"އެކުވެރިޔާއެވެ! ތިބާ ﷲ ގެ މަގުގައި ވަރަށް ގިނަ ކަންކަން އެބަކުރަމުއެވެ. އެކަމަކު ތިބާގެ އަނގަ މާގަދައެވެ. ބަސްމަދުކުރާށެވެ! ޤުރްއާނުގެ މާނަކިޔާށެވެ! އެއިރުން ތިބާއަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އިން ޝާ ﷲ"
މިއީ ވަރަށް ގިނައިން ޤުރްއާނުގެ މާނަކިޔާ މީހަކު އެކުވެރިއަކަށް ދިން ނަޞީޙަތެކެވެ. އެއީ ޢިލްމްވެރިއެއްވެސް ނޫނެވެ. އޭނާ ހޭލުންތެރިކުރުވީ ޤުރްއާނުގެ މާނައެވެ. ޤުރްއާނުގެ މާނަކިޔުމުން މިފަދަ ހެޔޮ ކަންކަން ވިސްނޭނެއެވެ. ނަރަކައިން ސަލާމަތްވެވޭނެ މަގުތައް ފެންނާނެއެވެ.
މުސްލިމުންގެ ތެރެއިން ގިނަ ބައަކު ޤުރްއާން ކިޔަވައެވެ. ނަމަވެސް މާނަކިޔަނީ މަދުމީހެކެވެ. މާނަކިޔާ މީހުންނަށް ހެޔޮ ބަދަލުތައް ނުއަންނަނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އޭނާގެ ހިތް އެވަނީ ހަރުވެ ހިލަވެފައިކަމަށްވުން ގާތެވެ. ފާފަކުރެވުމަކީވެސް ހިތްހަރުވާ ސަބަބެކެވެ.
ޤުރްއާނުގެ މާނަކީ އަންހެނަކަށް ކުރި ބޮޑު ފައިދާ:
އެއީ އަހުރެންނާއިއެކު މަސައްކަތްކުރަމުން އައި މީހެކެވެ. ނަމުން އޭނާއަކީ ކްރިސްޓިއަނެކެވެ. އެހެންވެ އަހުރެން ޤަބޫލުކޮށްގެން ހުރީ އޭނާއަކީ ކްރިސްޓިއަނެއް ކަމަށެވެ.
ކޮންމެ ހުކުރު ދުވަހަކު މެންދުރު އޭނާ ގެއްލެއެވެ. އޮފީހަށް އެނބުރި އަންނަނީ ގަޑި ދެގަޑިއިރު ފަހުންނެވެ. އެކަން ފާހަގަކޮށް އޭނާ ކޮންމެ ހުކުރު ދުވަހަކު މެންދުރުދަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ޖަވާބުގައި އޭނާ ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި ދަނީ ހުކުރަށް ކަމަށެވެ.
ދެން އަހުރެން މަސައްކަތްކުރީ އާދިއްތަ ދުވަހު އޭނާ ފައްޅިއަށް ގެންދެވޭތޯއެވެ. ތަކުރާރުކޮށް އޭނާ އެކަމަށް އިންކާރުކުރުމުން އަހުރެން ބުނީމެވެ. "ޙައްޤު ދީނަކީ ކްރިސްޓިއަން ދީންކަން ކަލޭމެންގެ ފޮތުން އަހުރެން ކަލެއަށް ދައްކާނަމެވެ." އެހެންބުނީ ފައްޅީގައި ކޮންމެ ދުވަހަކު ކިޔައިދޭ ވާހަކަތަކަށް އިތުބާރުކޮށެވެ.
އޭނާއާއި ޗެލެންޖްކުރަން އަހުރެން ބޭނުންވިއެވެ. އެހެންވެ ޤުރްއާނުން އެކަން ހޯދަން އަހުރެން ޤުރްއާން (ތަރުޖަމާ) ކިޔަންފެށީމެވެ. ކިޔައި ނިމުނު އިރު މިހުރީ އެހެން މީހަކަށް ބަދަލުވެފައެވެ. އަހުރެންގެ ބޮލުގައި މިއޮތް ސްކާފް ފެނޭ ނޫންހެއްޔެވެ؟ މިއަދު އަހުރެންނަކީ އިސްލާމް ދީނަށް ޢަމަލުކުރާ މުސްލިމަކީމެވެ.
މިއީ އަލަށް އިސްލާމްވި އަންހެނަކު އޭނާ އިސްލާމްވި ގޮތުގެ ވާހަކަ ކިޔައިދިން ގޮތެވެ. ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔައިފި މީހަކަށް އޭނާއަކީ ޙަޤީޤަތް ޤަބޫލުކުރާ މީހަކު ނަމަ އޭނާ ޤުރްއާން ޤަބޫލުކޮށް އިސްލާމް ދީން ޤަބޫލުކުރާނެތެވެ. އިން ޝާ ﷲ