ޢަލީ އިޙްޞާން ފިރާޤް
ޞަފިއްޔާއަކީ ބަނީ އިސްރާއީލުގެ ޤަދަރުވެރި ދަރިކޮޅެއް ކަމުގައިވާ ހާރޫން ބްނު ޢިމްރާންގެ ދަރިކޮޅުގެ ބޭކަނބަލެކެވެ (އިބްނު ސަޢުދު، 1995، ޞ. 85). ހާރޫނުގެފާނަކީ މޫސާގެފާނުގެ ބޭބޭފުޅެވެ. އެދެބޭކަލުންނަކީ އިބްރާހީމްގެފާނުގެ އިސްޙާޤުގެފާނުގެ ޔަޢުޤޫބުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ދެ ނަބީބޭކަލުންނެވެ. ހާރޫނުގެފާނަކީ މޫސާގެފާނަކީ ބަނީ އިސްރާއީލުގެ މަޝްހޫރު ދެ ނަބީބޭކަލުންނެވެ. ޞަފިއްޔާގެ ގައިކޮޅުގައި ހިނގަނީ ހާރޫނީ ލޭފޮދެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި ދިމާވި މުޞީބާތްތަކާ ކުރިމަތިލެއްވީ ނުހަނު ކެތްތެރިކަމާއެކުގައެވެ.
މަޑުމައިތިރިކަމާއި މީސްތަކުންނަށް އޯގާތެރިވެވަޑައިގަންނެވުމުގެ ނަމޫނާ ދައްކަވަމުންނެވެ. ހާރޫނުގެފާނަކީވެސް އެފަދަ ބޭކަލެކެވެ. ބަނީ އިސްރާއީލުން ގެރިއަށް އަޅުކަންކޮށް، ތައުޙީދުގެ މަގުން ކައްސައިލި ނާޒުކު ދަނޑިވަޅުގައި، ހާރޫނުގެފާނު ގެންގުޅުއްވި ޙިކުމަތްތެރި، މަޑުމައިތިރި އަދި ކެތްތެރި ސިޔާސަތަކީ މިކަމުގެ އަލިގަދަ ދަލީލެކެވެ. ކާފާފުޅުގެ ކިބައިން ވާރުތަވި މި ނަބަވީ ކެތްތެރިކަމުގެ ސިފައަކީ، ޞަފިއްޔަތުގެފާނުގެ ޙަޔާތްޕުޅަށް ކުރިމަތިވި ކޮންމެ ތޫފާނެއްގައި، އެކަމަނާގެ ހިތްޕުޅަށް ސާބިތުކަން ދިން އައްޑަނައެވެ.
ޞަފިއްޔާގެ ނަސަބުފުޅުގެ މާތްކަމާއި އަޚްލާޤުފުޅުގެ ފުރިހަމަކަމުގެ ސަބަބުން، އެކަމަނާއާ ކާވެނީގެ ގޮތުން ގުޅުނީވެސް ޔަހޫދީންގެ ތެރޭގައި ތިބި އެންމެ ނުފޫޒުގަދަ ބޮޑުންނެވެ. އިބްނު ސަޢުދު ލިޔުއްވައިފައިވާ ގޮތުގައި، އެކަމަނާ އެންމެ ފުރަތަމަ ކާވެނިބެއްލެވީ ބަނީ ޤުރައިޡާ ވަންހައިގެ ބޮޑެއް ކަމުގައިވާ ސައްލާމް ބްނު މިޝްކަމްއާއެވެ. ނަމަވެސް، އޭނާ އެކަމަނާ ވަރިކުރުމުން، އޭގެފަހުން އެކަމަނާއާ ކާވެނިކުރީ ބަނީ ނަޟީރު ވަންހައިގެ ރައީސެއް ކަމަށްވާ ކިނާނާ ބްނު އައްރަބީޢުއެވެ. އޭނާއަކީ ފަހުން ހިނގައިދިޔަ ޚައިބަރު ހަނގުރާމައިގައި ޤަތުލުވި މީހެކެވެ (އިބްނު ސަޢުދު، 1995، ޞ 85).
(ނޯޓް: ތާރީޚީ ބައެއް މަޞްދަރުތަކުގައާއި ސިޔަރަތު ފޮތްތަކުގައި، ޞަފިއްޔަތުގެފާނުގެ ދެވަނަ ފިރިމީހާގެ ނަން [ކިނާނާ ބިން އަބީ އަލްޙަޤީޤު] ގެ އިތުރުން [ކިނާނާ ބްނު އައްރަބީޢު] ގެ ގޮތުގައިވެސް ލިޔެވިފައިވެއެވެ).
މި ދެ ކާވެންޏަކީ ޞަފިއްޔާއަށް އުފާވެރިކަން ގެނެސްދިން ކާވެނިތަކެއް ނޫނެވެ. ކިނާނާއަކީ އަނިޔާވެރިއެކެވެ. މުއައްރިޚުންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ލިޔުއްވައިފައިވެއެވެ. ޚައިބަރު ހަނގުރާމައިގެ ދުވަސްކޮޅެއް ކުރިން، އެއްރެއަކު ޞަފިއްޔާ އަވަހާރަފުޅަށް އޮންނަވަނިކޮށް، ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. މި ހުވަފެންފުޅާ ބެހޭގޮތުން ތާރީޚީ ރިވާޔަތްތަކުގައި ކުޑަކުޑަ ތަފާތެއް ވެއެވެ. އިބްނު ސަޢުދުގެ ރިވާޔަތް ބަޔާންކުރާ ގޮތުގައި، އެކަމަނާއަށް ފެނިވަޑައިގަތީ ޔަޘްރިބާ ދިމާއިން އައިސް، އެކަމަނާގެ ކޮޓަރިކޮޅަށް ވެއްޓުނު [ފުރިހަމަ ހަނދެކެވެ] (އިބްނު ސަޢުދު، 1995، ޞ. 85). ނަމަވެސް، ޞަޙީޙު އިބްނު ޙިއްބާންގެ ރިވާޔަތުގައިވަނީ، ހުވަފެންފުޅުގައި އެކަމަނާއަށް ފެނިވަޑައިގަތީ އެކަމަނާގެ އުނގުފުޅަށް ވެއްޓުނު [އަލިގަދަ އިރެއް] ކަމަށެވެ (ޞަޙީޙު އިބްނު ޙިއްބާން: 5199). އިރު ނުވަތަ ހަނދު ކަމުގައި ވިޔަސް، މިއީ މަދީނާއިން ފާޅުވި ނަބަވީ ނޫރު އެކަމަނާގެ ޙަޔާތަށް އަންނާނެކަން އަންގައިދޭ އިލާހީ ބަޝާރާތެކެވެ.
ޖެހިގެން އައި ދުވަހު، އެ ހުވަފެންފުޅުގެ ވާހަކަ ފިރިކަލުން ކިނާނާގެ ގާތުގައި ވިދާޅުވުމުން، އޭނާ ވަރަށް ރުޅިއައެވެ. އެކަމަނާގެ މޫނުފުޅުގައި ވަރަށް ބާރަށް ޖެހުމަށްފަހު ބުންޏެވެ. [ކަމަނާ ތިޔަ އެދެނީ ޔަޘްރިބުން (މަދީނާއިން) އެ އަންނަ ރަސްގެފާނާ ކާވެނިކުރަން ހެއްޔެވެ؟] އޭނާ ޖެހިލެއް ބާރުކަމުން، އެކަމަނާގެ ލޯފުޅުގެ ވަށައިގެން ހުރި ތަންތަން ހުރީ ނޫފައިގަނެފައެވެ. ޚައިބަރު ފަތަޙަވެ، އަސީރެއްގެ ގޮތުގައި ޞަފިއްޔާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ގެނެވުނު ހިނދު، އެކަމަނާގެ މޫނުފުޅުން ފެންނަން ހުރި މި ފެހިކުލައިގެ ނިޝާން އެކަލޭގެފާނަށް ފާހަގަކުރެވުނެވެ. އެހެންވެ، އެއީ ކީއްވެ އުފެދުނު ނިޝާނެއްތޯ މާތް ރަސޫލާ ސުވާލުކުރެއްވުމުން، އެކަމަނާ އެ ހުވަފެންފުޅުގެ ވާހަކައާއި، ކުރީގެ ފިރިމީހާގެ އަނިޔާވެރިކަމުގެ ވާހަކަ ދެންނެވިއެވެ (ޞަޙީޙު އިބްނު ޙިއްބާން: 5199، އަލް-ޠަބަރާނީ ފިލް ކަބީރު: 24/177-67).