ޢުމަރުގެފާނަށް ރަސޫލް ޞޢޥ ގެ ގަނޑުވަރުކޮޅުން ފެނިވަޑައިގެންނެވި ކަންކަން- އުންމަތުގެ ވެރިކަމާ ތަނަވަސްކަން ހޯދަން ތެޅިފޮޅޭ މީހުންނަށް ކޮންފަދަ އަގުހުރި ފިލާވަޅެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޢުމަރުގެފާނަށް ރަސޫލް ޞޢޥ ގެ ގަނޑުވަރުކޮޅުން ފެނިވަޑައިގެންނެވި ކަންކަން- އުންމަތުގެ ވެރިކަމާ ތަނަވަސްކަން ހޯދަން ތެޅިފޮޅޭ މީހުންނަށް ކޮންފަދަ އަގުހުރި ފިލާވަޅެއް؟

ދުނިޔަވީ ޙަޔާތަކީ ވަރަށް މަދުދުވަސްކޮޅެއްކަމާއި ދާއިމީ މަންޒިލަކީ އުޚުރަވީ ޙަޔާތްކަން ކޮންމެ މުސްލިމަކަށްވެސް ޔަޤީންކުރެވޭނެއެވެ. ސުވާލަކީ އެކަން ޔަޤީންކުރެވުމުން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ މަސައްކަތްކުރެވެނީ ދުނިޔަވީ ޙަޔާތް އުފާވެރިކުރަން ހެއްޔެވެ؟ ނޫންނަމަ އާޚިރަތް އުފާވެރިކުރަން ހެއްޔެވެ؟  

ދުނިޔެއިން ތިމާ ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން 24 ގަޑިއިރު ތެލިފޮޅުމަކީ ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޤިޔާމަތްވުން ކައިރިވާ ވަރަކަށް އާޚިރަތާއިމެދު ވިސްނާމީހުން މަދުވާނެއެވެ. ދުނިޔޭގެ ޙަޔާތް އުފާވެރިކުރަން މަސައްކަތްކުރާ މީހުން ގިނަވާނެއެވެ.  

އަތުގައި ފައިސާ ނެތަސް އެންމެންވެސް ބޭނުންވަނީ މަދުވެގެން 10،12 ބުރީގެ ގެއެކެވެ. އެންމެ ޒަމާނީ ފަރުނީޗަރާއި ބަދިގޭސާމާނާއި އަދި އެންމެ އަގުބޮޑު ކާރެވެ. އެކަންކަން ޙާޞިލުކުރެވޭތޯ ތެޅިފޮޅެމުން ދަނިކޮށް ޖެހެނީ ދުނިޔެ ދޫކުރާށެވެ.  

ބައެއް މީހުން އެމީހުން ބޭނުންވާ ލަނޑުދަނޑި (ދުނިޔޭގައި) ކާމިޔާބުވެސް ކުރެއެވެ. ނަމަވެސް 50،60 އަހަރު މަސައްކަތްކޮށްގެން ހޯދޭ އުފާވެރިކަމުގައި އެމީހަކަށް ދިރިއުޅެވެނީ މަދު ދުވަސްކޮޅަކުއެވެ. މަރު އައިސް އެމީހަކާއި ކުރިމަތިލައެވެ. ހަމަ ވަގުތުން ޖެހެނީ އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރި އަގުބޮޑުގެއާއި ހޯދިހައި ތަކެތި އެހެން ބައަކަށް ދީފައި ކައްވަޅަށްދާށެވެ! ދޭން ކިތަންމެ ވަރަކަށް ބޭނުންނުވި ނަމަވެސް ނުދީ ހިފައިގެން ދެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. 

އެކަންކަން ކުރަން ވެގެން ބުރަކޮށް މަސައްކަތްކުރުމަށާއި އަވަދިނެތި އުޅެން ޖެހުމުން އާޚިރަތަށް ގެންދާނެ އެއްވެސް އެއްޗެއް ޖަމާކުރެވިފައެއް ނުހުރެއެވެ. ނަތީޖާއަކީ މިދުނިޔެއިންވެސް އުފަލެއް ނުލިބުމާއި ކައްވަޅާއި ޢާޚިރަތް ވެސް ނުލިބުމެވެ. މުބުނީ ކައްވަޅުގެ ޢަޒާބާއި ނަރަކައިގެ ޢަޒާބުން ސަލާމަތް ނުވެވޭ ހާލުގައި ދުނިޔެ ދޫކުރަންޖެހޭ ވާހަކައެވެ.

ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް، އެންމެ މަތިވެރި އިންސާނާ ރަސޫލް (ﷺ) ދިރިއުޅުއްވަވާ ގަނޑުވަރުކޮޅަށް ޢުމަރުގެފާނު ފުރަތަމަ ފަހަރަށް ވަދެވަޑައިގަތުމުން ފެނިވަޑައިގެންނެވި ފަޤީރު، ނިކަމެތި ޙާލުކޮޅަށް ކީރިތި ކުރައްވަމުން ރަސޫލް (ﷺ) އަށް ދެންނެވި ބަސްފުޅާއި ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވި ޖަވާބު ލިޔުމުގައިވާ ވީޑިއޯ އިން އަޑު އައްސަވައިލައްވާށެވެ!  

އަހަރެމެން މިއަދު މިއުޅެނީ ސިޓިންގ ރޫމްގައި 3،4 ބޮކި ޖަހައިގެންނެވެ. ލަންޓަން އެލުވައި އެވެސް ތަފާތު ކުލަތަކުން ދިއްލައިގެންނެވެ. ރަސޫލް (ﷺ) ގެ ގަނޑުވަރުކޮޅުގައި ހުރި ބައްތިކޮޅު ދިއްލާނެ ތެލެއް ނެތެވެ.  

ކިންގ ސައިޒް އެނދަކާއި 1 ފޫޓުބޯ އެންމެ މޮޅު ގޮދަޑިއާއި ބާލީސް ނެތް ނަމަ ނިދޭ ކަމަކަށް ނުވެއެވެ. ރަސޫލް (ﷺ) އަވަހާރަފުޅު ލެއްޕެވީ ކަދުރުރުކުގެފަނާއި ހުއިމަތީގައެވެ.  

މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެގޮތަށް ނިދަން ބުނުމެއް ނޫނެވެ. ވިސްނައިދޭން މި މަސައްކަތްކުރަނީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަޅުކަން ކުރަން ވަގުތު ހުސްކުރުމުގެ މުހިންމު ކަމެވެ. އާޚިރަތަށް ގެންދާނެ މުދައު އެއްކުރެވޭނީ އެއިރުން ކަމެވެ. ދުނިޔޭގައި ކިތަންމެ އަރާމުގައި އުޅުނު ނަމަވެސް ހުސްއަތާ އާޚިރަތަށް ދާން ޖެހިއްޖެނަމަ ދުނިޔޭގައި އެމީހަކު ހޭދަކުރި ދުވަސްތަކުން ކުރި އެއްވެސް ޙަޤީޤީ ފައިދާއެއް އެމީހަކަށް ނެތް ކަމެވެ.  

ވީޑިއޯ އިން ބިލާލް އައްސަދުގެ ބަސްފުޅު އަޑުއައްސަވައިލައްވާށެވެ!

 


 

 

މިއަދު އޮންލައިން