނުގެ އަރިހުގައި ރޭކުރެއްވި ރޭ އެކަމަނާގެ ފަރާތްޕުޅުން ރަސޫލާ އަށް ގެއްލުމެއް ލިބިވަޑައިގެންފާނެ ކަމަށްޓަކައި އަބޫއައްޔޫބުލް އަންޞާރީ ރަޟިޔަالله ޢަންހު ފޭލިގެކޮޅުގެ ބޭރުގައި ފޯރިއަށް ހުންނެވިއެވެ. ކަނޑިކޮޅު ހިއްޕަވައިގެން ފޭލިގެކޮޅުގެ ބޭރުގައި ހެދުނުވެއްޖެއުމަށް ދާންދެން ހިންގަވަހިންގަވާ ހުންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެމަންޒަރު ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ.
[އޭ އަބޫއައްޔޫބެވެ. ކިހިނެއްވީތޯއެވެ؟]
އަބޫއައްޔޫބުލް އަންޞާރީ ރަޟިޔަالله ޢަންހު ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. ޞަފިއްޔާގެ ބައްޕައާއި ފިރިމީހާއާއި ބޭބެ އަދި ގާތްތިމާގެ މީހުން ޤަތުލުވެގެން ދިޔައީ އިހަށް ދުވަހުގައެވެ. އެކަމަނާ އިސްލާމްވެވަޑައިގެންނެވިތާ އަދި މިވީ މަދު ދުވަސްކޮޅެކެވެ. އެހެންކަމުން އެކަމަނާގެ ފަރާތްޕުޅުން ކަލޭގެފާނަށް ނުރައްކަލެއް އަތުވެދާނެތީ އަޅުގަނޑު ބިރުގަތީއެވެ.] އަބޫއައްޔޫބުލް އަންޞާރީ ރަޟިޔަالله ޢަންހު ގެ މިވާހަކަތައް އަޑުއައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހިނިވަރުނަ ކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނަށް ހެޔޮ ދުޢާފުޅު ކުރައްވިއެވެ(އިބްނު ސަޢުދު، 1995، ޞ 89).