ޚައިބަރު ހަނގުރާމަ:
ޚައިބަރަކީ މަދީނާގެ އުތުރުގައި އޮންނަ ރަށެކެވެ. ޔަހޫދީންގެ ބޮޑެތި ކިއްލާތަކާއި ދަނޑުބިންތައް ހުރި ރަށެކެވެ. އެތަނުގެ އާބުހަވާއާއި ވައިފެން ތަޣައްޔަރުވެފައިވާ ރަށެކެވެ. މުސްލިމުންނާ ދެކޮޅަށް ރޭވުންތައް ރާވައި ހިންގަމުން ދިޔައީ ޚައިބަރުގައެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ހިތްވަރުދީ، މުސްލިމުންނާ ދެކޮޅަށް ފާޑުފާޑުގެ ޕްރޮޕަގެންޑާ ފަތުރަމުންދާ ހާއްޔަކީވެސް މިއީއެވެ. އަޙްޒާބު ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް މީސްތަކުން ލެނބުމުގެ އެންމެ އިސް މޭސްތިރިންނަކީ ޚައިބަރުގެ ޔަހޫދީންނެވެ. ވައުދާ ޚިލާފުވެ ޚިޔާނާތްތެރިވުމަށް ބަނީ ޤުރައިޡާ ލެންބުވީވެސް އެބައިމީހުންނެވެ. އެބައިމީހުން ދިޔައީ މުސްލިމުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރަމުން ގެންދާ މުނާފިޤުންނާ ގުޅިގެން، ތަފާތު ރޭވުންތައް ރާވަމުންނެވެ.
ޙުދައިބިއްޔާގެ ޞުލްޙައިގެ މުޢާހަދާއަށްފަހު، އިސްލާމްދީނާ ދެކޮޅަށް ތިބި ތިން ބޮޑު ބާރުގެ ތެރެއިން އެންމެ ނުރައްކާތެރި ބާރު ކަމަށްވާ ޤުރައިޝުންގެ ފަރާތުން އޮތް ބިރު ކެނޑި، މުސްލިމުންނަށް ހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ނިންމެވީ، ދެން ތިބި އަނެއް ދެ ބާރު ކަމުގައިވާ ޔަހޫދީންނާއި ނަޖުދުގެ ޤަބީލާތަކުގެ މައްސަލަ ޙައްލުކުރަންވީ އެންމެ ރަނގަޅު ވަގުތަކީ މިއީ ކަމަށެވެ. އެއީ މުޅި ސަރަޙައްދަށް އަމާންކަން ގެނެސް، މުސްލިމުންނަށް އެއްވެސް ބިރެއް ނެތް، ހަމަޖެހޭ މާހައުލެއްގައި ދީނުގެ ދަޢުވަތު ފެތުރުމަށް ވަގުތު ހޯއްދެވުމަށެވެ.
ޚައިބަރުގެ ޔަހޫދީން ވަނީ މުސްލިމުންނާ ދެކޮޅު އެހެން ޤަބީލާތަކާ ގުޅިގެން އިއްތިޙާދެއް ހަދާފައެވެ. އެމީހުން ބަނީ ޤުރައިޡާ ޤަބީލާއަށް ބާރުއަޅައިގެން، މުސްލިމުންނަށް ޚިޔާނާތްތެރި ކުރުވިއެވެ. އަދި ޣަޠުފާން ޤަބީލާއާއި އެހެނިހެން ޢަރަބިންނާ ގުޅިގެން، ރަސޫލާ صلّى اللّـه عليه وسلّم އަވަހާރަކޮށްލަންވެސް ރޭވިއެވެ. ޙަޤީޤަތުގައި މުސްލިމުންނަށް ކުރިމަތިވި ގިނަ އުނދަގޫތަކުގެ އަސްލަކީ އެމީހުންނެވެ. ޞުލްޙަވެރިކަމާއެކު މިކަން ނިންމަން އެތައް ފަހަރަކު މަންދޫބުން ފޮނުވުނު ނަމަވެސް، ޔަހޫދީން އެކަމަކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން، އެމީހުންގެ ފަރާތުން ކުރިމަތިވެދާނެ ކުއްލި ޙަމަލާއަކުން ރައްކާތެރިވުމަށްޓަކައި، އެތަނަށް ހަނގުރާމައަށް ވަޑައިގަތުން ނޫން އެހެން ގޮތެއް ނެތްކަމަށް ރަސޫލާ صلّى اللّـه عليه وسلّم ނިންމެވިއެވެ.
ޚައިބަރު ހަނގުރާމައިގެ ކުރިން ހިނގި ޙުދައިބިއްޔާގެ ދަތުރުގައި (ޞުލްޙައިގައި)، މުނާފިޤުންނާއި އީމާންކަން ބަލިކަށި މީހުން ބައިވެރިވުމުގެ ހުއްދަ ދެވިގެނެއް ނުވެއެވެ. އެހެންކަމުން، ރަސޫލާ صلّى اللّـه عليه وسلّم ޚައިބަރު ހަނގުރާމައަށް ނުކުމެވަޑައިގަތުމުގެ ކުރިން، އެކަލޭގެފާނު އެ ހަނގުރާމައަށް ޖިހާދުކުރުމަށް އެދޭ މީހަކު މެނުވީ ނުނިކުތުމަށް އެންގެވިއެވެ. އެ ހަނގުރާމައިގައި ބައިވެރިވީ ބައިޢަތުއްރިޟްވާނުގައި ބައިވެރިވެވަޑައިގަތް ބޭކަލުންނެވެ. އެ ބޭކަލުންގެ އަދަދަކީ ސާދަސަތޭކައެވެ (މުބާރަކްޕޫރީ، 1996، ޞ304-301).
އިބްނު އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި ރަސޫލާ صلّى اللّـه عليه وسلّم ޚައިބަރު ހަނގުރާމައަށް ނުކުމެވަޑައިގަތީ ހިޖްރައިން ހަތްވަނަ އަހަރުގެ މުޙައްރަމު މަހުގެ ތެރޭގައެވެ. އިސްލާމީ ލަޝްކަރު ޚައިބަރާ ދިމާއަށް ދަތުރުކުރަމުން ދިޔައީ ވަރުގަދަ އީމާނަކާއި އެކުގައެވެ. މިކަން އެނގިގެން މުނާފިޤުންގެ ރައީސް ޢަބްދުالله ބިން އުބައްބަޔު ބިން ސަލޫލު ޚައިބަރުގެ ޔަހޫދީންނަށް އެކަމުގެ ޚަބަރުތައް ފޮނުވައިފިއެވެ. މުސްލިމުން ދިޔައިރު ޔަހޫދީން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެ އެބައިމީހުންގެ ކިއްލާތަކަށްވަދެ ހިމާޔަތް ހޯދައިގެންނެވެ. މުސްލިމުން ކިއްލާއަކަށްފަހު ކިއްލާއެއް ފަތަޙަ ކުރަމުން ގޮސް ޚައިބަރު ފަތަޙަކޮށްފިއެވެ.
ޝައިޚް ޞަފިއްޔުއްރަޙްމާން އަލްމުބާރަކްޕޫރީ އެކަލޭގެފާނުގެ މަޝްހޫރު ސީރަތު ފޮތް ކަމުގައިވާ [އައްރަޙީޤުލް މަޚްތޫމް] ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޚައިބަރު ހަނގުރާމައިގެ ދުވަސްވަރު ޞަފިއްޔާ رَضِيَ اللّٰهُ عَنْهَا ގެ ފިރިމީހާ ކިނާނާ އާއި އޭނާގެ އަޚް، ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ޞުލްޙައިގެ މުޢާހަދާއެއް އެކުލަވައިލުމަށް އައެވެ. އެކަލޭގެފާނު އެބައިމީހުންނާ ޞުލްޙަވެވަޑައިގަތީ، އެމީހުންގެ ސަވާރީތަކުގައި އުފުލޭނެ ތަކެއްޗާއި، ލައިގެން ތިބި ހެދުމާއި، އަދި އަނބިދަރިން ގޮވައިގެން ޚައިބަރުގެ ބިންތަކުން ފައިބައިގެން ދިޔުމުގެ ޝަރުޠުގެ މަތިންނެވެ. އެހިނދު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެބައިމީހުންނަށް ޙަދީޘް ކުރެއްވިއެވެ.
"ތިޔަބައިމީހުން އެއްޗެއް ފޮރުވައި ރައްކާކޮށްފިނަމަ، މާތް ﷲ އާއި އެކަލާނގެ ރަސޫލާގެ ޒިންމާތަކުން (އަމާންކަމުން) ތިޔަބައިމީހުން ބަރީއަވީއެވެ."
ނަމަވެސް، ޞަފިއްޔަތުގެފާނުގެ ފިރިމީހާ ކިނާނާއާއި އޭނާގެ އަޚް، އެތަނުން ގަހަނާތަކާއި ޚަޒާނާތައް ފޮރުވިއެވެ. އެތަކެއްޗަކީ ޞަފިއްޔަތުގެފާނުގެ ބައްޕަ ޙުޔައްޔު ބްނު އަޚްޠަބް، މަދީނާއިން (ބަނީ ނަޟީރު ޤަބީލާ ބޭރުކޮށްލެވުނުއިރު) ގެނައި ގަހަނާތަކާއި ޚަޒާނާތަކެކެވެ. މިއީ އެ ދެމީހުން ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވެފައިވާ ޢަހުދާ ކަނޑައެޅިގެން ޚިލާފުވުމެކެވެ. އިބްނު އިސްޙާޤު ވިދާޅުވެފައިވާ ގޮތުގައި، ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ކިނާނާ ގެނެސް، އޭނާ ފޮރުވި ޚަޒާނާތަކާ ބެހޭގޮތުން ސުވާލު ކުރެއްވުމުން، އޭނާ އެތަކެތި ދެނަހުރި ކަމަކަށްވެސް ނުހެދިއެވެ. އެވަގުތު ޔަހޫދީއަކު އައިސް، ކިނާނާ އެ ގަހަނާތައް ވަޅުލަނިކޮށް އޭނާއަށް ފެނުނު ކަމުގައި ދެންނެވިއެވެ. އަދި އެ ސަރަޙައްދު ބަޔާންކޮށްދިނެވެ. މުސްލިމުން އެތަނަށް ގޮސް އެތަން ކޮނުނުއިރު، ފޮރުވާފައި ހުރި ގަހަނާތައް ފެނިއްޖެއެވެ. އެހިސާބުން އެ ދެމީހުންގެ މައްޗަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވިއެވެ.
ދެން ކިނާނާވީ ޚިޔާނާތާއި މުޢާހަދާ އުވައިލުމުގެ އަދަބެއްގެ ގޮތުން، އޭނާ ޤަތުލުކުރުމަށް މުޙައްމަދު ބްނު މަސްލަމާ رَضِيَ اللّٰهُ عَنْهُ އާ ޙަވާލުކުރެވުނެވެ. އޭގެ ދުވަސްކޮޅެއް ކުރިން، ޚައިބަރުގެ ފާރެއްގެ ކައިރީގައި މުޙައްމަދު ބްނު މަސްލަމާގެ އަޚް މަޙްމޫދު ބްނު މަސްލަމާ އިންނަވަނިކޮށް، ކިނާނާ ވަނީ އޭނާގެ ގައިމައްޗަށް އުޑިކިބައެއް (ބޮޑު ހިލަގަނޑެއް) ވައްޓައިލައި ޝަހީދުކޮށްލައިފައެވެ (މުބާރަކްޕޫރީ، 1996،ޞ 372).
ޚައިބަރު ހަނގުރާމައިގައި ޔަހޫދީންގެ ބޮޑުންގެ ތެރެއިން ގިނަ ބަޔަކު ޤަތުލުވެގެންދިޔައެވެ. އެ މީހުންގެ ތެރޭގައި ޞަފިއްޔަތުގެފާނުގެ ބައްޕަ ޙުޔައްޔު ބްނު އަޚްޠަބް ވެސް ހިމެނެއެވެ. ހަނގުރާމައިން ހައްޔަރު ކުރެވުނު އަސީރުންގެ ތެރޭގައި، ޞަފިއްޔަތުގެފާނު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޙާފިޡް އިބްނު ޙަޖަރު އަލްޢަސްޤަލާނީ އެކަލޭގެފާނުގެ [އަލްއިޞާބާ] ގައި ލިޔުއްވައިފައިވެއެވެ. ޚައިބަރުގެ [އަލްޣަމޫޞް] ކިއްލާ ފަތަޙަވުމަށްފަހު، ބިލާލުގެފާނު، ޞަފިއްޔާ ބިންތު ޙުޔައްޔުއާއި އެކަމަނާގެ ބޮޑުބޭބެގެ ދަރިކަނބަލުން ގޮވައިގެން، ޤަތުލުވެފައި ތިބި ޔަހޫދީންގެ ހަށިތައް ކައިރިންލާފައި ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގަތެވެ. މަރުވެފައި ތިބި ގާތްތިމާގެ މީހުންގެ ހަށިތައް ފެނުމުން، ޞަފިއްޔަތުގެފާނުގެ ކައިރީގައި ހުރި އަންހެންމީހާ ހަޅޭއްލަވައި، ބޮލަށް ވެލިއަޅައިގެން ހިތާމަކުރިއެވެ. އެހިނދު މާތް ރަސޫލާ، ބިލާލުގެފާނަށް ޙަދީޘް ކުރެއްވިއެވެ. [އޭ ބިލާލެވެ! އެ ދެ އަންހެނުން އެމީހުންގެ ތެރެއިން ޤަތުލުވި މީހުންގެ ކައިރިން ގޮވައިގެން ވަޑައިގެންނެވިއިރު، ކަލޭގެފާނުގެ ހިތްޕުޅުގައި ރަޙުމެއްވެސް ނެތީތޯއެވެ؟] (އިބްނު ޙަޖަރު، 1995، ވޮލިޔުމް 8، ޞ. 210).