އަޅުގަނޑަކީ 20 އަހަރުގެ އަންހެނަކީމެވެ. އަޅުގަނޑު ދެކެ ލޯބިވާކަމަށް މީހަކު އެބަ ބުނެއެވެ. އެކަން ޔަޤީންކުރަން ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާއެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޖަވާބު ދިމާވެއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ! ދެން އޮތްބައި ﷲ އަށް ވަކީލްކުރާށެވެ!
އެއްވެސް މީހަކު ތިބާދެކެ ލޯބިވާކަމަށް ބުނެފިނަމަ ހިނިތުންވެލާށެވެ. ނަމަވެސް ޖަވާބުދިނުމުގެ ކުރިން މިސުވާލުކުރާށެވެ! "ކިހާ ދުވަހަކަށް ހެއްޔެވެ؟"
ސަބަބަކަށްވަނީ ލޯބިވުން މިއަދު މިއޮތީ މޫސުމީ ކަމަކަށްވެފައެވެ. އެއްދުވަސްކޮޅެއްގައި ލޯބިވާނެއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ފޫހިވާނެއެވެ. މަދު މީހަކު ނޫނީއެވެ.
ސުވާލުގެ ޖަވާބުގައި ޢުމުރަށް ކަމަށް ބުނިނަމަވެސް އެކަން އެހައި ފަސޭހައިން ޤަބޫލުނުކުރާށެވެ. އެކަން ޢަމަލުން ދައްކަން ބުނާށެވެ! އެކަން ދެނެގަންނާނެ ގޮތެއްކަމަށް ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ލޯބިވާކަމަށް ބުނެފިނަމަ ކައިވެނިނުކޮށް ހަށިގަނޑުގައި ނުބީހެވޭނެކަމަށް ބުނެފައި އެކަން ތަންފީޒުކުރާށެވެ! ލޯބިވާނަމަ އެކަން ޤަބޫލުކުރާނެއެވެ. ގައިގައި އަވަހަށް ބީހެން ބޭނުންވެ ކައިވެނިކުރުން އަވަސްކުރާނެއެވެ." ލޯބިވާކަން ޔަޤީންކުރަން ކުރެވެން އެންމެ ފައިދާހުރި އިމްތިޙާނަކީ މިއީއެވެ. ލޯބިވާކަމަށްބުނަމުން ކައިވެނިކުރުން ލަސްކުރާނަމަ އެއޮތީ އިމްތިޙާނުން ފޭލްވެފައެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. ލޯބިވުމުގައިވެސް އަދި އެހެން ކަންކަމުގައިވެސް ޢަމަލުކުރަން އޮތީ އިސްލާމްދީނުގައި އޮތްމަގުންނެވެ. އެއރުން އަނެކާ ތިބާދެކެ ފޫހިވެ ބާކީކޮށްލިޔަސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް ލިބި އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަަފތުގެ ދަރުސަކުން