ދިރިއުޅުމުގަ ނަމަވެސް ތިބާއަށް އެކަމަކަށް ބާރު ނުހިންގޭނެ އެއްވެސް ކަމަކަށް ކަންބޮޑުވެގެން ކުރާނެ ފައިދާއެއް ނެތް! ލިބޭނީ އިތުރު އަނިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދިރިއުޅުމުގަ ނަމަވެސް ތިބާއަށް އެކަމަކަށް ބާރު ނުހިންގޭނެ އެއްވެސް ކަމަކަށް ކަންބޮޑުވެގެން ކުރާނެ ފައިދާއެއް ނެތް! ލިބޭނީ އިތުރު އަނިޔާ!

ކަމެއް ދިމާވުމުން ފުރަތަމަވެސް ބަލައިލަންވީ އެކަން ޙައްލުކުރަން ތިމާއަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟ އެއްވެސް ކަމެއް ކުރެވޭނެތޯއެވެ؟ އެއްވެސް ކަމެއް ކުރެވޭނެނަމަ އެކަމެއް ކުރަން އަވަސްވެގަންނާށެވެ! އެކަމެއް ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް ކުރާށެވެ! 

ނަމަވެސް ތިބާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްނަމަ އެކަން ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ! އެކަމަކުން ސަލާމަތްކަމަށް އެދި ނުވަތަ ތިބާ ބޭނުންވާ ގޮތަށް ހިންމަވައިދެއްވެވުން އެދިގެން ދުޢާކުރުންމަތީގައި ހުންނާށެވެ! އެކަން ކާމިޔާބުވާނެ ޔަޤީންކަމާއިއެކުގައެވެ.  

ގިނަ ބައަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ ޢަމަލުކުރެވޭ ގޮތުންނެވެ. ތިމާއަށް އެކަމެއްގެ މައްޗަށް އެއްވެސް ބާރެއް ލިބިގެންނުވާ ކަންކަމަށް ވިސްނަން ހަދައިގެންނެވެ. އެކަމުގެ ސަބަބުން ދިރިއުޅެން އުނދަގޫވާ ޙާލަތަށްވެސް ކަންކަންދެއެވެ. އެގޮތަށް އެކަންވިޔަނުދޭށެވެ!

މިޘާލެއްވެސް ބުނެލާނަމެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެއްދުވި 2 މީހެކެވެ. ދެމީހުންގެ ޓެސްޓްތަކުންވެސް ފެނުނީ އެއްކަމެކެވެ. އެއީ ހިތުގައި މައްސަލައެއް ހުރިކަމެވެ. އަދި އެއީ ޢާއިލީ ގޮތުން ވާރުތަވެފައިވާ ކަމަކަށްވުމުން ފަރުވާއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަމެވެ.  

އެދުވަހަށްފަހު ދެމީހުން ބައްދަލުވީ 3 މަސްދުވަސްފަހުންނެވެ. އެކަކު ހުރީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. އަނެކާއަށް އެއްވެސް ބަދަލެއް ނައުދެއެވެ. ބަދަލު ނައި މީހާއާއި ސުވާލުކޮށްލުމުން ބުނީ ބައްޔާއިމެދު އެއްވެސް ވަރަކަށް ނުވިސްނާކަމަށެވެ. އެއީ ވިސްނިޔަސް ކުރެވޭނެ ކަމެއް ނެތީމައިކަމަށެވެ. އަނެކާއަށް ބުނެވުނެވެ. "ވިސްނަން ހަދައިގެން އަހުރެން ހަލާކުވެއްޖެއެވެ. ބަލިކަށިވެއްޖެއެވެ. އެއްވެސް މަސައްކަތެއްވެސް ނުކުރެވެއެވެ. ދިރިއުޅުންމަތިން ފޫހިވެއްޖެއެވެ."  

އެއީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެދެމީހުންގެ ކިބައިން މިފެނުނީ އަހުރެން ކުރިން ދެއްކި ވާހަކައިގެ ތެދުކަމެވެ. ވީމާ ދިރިއުޅުމުގައި ދިމާވާ ކަންކަމުގައިވެސް ހަަމ މިގޮތަށް ޢަމަލުކުރާށެވެ! އެކަމެއްގެ މައްޗަށް ތިމާއަށް އެއްވެސް ބާރެއް ނުހިންގޭނެ ކަންކަމަށް ވިސްނަންވެއްޖެނަމަ ކަންކަން މެދުވެރިވާނީ ހަަމ މިގޮތަށެވެ.

 

- ތަޖުރިބާކާރު ޤިލްމްވެރިއެއްގެ ވާހަކަފުޅަކުން 

- މިއަދުނޫސް

މިއަދު އޮންލައިން