ބައިވެރިޔާ ދެރަދިނުމަކީ ދަރިން ނިކަމެތިކުރާ ސަބަބަކަށް ހަދަން ހެޔޮނުވާނެ! އެއީ ދުނިޔޭގަވެސް ކަރުނައަޅަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ބައިވެރިޔާ ދެރަދިނުމަކީ ދަރިން ނިކަމެތިކުރާ
ސަބަބަކަށް ހަދަން ހެޔޮނުވާނެ! އެއީ ދުނިޔޭގަވެސް ކަރުނައަޅަންޖެހޭ ކަމެއް!


ކޮންމެ ސަބަބަކާއިހުރެ ނަމަވެސް ފިރިމީހާ، އަނބިމީހާ ދޫކޮށްލާފައި ދިއުމަކީ އަދި އަނބިމީހާ، ފިރިމީހާއާއި ވަކިވެގެންދިއުމަކީ އެކަމުގެ ރުޅި ދަރިންނަށް ބާލަންޖެހޭ ކަމެއްކަމާއިމެދު ގިނަބައަކު ސުވާލުކުރެއެވެ.

މިސުވާލަކީ އެކި ޢިބާރާތުން ކުރަމުންގެންދާ ސުވާލެކެވެ. މިފަދައިން ސުވާލުކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ

މިކަމަކީ ދެމީހުންވެސް ވިސްނަންޖެހޭނެ ކަމެކެވެ. ދެމީހުންނަށްވެސް އޮތީ ދެމީހުންގެ މެދުގައި ޖެހުނު މައްސަލައަށް ނުބަލައި ދަރިންދެކެ ލޯބިވުމެވެ. ލޯބިދީގެން ދަރިން ބެލެހެއްޓުމެވެ. އެހެންކަމާއިއެކުވެސް އަހުރެންގެ ނަޞީޙަތް ބުރަކުރާނީ މައިންނަށެވެ. އެއީ ދެމަފިރިން ވަކިވުމަށްފަހު ދަރިން ބެލުމުގެ މަސްއޫލިޔަތު ގިނައިން އުފުލަނީ މައިންކަމަށްވާތީއެވެ. އެކަމުން ހޯދެންހުރި ގިނަގުނަ ޘަވާބު މައިންނަށް ގެއްލުނަ ނުދިނުމަށެވެ.

ފިރިމީހާ އަމަލުކުރާ ގޮތާ އަޅުވައި މައިމީހާގެ ލޯބިން ދަރިން މަޙްރޫމް ކުރުވުމަކީ ދަރިންނަށް ދެވޭ އަނިޔާއެއްގެ އިތުރުން މުޅި އިންސާނިއްޔަތަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ ކަމުގައިވެގެންދެއެވެ. އަދި އެކަން ވެގެންދަނީ ސަތޭކައަކުން އެންމެ އަންހެނަކު އެކަންކުރުމުން ދެން ތިބި 99 އަންހެނުން ފަޟީޙަތްކުރަން ކުރެވޭ ކަމަކަށްވެސްމެއެވެ. 

ވިހަން އެޅި ވޭން ހަނދާން ހުރި ނަމަވެސް ދަރިން ދެކެ ލޯބިވާނެއެވެ! ހެޔޮކޮށް ހިތާނެއެވެ! ދަރިފުޅަށް ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެއެވެ! ވިހެއުމަށް އެހައި ގަދަ ވޭން އަޅައި ވިހެއުމަށްފަހު ދަރިން ދެކެ މައިން ލޯބި ނުވާނަމަ ދެން ލޯބިވާނީ ކާކު ހެއްޔެވެ؟

 މައިން ނިކަން ވިސްނައިލަބަލާށެވެ! ބަލިވެ

އިނީންސުރެ ވިހެއުމާއި ދެމެދު އުފުލި ވޭންތަކަށެވެ. ތަކްލީފްތަކަށެވެ! ޚާއްޞަކޮށް ވިހެއުމުގައި އެޅި ވޭންތަކަށެވެ. އެއަށް ފަހު ކިތައްރޭގެ ނިދި ނަގައިލެވުނުކަމާއިމެދުގައެވެ. އެއަށްފަހު ދަރިފުޅުގެ ޚިދުމަތުގައި އުފުލި ތަކްލީފްތަކަށެވެ 

މިހުރިހާ ކަންކަމަށް ވިސްނައިލުމަށްފަހު ނިކަން ބުނެބަލާށެވެ! ފިރިމީހާ ވަރިކުރުމުން ނުވަތަ އެނޫންވެސް އެފަދަ ކަމެއް ދިމާވުމުން ދަރިފުޅު ދެކެ ވީލޯބިން ބައެއް އުނިކޮށްލައި ދަރިފުޅު ނިކަމެތިކޮށްލުމަކީ ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟  

މި ވާހަކަ ދައްކަން މިޖެހެނީ މަދުން ނަމަވެސް މިފަދަ މައްސަލަތައް ކުރިމަތިވާތީއެވެ. ފިރިމީހާގެ އުޅުމަށް އަންނަ ބަދަލަކާއި ގުޅުވައިގެންވެސް ބައެއް މައިންނަށް ދަރިންނާއިމެދު ފަރުވާކުޑަކުރެވޭތީއެވެ. ދޭން ޖެހޭ ލޯބި ނުދެވިދާތީއެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ! ދަރިފުޅު ލިބުނީ ފިރިމީހާގެ ކިބައިން ނަމަވެސް ދަރިފުޅު ލިބުމަށްފަހު ދަރިފުޅުގެ އެއްވެސް ކަމަކާއި ފިރިމީހާގެ އެއްވެސް އަމަލަކާއި ނުގުޅުވާށެވެ! މައިވަންތަކަމުގެ ކުލުނާއި ލޯބި ދަމަހައްޓާށެވެ!

ދަރިން ލިބުމުން އަނބިމީހާ އަށާއި ދަރިފުޅަށް ނިކަމެތިކަން ދިނުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ޢިއްދައިގައި އިންނައިރު ޚަރަދުކޮށް ބަލަހައްޓަން ޖެހޭނެއެވެ. ދަރިންނަށް ޚަރަދުކުރުމާއި ބެލެހެއްޓުމަކީ އެކުދިން ބޮޑެތިވަންދެން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިކަންކަމަކީ ކޮންމެ ބައްޕައަކާއި ﷲ ތަޢާލާ މަތިކުރައްވަވާފައިވާ ވަރަށް ބޮޑު ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ.

މިވާހަކަ މިގޮތަށް ދައްކާއިރުވެސް ބުނަން ޖެހެނީ ހަމަ 99 އިންސައްތަ މައިންނަކީ ދަރިން ބެލުމުގައި ނަމޫނާ ބައެއް ކަމަށެވެ. ބައެއް މައިން އެމީހުންގެ މުޅި ދިރިއުޅުން ދަރިފުޅަށްޓަކައި ޤުރްބާން ކުރެއެވެ. ނުހަނު ޒުވާން އުމުރުގައި ވަރިކޮށްލުމުން ދެވަނަ ކައިވެންޏެއްވެސް ނުކޮށް ދަރިފުޅުގެ ޙައްޤުގައި މުޅި ހަޔާތް އެބަ ހޭދަކުރެއެވެ. އެއީ އެއްވެސް ޙާލެއްގައި އެމީހުންނަށް ފިރިއެއްގެ އެހީތެރިކަން ބޭނުން ނުވާތީއެއްވެސް ނޫނެވެ. ދަރިފުޅުގެ ބައްޕަ ކަންކަން ކުރި ގޮތުން ދެވަނަ ފިރިހެނަކަށް އިތުބާރުކުރަން ބޭނުން ނުވާތީއެވެ!

ވަރިކޮށްލާފަ ދިއުމުން އެކަމުގެ ރުޅި ދަރިންނަށް ބޭލޭނަމަ އެނަގައިލެވެނީ ދުނިޔޭގައި ﷲ ދެއްވަވަން އޮތް އެންމެ ބޮޑު ބޮޑު ރަޙްމަތެވެ! އަދި އާޚިރަތުގަވެސްމެއެވެ. ވީމާ ކެތްތެރިވެލާށެވެ! ގެންގުޅެވުނު ޙާލެއްގައި ދަރިފުޅު ބަލަހައްޓަން މަސައްކަތްކުރާށެވެ! ﷲ ގެ ރަޙްމަތް ތިބާއަށް މިންވަރުކުރައްވަވާނެތެވެ. ތަނަވަސްކަމުގެ އިތުރުން މާރަނގަޅު ފިރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

-      އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން