ޢާއިޝަތު ރަފާޙް ޢަލީ
ކަމެއްގައި އުނދަގުލެއް މެދުވެރިވެއްޖެނަމަ، އެ އުނދަގުލަކަށް ލިބޭ ދަރުމައާއި އަޖުރު، އަޅުކަމުގެ ދަރުމައަށްވުރެ އިތުރުވެގެންވާކަން ދަންނާށެވެ. މިއީ އުނދަގުލުގެ މިންވަރަށް ދަރުމަ ލިބިގެންދާނެ ގޮތުގެ ޚުލާޞާއެކެވެ. އެހެންކަމުން، އެމީހަކު އުފުލި ތަކުލީފާއި ތަހައްމަލުކުރި ތަދަށް ﷲގެ ޙަޟްރަތުގައި ދަރުމަ ލިބޭނެއެވެ.
އަދި ﷲގެ ޚަލްޤުތަކުންގެ ގާތުގައި ޝަކުވާކޮށްގެން ތިބާ އުފުލި ތަކުލީފުގެ ދަރުމަ ގެއްލުވާ ނުލުމަށް ރައްކާތެރިވާށެވެ! އެއްވެސް މީހަކު ގާތުގައި ޝަކުވާ ނުކުރާށެވެ. "ތިމަންމަންގެ އެކަނިވެރިކަމާއި ހިތާމައިގެ ޝަކުވާ ދަންނަވަނީ ހަމައެކަނި ﷲ އަށެވެ" މިފަދައިން ބުނާށެވެ.
މިއީ ހިތާމައިގެ ވަގުތުގައެވެ. ފުރަތަމަ މަރުޙަލާއަކީ ވަރުބަލިކަމާއި އުނދަގޫތަކެވެ. ޝަކުވާކޮށްގެން ތިބާގެ ވަރުބަލިކަމާއި އުނދަގޫތަކަށް ލިބެންއޮތް ދަރުމަ ގެއްލުވާ ނުލާށެވެ. ސަބަބަކީ ޝަކުވާކުރުމަކީ ދަރުމަ އުނިކޮށްލާ ކަމަކަށްވާތީއެވެ. ޝަކުވާ ނުކުރާށެވެ. ކެތްތެރިވެ، ދަރުމައަށް އެދޭށެވެ. ދަރުމައަށް އެދި އެކަން ﷲއަށް ދޫކޮށްލާށެވެ. ޝަކުވާ ނުކުރާށެވެ.
ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 86 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ وَأَعْلَمُ مِنَ اللَّهِ مَا لَا تَعْلَمُونَ ﴿٨٦﴾
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. (86)”
- ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރްގެ ދަރުސަކުން
- މިއަދުނޫސް