ރަސޫލް ޞޢވ ގެ އަނބިކަނބަލުން ޞަފިއްޔަތުގެފާނުގެ ވާހަކަ- 2: ބަނީ ނަޟީރުވަންހައިގެ ހަނގުރާމަ އާއި ޞަފިއްޔަތުގެފާނުގެ ޢާއިލާ މަދީނާއިން ބޭރުކޮށްލުން-

ކިޔުމަށް ހޭދަވާނީ 11މ 55ސ
ރަސޫލް ޞޢވ ގެ އަނބިކަނބަލުން ޞަފިއްޔަތުގެފާނުގެ ވާހަކަ- 2: ބަނީ ނަޟީރުވަންހައިގެ ހަނގުރާމަ އާއި ޞަފިއްޔަތުގެފާނުގެ ޢާއިލާ
މަދީނާއިން ބޭރުކޮށްލުން-

ޢަލީ އިޙްޞާން ފިރާޤް

 

ބަނީ ނަޟީރުވަންހައިގެ ހަނގުރާމަ: 

އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައިވާނޭ ފަދައިން، ޔަހޫދީންގެ ހިތުގައި މުސްލިމުންނާ ދެކޮޅަށް އަނދަމުންދިޔައީ ނަފުރަތުގެ އަލިފާނެވެ. އެބައިމީހުންގެ އެންމެ ބޮޑު ދެކޮޅުވެރިންކަމުގައި ބަލާފައިވަނީ އިސްލާމްދީނާއި މުސްލިމުންނެވެ. ޙަސަދައާއި ރުޅިވެރިކަމުގެ އަލިފާން އަންދަމުންދިޔަ ކަމުގައިވިޔަސް، އެބައިމީހުންނަށް ފާޅުގައި މުސްލިމުންނާ ދެކޮޅަށް ތެދުވާކަށެއް ނުކެރެއެވެ. އެފަދަ ހިތްވަރެއް އެބައިމީހުންގެ ނެތެވެ. އެހެންކަމުން، އެބައިމީހުން ދިޔައީ އަޑިއަޑިން މުސްލިމުންނާ ދެކޮޅަށް މަކަރުވެރި ކެހިވެރި ރޭވުންތައް ރާވަމުންނެވެ. 

މުބާރަކްޕޫރީ ލިޔުއްވާފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  މަދީނާއަށް ވަޑައިގަތުމަށްފަހު، އެކަލޭގެފާނުވަނީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދުގައި ޢަހުދެއްވެ، ޞުލްޙައިގެ އެއްބަސްވުމެއް ލިޔުއްވާފައެވެ. ނަމަވެސް، އެބައިމީހުން ގެންދިޔައީ އެބައިމީހުންގެ ހިތުގެ އުދާސްތައް ރުޅިވެރިކަމުގެ ސިފައިގައި މުސްލިމުންނަށް ބާލަމުންނެވެ. މުސްލިމުންނަށް ބާވަތްބާވަތުގެ ގޯނާތަކާއި ކެހިދިނުމަށް ބާވަތްބާވަތުގެ ރޭވުންތައް ރާވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ބަނީ ޤައިނުޤާޢުގެ ޔަހޫދީން މަދީނާއިން ބޭރުކުރެވުނެވެ. އަދި ޔަހޫދީންގެ ބޮޑެއްކަމުގައިވާ ކަޢުބު ބިން އަލްއަޝްރަފު ޤަތުލުކުރެވުނެވެ. މި ދެ ކަންތައް ވެގެންދިޔައީ ޔަހޫދީން ހަމަބިމަށް ތިރިކޮށްލި ކަމަކަށެވެ. އެބައިމީހުންނަށް ބިރުން، ފާޅުގައި މުސްލިމުންނާ ދެކޮޅަށް ކަމެއްކުރާކަށް ނުކެރުނެވެ. 

އުޙުދު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، ޔަހޫދީންނަށް އިތުރު ހިތްވަރެއް ލިބުނެވެ. މުސްލިމުން ދެރަކޮށް ނިކަމެތިކޮށްލެވޭނެ ކަމުގެ އުއްމީދު އެބައިމީހުންގެ ހިތުގައި ހިނގައިގަތެވެ. އެބައިމީހުންގެ ކެހިވެރިކަމާއި ރުޅިވެރިކަން ފާޅުގައި ހާމަކުރަން ފަށައިފިއެވެ. ސިއްރުސިއްރުން މުޝްރިކުންނާއި މުނާފިޤުންނާ ގުޅެން ފަށައިފިއެވެ. އައްރަޖީޢުއާއި ބިއުރު މަޢޫނާގެ ޙާދިސާއާ ހަމައަށް، މާތް ރަސޫލާ صلّى اللّـه عليه وسلّم  ހުންނެވީ ޔަހޫދީންގެ ދަށުދަރަޖައިގެ ޢަމަލުތަކަށް ކެތްތެރިވެވަޑައިގެންނެވެ. 

އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު، ބަނީ ނަޟީރު ޤަބީލާގެ މީސްތަކުން ދިރިއުޅޭ ސަރަޙައްދަށް ވަޑައިގެންނެވިއެވެ. އެ ވަޑައިގެންނެވީ ޢަމްރު ބްނު އުމައްޔަތަށް އޮޅިގެން ޤަތުލުކުރެވުނު، ކިލާބު ޤަބީލާގެ ދެ މީހުންގެ މަރުގެ ދިޔަ އަދާކުރެއްވުމަށްޓަކައި، އެބައިމީހުންގެ ފަރާތުން އެހީތެރިކަމަށް އެދިވަޑައިގަންނަވާށެވެ. މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ބާވަތުގެ ކަންތައްތަކުގައި އެބައިމީހުން އެހީތެރިވެދިނުން ވާޖިބުކުރެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ވަޑައިގެން އެބައިމީހުންނާ ވާހަކަފުޅު ދެއްކެވުމުން އެބައިމީހުން ބުންޏެވެ.

[އަޅުގަނޑުމެން މިތިބީ ތިޔަކަމުގައި ކަލޭގެފާނަށް އެހީތެރިވެދޭން ތައްޔާރަށެވެ. އިހަށް އަޅުގަނޑުމެން އެކަން ހަމަޖައްސަންދެން، ކަލޭގެފާނު މިތަނުގައި އިށީންދެވަޑައިގަންނަވާށެވެ].

ދެން ރަސޫލާ صلّى اللّـه عليه وسلّم  އެބައިމީހުންގެ ގެއެއްގެ ފާރުކައިރީގައި އިށީންދެވަޑައިގަންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢަލީގެފާނާއި، އަދި އަޞްޙާބު ބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން އިށީންދެވަޑައިގެން ތިއްބެވިއެވެ. އެތަންވަޅު އަބާއްޖަވެރި ޔަހޫދީން އެއްބަޔަކު އަނެއްބަޔަކާ ސިއްރުން ބައްދަލުކޮށް، ރަސޫލާ صلّى اللّـه عليه وسلّم  ޝަހީދުކޮށްލުމުގެ މަޝްވަރާ ކުރިއެވެ. އެބައިމީހުން މަޝްވަރާކޮށްފައި ބުންޏެވެ. 

[ތިޔަބައިމީހުންގެ ތެރެއިން މި އުޑިކިބަ ހިފައިގެން ގޮސް، މާތް ރަސޫލާގެ އިސްތަށިފުޅު މައްޗަށް ވައްޓައިލައި، އެކަލޭގެފާނުގެ އިސްތަށިފުޅު ފިސްފިސްކޮށްލަން ކެރޭނީ ކާކަށް ހެއްޔެވެ؟]

އެ ވަގުތު އެތަނުގައި ހުރި ނުބައިކަން ބޮޑު ޔަހޫދީއެއްކަމުގައިވާ عمرو بن جحاش ބުންޏެވެ. [ތިޔަކަންތައް ކުރާނީ ތިމަންނާއެވެ.] އެބައިމީހުންގެ ތެރެއިން ސައްލާމް ބިން މިޝްކަމް ބުންޏެވެ. [ތިޔަގޮތަށް ކަންތައް ނުކުރާށެވެ. މާތްالله ގަންދީ ބުނަމެވެ. ކަލޭމެން ތިޔަ ކަންތައް ކުރަން އުޅޭގޮތް މާތްالله އެކަލޭގެފާނަށް އަންގަވާނެއެވެ. ތިޔަ އުވާލެވެނީ އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ ޢަހުދެވެ.]

ނަމަވެސް ޔަހޫދީންނަކީ ޔަހޫދީންނެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ޖަދު ފެށުނީސުރެ ބޯހަރު ނުސިޔާނުބަޔެކެވެ. އެބައިމީހުންގެ ފަސްބައި ކަޅިވެފައިވަނީ ރަސޫލުބޭކަލުންގެ ލޭފޮދުންނެވެ. ސައްލާމް ބްނު މިޝްކަމްގެ ވާހަކަ އަޑުނާހައި، އެބައިމީހުން ގަސްދުކުރީ ރަސޫލާ صلّى اللّـه عليه وسلّم  ޝަހީދުކޮށްލުމަށެވެ. އެބައިމީހުން މި ރޭވުން ތަންފީޒުކުރުމަށް ތައްޔާރުވަނިކޮށް، މާތްﷲ ގެ އަމުރުފުޅަށް ސަލާމްލެއްވި ޖިބްރީލުގެފާނު ވަޑައިގެން، ރަސޫލާ صلّى اللّـه عليه وسلّم  އަށް އެބައިމީހުންގެ ކެހިވެރި ރޭވުމުގެ ވާހަކަ ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު އަވަސް އަވަހަށް އެތަނުން ތެދުވެވަޑައިގެން، މަދީނާއަށް ވަޑައިގެންފިއެވެ. 

އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ސުވާލުކުރެއްވުމުން، ޔަހޫދީންގެ ރޭވުމުގެ ޚަބަރުތައް ދެއްވުމަށްފަހު، މުޙައްމަދު ބްނު މަސްލަމާ، ބަނީ ނަޟީރު ވަންހައިގެ ޔަހޫދީންގެ ގާތަށް ފޮނުއްވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން، ރަސޫލާގެ އަމުރުފުޅު އެބައިމީހުންނަށް އިއްވެވިއެވެ. މުޙައްމަދު ބްނު މަސްލަމާ ވިދާޅުވިއެވެ. [ތިޔަބައިމީހުން މަދީނާއިން ނުކުމެގެން ދާށެވެ! ދެނެއް ތިޔަބައިމީހުންނަށް ތިމަންމެންނާއެކު މަދީނާގައި ވަޒަންވެރިވެގެނެއް ނުތިބެވޭނެއެވެ. ތިޔަބައިމީހުން މަދީނާއިން ނުކުމެގެން ދިޔުމަށް ދިހަ ދުވަހުގެ މުހުލަތު ތިމަން ދެމެވެ. ދިހަ ދުވަހުގެ ފަހުން މަދީނާއިން ފެނުނު ކޮންމެ މީހެއްގެ ބޯ ކަނޑައިލާނަމެވެ.] 

ކޮންމެއަކަސް، ޔަހޫދީންނަށް ދެން އިތުރު ގޮތެއްނެތިގެން މަދީނާއިން ފައިބައިގެން ދިޔުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެބައިމީހުން މިކަމުގައި އަވަދިނެތި އުޅެނިކޮށް، މުނާފިޤުންގެ ރައީސް ޢަބްދުﷲ ބްނު އުބައްޔު ބްނު ސަލޫލަށް މިކަން އެނގިގެން، އެބައިމީހުންގެ ގާތަށް ޚަބަރު ފޮނުވިއެވެ. [ތިޔަބައިމީހުން އިހަށް މަދީނާގައި ތިބޭށެވެ! ތިމަންގެ ގާތުގައި ދެހާސް މީހުން އެބަތިއްބެވެ. އެމީހުން ތިބީ ތިޔަބައިމީހުންގެ ދިފާޢުގައި މަރުވެދާން ތައްޔާރަށެވެ.] ކީރިތި ޤުރްއާނުގައި މި ވާހަކަ ޙިކާޔަތުގެ ގޮތުން ވަޙީ ކުރައްވައިފައިވެއެވެ. 

۞ أَلَمْ تَرَ إِلَى الَّذِينَ نَافَقُوا يَقُولُونَ لِإِخْوَانِهِمُ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ ‎﴿١١﴾‏

މާނައީ: منافق ވިމީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ފޮތުގެ أهل ވެރިންކުރެ كافر ވެގެންތިބި އެއުރެންގެ أخ ންނަށް އެއުރެން ބުނެތެވެ. ތިޔަބައިމީހުން (ރަށުން) ނެރެލައިފިނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނާއެކު ތިމަންމެންވެސް ނުކުންނާނަމެވެ. ތިޔަބައިމީހުންނަށް ގެއްލުންދިނުމުގައި ދުވަހަކުވެސް އެއްވެސް މީހަކަށް ތިމަންމެން ކިޔަމަނެއް ނުވާނޫއެވެ. އަދި ތިޔަބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންނަށް نصر ދޭހުށީމުއެވެ. ހަމަކަށަވަރުން އެއުރެންނީ، ދޮގުވެރިންކަމަށް اللَّه ހެކިވެވޮޑިގެންވެތެވެ.

މުނާފިޤުންގެ ވާހަކަތަކުގެ ސަބަބުން ބަނީ ނަޟީރު ވަންހައިގެ މީހުންނަށް ހިތްވަރު ލިބި، މަދީނާއިން ނުކުމެގެން ދިޔުމުގެ ބަދަލުގައި، އެމީހުންގެ ކިއްލާގައި ފައިހަރުކޮށްލައި، މުސްލިމުންނާ ކުރިމަތިލުމަށް ނިންމިއެވެ. އެބައިމީހުންގެ ވެރިޔާ ޙުޔައްޔު ބްނު އަޚްޠަބު، ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހަށް މީހަކު ފޮނުވައި ދެންނެވިއެވެ. [ހަމަހިލާ އަހަރެމެން އަހަރެމެންގެ ގެތަކަކުންނެއް ނުނިކުންނާނަމެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާށެވެ.] 

އެނގިވަޑައިގަންނަވާނެ ފަދައިން، އެ ދަނޑިވަޅަކީ މުސްލިމުންނަށް ވޭނާއި ތުރާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އައްރަޖީޢު އާއި ބިއުރު މަޢޫނާގެ ހާދިސާއިން މުސްލިމުންގެ ހިތްތަކުގައި އުފެދިފައިވާ ޒަޚަމް، އޭރުވެސް ހުރީ ތާޒާކޮށެވެ. އޭރު ޢަރަބީންވެސް ގެންދިޔައީ މުސްލިމުންނާ ދެކޮޅަށް އެބައިމީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.  

އެހެންކަމުން، އެ ދަނޑިވަޅުގައި ހަނގުރާމައަކާ ކުރިމަތިލުން މުސްލިމުންނަށްވީ އުނދަގުލަކަށެވެ. ރަސޫލާ صلّى اللّـه عليه وسلّم  އަށް ޙުޔައްޔު ބްނު އަޚްޠަބު ފޮނުވި ވާހަކަ އެނގިވަޑައިގަންނެވުމުން "اللّٰهُ أَكْبَرُ" އޭ ވިދާޅުވިއެވެ. ޞަޙާބީންވެސް އެކަލޭގެފާނުގެ އަޑުފުޅާ އެކު "اللّٰهُ أَكْبَرُ" އޭ ވިދާޅުވިއެވެ. އެއަށްފަހު، މާތް ރަސޫލާ މަދީނާގެ މައްޗަށް އިބްނު އުއްމި މަކްތޫމް އިސްކުރައްވައި، އެބައިމީހުންނާ ހަނގުރާމައަށް ނުކުމެވަޑައިގަންނެވިއެވެ. 

މި ހަނގުރާމައިގައި ދިދަ ދެއްވީ ޢަލީގެފާނުގެ އަތްޕުޅަށެވެ. ރަސޫލާ صلّى اللّـه عليه وسلّم  އާއި ޞަޙާބީން ވަޑައިގެން އެބައިމީހުންގެ ކިއްލާ ޙިޞާރުކޮށްލެއްވިއެވެ. ޔަހޫދީން އެބައިމީހުންގެ ކިއްލާތަކުގައި ތިބެގެން މުސްލިމުންނާ ދިމާއަށް ތީރުންނާއި ހިލައިން ޙަމަލާދެމުން ގެންދިޔައެވެ. ޔަހޫދީން ވަދެތިބި ކިއްލާތަކުގެ ވަށައިގެންވަނީ ވަރުގަދަ ކަދުރުރުކުގެ ބަގީޗާތަކެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ސަބަބުން ޔަހޫދީންގެ ކިއްލާތަކަށް އިތުރު ޙިމާޔަތެއް ލިބިފައިވެއެވެ. އެހެންކަމުން، ރަސޫލާ صلّى اللّـه عليه وسلّم  އެ ކަދުރު ރުއްތައް ކަނޑައި އަންދައިލެއްވުމަށް އެންގެވިއެވެ. މިކަމާ ގުޅިގެން ޙަޝްރު ސޫރަތުގެ 5 ވަނަ އާޔަތް ބާވައިލެއްވިއެވެ. 

مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَىٰ أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ ‎﴿٥﴾‏

މާނައީ: [ތިޔަބައިމީހުން ކަނޑައިލި ކޮންމެ ކަދުރުރުކަކާއި، ނުވަތަ ނުކަނޑައި އޭގެ ބުޑާއެކު ކޮޅަށްހުރުމަށް ދޫކޮށްލި ކޮންމެ ކަދުރުރުކެއް (އެ ކަނޑައިލީ ނުވަތަ ނުކަނޑައި ދޫކޮށްލީ) ފަހެ، اللَّه ގެ إذن ފުޅަށެވެ. އަދި فاسق ވި މީހުން ދެރަކޮށް، ނިކަމެތި ކޮށްލުމަށްޓަކައެވެ.] 

މުސްލިމުން ބަނީ ނަޟީރުގެ ކިއްލާތައް ޙިޞާރު ކުރުމުން، ބަނީ ޤުރައިޡާގެ މީހުން އެބައިމީހުންނާ އެހީތެރިވާކަށް ނައެވެ. ޢަބްދުﷲ ބްނު އުބައްޔު ބްނު ސަލޫލާއި ޣަޠުފާން ވަންހައިގެ މީސްތަކުންވެސް، އެބައިމީހުން ކުރި ވަޢުދާ ޚިލާފުވެއްޖެއެވެ. ވާގިވެރިވާނެ ބަޔަކުނެތި، ހަމަބިމަށް ތިރިވާން ޖެހިއްޖެއެވެ. މުސްލިމުން އެބައިމީހުން ޙިޞާރުކޮށްގެން ތިބޭތާ ދިހަ ދުވަސް ވީތަނާ، އެބައިމީހުން ހަތިޔާރު ބަހައްޓައި، ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހަށް މީހަކު ފޮނުވައިގެން، ތިމަންމެން މަދީނާއިން ނުކުތުމަށް ތައްޔާރުވެގެން ތިބީމުއޭ ދަންނަވައިފިއެވެ. މާތް ރަސޫލާ އެބައިމީހުންގެ ހުށަހެޅުން ޤަބޫލުފުޅު ކުރައްވައި، ޖަމަލެއްގެ މައްޗަށް އެރުވޭނެހާ ސާމާނު ހިފައިގެން މަދީނާއިން ނުކުމެގެން ދިޔުމަށް އެންގެވިއެވެ. އޭގެ ތެރޭގައި އެއްވެސް ހަތިޔާރެއް ނުގެންދެވޭނެ ކަމަށްވެސް އެންގެވިއެވެ.

ޙުޔައްޔު ބްނު އަޚްޠަބާއި ސައްލާމް ބްނު އަބިލްޙަޤީޤު ފަދަ ޔަހޫދީންގެ ބޮޑުން ގޮސް ފޭބީ ޚައިބަރަށެވެ. އަނެއްބައިމީހުން ދިޔައީ ޝާމުކަރައަށެވެ (މުބާރަކްޕޫރީ، 1996، ޞ. 301-304). ޚައިބަރަށް ގޮސް ވަޒަންވެރިވި މީހުންގެ ތެރޭގައި، ޙުޔައްޔު ބްނު އަޚްޠަބުގެ ބާއްޖަވެރި ދަރިކަނބަލުން ޞަފިއްޔާ (ރަޟިޔަﷲ ޢަންހާ) ވެސް ހިމެނިވަޑައިގަންނަވައެވެ.

މިއަދު އޮންލައިން