ފުރަތަމަ ކަމަކީ ތިމާއަށް ކުރެވިފައިވާ ފާފަތައް ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް އެކަންކަން ބޭޒާރުކުރުމަކީ އެންމެ ބޮޑު ފާފައެކެވެ. އެއީ އެމީހަކަށް ސުވަރުގެ ނުލިބިދާނެ ކަމެކެވެ. ވީމާ ތިމާއަށް ކުރެވިފައިވާ ފާފައެއްގެ ވާހަކަ ކައިވެނީގެ ކުރިންވެސް އަދި ފަހުންވެސް ބުނުމެއް ނެތެވެ. އެއީ އެންމެ ބިރުހުރި އެއްކަންތައްކަމަށްވާތީއެވެ.
ބައެއްފަހަރު ދިމާވާ ގޮތަކީ ކައިވެނިކޮށް އެކުގައި އުޅެމުންގޮސް އަނެކާގެ މައްޗަށް އިތުބާރު އުފެދި ކުރިން ކުރެވިފައިވާ ފާފައެއް ނުވަތަ ފާފަތަކުގެ ވާހަކަ ބުނެވެނީއެވެ. އެކަމަށް އަނެކާ މާފުކުރާނެ ކަމަށް ވިސްނައިގެންނެވެ. ނަމަވެސް ބުނެވުމުން ކަންތައްމެދުވެރިވެރިވަނީ އެގޮތަކަށް ނޫނެވެ. އެކަންވެގެންދަނީ އަނެކާގެމަތިން ފޫހިވެ އެކުގައި އުޅެން ބޭނުންނުވާ ސަބަބަކަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނިކުރުމަށްފަހު އަނެކާގެ ކުރީގެ ކަންކަމަށް ނުވިސްނާށެވެ. އެފަދަ ކަމެއް އޮޅުންފިލުވަން ސުވާލުވެސްކޮށްގެން ނުވާނެއެވެ. ބަލަންވީ އޭނާ މިހާރު އުޅޭ ގޮތަށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެން ހުރިނަމަ އެކަން އެނިމުނީއެވެ.
އަހުރެން އަބަދުވެސް ކުރާ ސުވާލެކެވެ. އަހުރެމެންނަށް ކުރެވިފައިވާ ފާފަތަކަށް ތައުބާވުމުން ﷲ ތަޢާލާ ޢަފޫކުރައްވަވާއިރު އަނެކާއަށް މާފުކުރަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ ކުރިން މިދެއްކުނު ވާހަކައިގައި އަނެކާއަށް ކުށްކުރެވިފައިވަނީ ކައިވެނީގެ ކުރިންނެވެ. ފަހަކުން ނޫނެވެ. ވީމާ އޭނާ ތައުބާވެގެން ހުރިނަމަ އެކަން އެއޮތީ ނިމިފައެވެ. އެކަން ސަބަބަކަށް ހަދައި ވަރިކުރަން ހެޔޮނުވާނެއެވެ. އެގޮތަށް ކަންތައްކުރަން ވެއްޖެނަމަ ކުރިން ފާފައެއް ކުރެވިފައިވާ މީހަކާއެކު ދިރިއުޅޭނެ މީހަކު ނުހުންނާނެއެވެ. އެއިރުން ކަންތައްވާނީ ކިހިނަކުން ހެއްޔެވެ؟
ދެން ބުނެލަން ބޭނުންވަނީ މީހެއްގެ ކުށް ސިއްރުކޮށްދީ ވަންހަނާކޮށްދީފި މީހަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެފަދަ ނިޢުމަތެއް ދެއްވަވާނެތެވެ. ވީމާ ބައިވެރިޔާއަށް ކުރެވިފައިވާ ކުށެއްގެ ވާހަކަ ހަމައެކަކުގެ ގާތުގައިވެސް ނުދައްކައި ސިއްރުކުރުމުން ލިބެންއޮތް ފައިދާ މާބޮޑެވެ! އިން ޝާ ﷲ
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
- މިއަދުނޫސް