ޢިބްރަތްތެރި ވާހަކަ: މައިންބަފައިން ބުނި ނަމަވެސް ހެޔޮލަފާ އަނބިމީހާ ވަރިކޮށް ނިކަމެތިކުރަން ހެޔޮނުވާނީ މިހެންވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ޢިބްރަތްތެރި ވާހަކަ: މައިންބަފައިން ބުނި ނަމަވެސް ހެޔޮލަފާ އަނބިމީހާ ވަރިކޮށް ނިކަމެތިކުރަން ހެޔޮނުވާނީ މިހެންވާތީ!

އެއީވެސް ވަރަށް ލޯބިން އެކުގައި އުޅުނު ދެމަފިރިންނެވެ. މައްސަލަ ދިމާވީ ކުއްލިއަކަށް ފިރިމީހާ "ކޮލެޕްސް"ވުމުންނެވެ. ހޮސްޕިޓަލަށް ގެންދިއުމުން ލީވެންޓިލޭޓަރަށެވެ. މައްސލަ ޖެހުނީ ބިލްދައްކާނެ ފައިސާ ނެތުމުންނެވެ.  

އަނބިމީހާ ފިރިމީހާގެ ޢާއިލާގެ އެންމެންނަށް ސަލާންޖަހައި އާދޭސްކުރުމުންވެސް އެކަކުވެސް އެހީއެއް ނުވިއެވެ. ވެންޓިލޭޓަރު ކަނޑާލާ ހިސާބަށް ކަންކަން ގޮސްފައިވަނިކޮށް އަނބިމީހާއަށް މަގެއް ފެނުނެވެ. އެއީ ފިރިމީހާގެ ބޮސްގެ ސެކެޓްރީއަކަށްވުމެވެ. ފިރިމީހާގެ ފުރާނަ ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން އަނބިމީހާ އެކަން ޤަބޫލުކުރިއެވެ. ބޮސްގެ އަތުން ލިބުނު ފައިސާއިން ފިރިމިހާއަށް ހޭދަކުރަމުންދަނިކޮށް ފިރިމީހާއަށް ޝިފާ ލިބި ގަދަވިއެވެ.  

ގެއަށް ދެވުމާއިއެކު ޢާއިލާއިން އަނބިމިހާގެ ބޮލުގައި އެޅުވީ އެންމެ ނުބައި އިލްޒާމެވެ. ބޮސްއާއިއެކު ގުޅުން ހިންގިކަމުގެ އިލްޒާމެވެ. ފިރިމީހާއަށް ހުރިހާ ވާހަކަތަކެއް ކިޔައިދީ ވަޒީފާ ޤަބޫލުކުރީ ފިރިމީހާގެ ފުރާނަ ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނެތުމުން ކަމަށް ބުނުމުންވެސް ޤަބޫލުނުކޮށް ވަރިކޮށްފައި ގެއިން ނެރެ ފޮނުވައިލީއެވެ. ގެއިން ނުކުންނަމުން އަނބިމީހާ ބުނެލިއެވެ. "އަހުރެން ތިބާއަށް ދިރުން ހޯދައިދިނީއެވެ. ބަދަލުގައި ތިބާ އަހުރެން މަރައިލީއެވެ. ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ."  

އެޙާލަތުގައިވެސް ބޮސް އެހީތެރިވިއެވެ. ވަޒީފާގައި ގެންގުޅުމުގެ ބަދަލުގައި އަމިއްލައަށް ވިޔަފާރިއެއް ފެށޭނެވަރަށް ފައިސާދީ މަގުފަހިކޮށްދިނެވެ. އަނބިމީހާ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިއައެވެ.  

ދުވަސްކޮޅެއްވީތަނާ އަނބިމިހާއަށް އެނގުނީ އަނެއްކާވެސް ފިރިމީހާ ވަރަށް ބަލިޙާލުގައި ގޭގައި އޮތްކަމެވެ. ބަލިޙާލު ބޮޑުވީ ކާންޖެހޭ ބޭސްކޮޅުވެސް ގަނެލައިދޭނެ މީހަކު ނުވެގެންކަމެވެ. އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ނަމަވެސް ނުގޮސް ފޮނުވީ ފައިސާއެވެ. ބުނީ ބޭސްގަނެގެން ކެއުމަށެވެ. އަދި އޭނާ ހޯދަން ނުއުޅުމަށެވެ.  

ފިރިމީހާގެ ޙާލު ރަނގަޅުވެ މަސައްކަތްކުރެވޭވަރުވެއްޖެކަން އެނގުމުން އެކައުންޓަށް ފައިސާ ޖަމާކޮށްދީފައި ބުނީ އަމިއްލައަށް މަސައްކަތެއް ކުރަން ފެށުމަށެވެ. ދަރިފުޅަށް ފައިސާތަކެއް ލިބިއްޖެކަން އެނގޭއިރަށް އޭނާދެކެ އެންމެން ލޯބިވެއްޖެއެވެ. ޢާއިލާއިން ބޭނުންވީ ލިބުނު ފައިސާއިން ބައެއް ޢާއިލާއަށް ދިނުމަށެވެ. ޢާއިލީގެ މަރާމާތުކޮށްލައި ދެންވެސް ކުރަންހުރި ކަންކަން ކުރުމަށެވެ.  

ދަރިފުޅު ކުރީ އިންކާރެވެ. ޢާއިލާގެ ބަސްޤަބޫލުކުރެވި ޖަވާހިރެއްފަދަ އަނބިމީހާއާއި ވަކިވާންޖެހުނީތީއެވެ. ބަލިޙާލުގައި ޖެހުމުން ދެފަހަރުވެސް ޢާއިލާއިން އޭނާ ބާކީކޮށް އެއްލައިލީތީއެވެ. އޭނާއަށް ބުނެވުނެވެ. "އަހުރެންގެ ޢާއިލާއެއް ނެތެވެ. ހުރީ އަންތބެކެވެ. އެކަމަކު އޭނާވެސް ވަނީ ކަލޭމެންގެ ސަބަބުން ވަރިކުރެވިފައެވެ. ކޮންމެ ގޮތަކުންވެސް އޭނާ ހޯދަން މަސައްކަތްކުރާނަމެވެ. ޢާއިލާއަށް ޢުމުރަށް ސަލާމެވެ."  

މިހުރީވެސް ކަންކަން ހިނގާ ގޮތެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ. ހެޔޮލަފާ، ތިމާދެކެ ލޯބިވާ އަނބިން ނިކަމެތިކޮށް އެއްލައިނުލާށެވެ! މައިންބަފައިން ބުނި ނަމަވެސްމެއެވެ. ދެރަ ދިނީމާ ކޮންމެ އަންތބަކު ކަންތައްކުރާނީ އޭނާގެ އަނބިމީހާ ކަންތައް އެކުރިގޮތަކަށް ނޫނެވެ. ގިނަ ފަހަރު އޮންނާނީ އަޅައިވެސް ނުލައި މަރުވާން ދޫކޮށްލައިފައެވެ.

 

- ޝަމްސް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން