އޮފީހުގެ ވެރިޔާ އޮފީހަށް ވަންނަން އައިއިރު ދޮރުމަތީގައި މުސްކުޅި އަންހެނަކު ހުއްޓެވެ. އޭނާއާއި ސުވާލުކުރުމުން ބުނީ އެއޮފީހުގައި މަސައްކަތްކުރާ އޭނާގެ ދަރިފުޅާއި ބައްދަލުކުރަން ބޭނުންވެގެން ކަމަށެވެ. ވެރިމީހާ އެއަންހެން މީހާ ގޮވައިގެން އޮފީހަށް ވަދެ ލިފްޓުން އެރީ އޭނާގެ އޮފީހަށެވެ.
އޭނާއަށް ވަރަށް ހެޔޮކޮށް ހިތުމަށްފަހު ދަރިފުޅު ހޯދަން އޮފީހަށް އަންނަންޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން ކިޔައިދިނެވެ. "ފިރިމީހާ އޮތީ ވަރަށް ބަލިޙާލުގައި ހޮސްޕިޓަލުގައެވެ. ޚަރަދުކުރާނެ ފައިސާއެއް ނެތެވެ. ހުރީ އެންމެ ދަރިއެކެވެ. ގުޅާގުޅައިވެސް ފޯނުނުނެގީމާ އަންނަންޖެހުނީއެވެ."
ދަރިފުޅު ގެނެސް ސުވާލުކުރީމާ ބުނީ އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. ފޯނު ނުނަގަނީވެސް އެހެންވެގެން ކަމަށެވެ. ވެރިމީހާ ސުވާލުކުރީ ލިބޭ މުސާރަ ޚަރަދުކުރާ ގޮތަކާއިބެހޭ ގޮތުންނެވެ. ކިޔައި ނުދެވުމުން ބުނީ ތިއަހައި ޒިންމާދާރުކަން ކުޑަ މީހުން ވަޒިފާގައި ގެންގުޅެން ބޭނުންނޫން ކަމަށެވެ.
މައިމިހާއަކަށް ކެތެއެް ނުކުރެވުނެވެ. ވެރިމީހާގެ ފައިމައްޗަށް ތިރިވެފައި އާދޭސްކުރަންފެށީ ދަރިފުޅު ވަޒިފާއިން ވަކިނުކުރުމަށެވެ. އިޞްލާޙްވާނެ ފުރުޞަތު ދިނުން އެދިގެންނެވެ. ވެރިމީހާއަށް ބުނެވުނެވެ. "ކަލޭ ލަދެއް ނުގަނޭހެއްޔެވެ؟ ކަލޭ އަޅާނުލައި ތިއަދޫކޮށްލީ ކަލޭދެކެ މިހައި ބޮޑަށް ލޯބިވާ މަންމައަކާއި ބައްޕައެކެވެ. ލަދުޙަޔާތް ހުރިމީހަކު ތިއަގޮތަށް ކަންތަކެއް ނުކުރާނެއެވެ."
ދަރިފުޅަށް ވިސްނި މާފަށް އެދުމުން ވެރިމީހާ ބުނީ މަންމައާއިއެކު ހޮސްޕިޓަލަށްގޮސް ބައްޕަގެ ކަންކަން ބެލެހެއްޓުމަށެވެ. ބައްޕަ ގަދަވަންދެން ޗުއްޓީ ދޭނެކަމަށެވެ. އަދި ބައްޕައަށް ކުރަންޖެހޭ ޚަރަދުތައްވެސް ކޮސްދޭނެ ކަމަށެވެ.
އޭނާގެ ހިތަށް އެރިއެވެ. "އަތުގައި ފައިސާހުރެވެސް ދޭންބޭނުން ނުވެވުނީއެވެ. މިހާރު ތެދަށް ބުނެވޭކަށްވެސް ނެތެވެ." މިފަދަ ޚިޔާލުތަކެއްގައި ހުރެ މަންމައާއިއެކު ނުކުމެގެންދިއައީއެވެ. ހަފްތާއެއްވީ ދުވަހަކީ ބައްޕަ ނިޔާވި ދުވަހެވެ. ޖަނާޒާގެ ކަންކަން ނިމުމުން ވަރަށް ދެރަވިއެވެ. "ބައްޕައަށް ޚަރަދުކޮށް ސުވަރުގެ ލިބިގަންނަން ލިބުނު ފުރުޞަތު ނަގައިލެވުނީއެވެ. ހުރިހާ ޚަރަދުތަކެއް އެކުރީ ކުރަންނުވެސް ޖެހޭ މީހަކު ﷲ އަށްޓަކައެވެ. ޢެނާއަށް ހާދަގިނަ ޘަވާބު ދެއްވަވާނެތެވެ."
ދަރިފުޅު އެހިސާބުން ބެލީ މަންމައަށް ހެޔޮކޮށްހިތައި ޚިދުމަތްކުރެވޭތޯއެވެ. މަންމައަށް ޚިދުމަތްކޮށްގެން ސުވަރުގެދެވޭތޯއެވެ. އެފުރުޞަތެއްވެސް ނުލިބުނެވެ. 3 ވަނައަށް އޮތް ދުވަހު ހާޓްއެޓޭކެއް ޖެހިފައި މަންމަ ނިޔާވީއެވެ. ދަރިފުޅު ވަކިންބޮޑަށް ދެރަވިއެވެ. ދެން ބެލީ މައިފުށު ބޮޑުދައިތައަށް ހެޔޮކޮށްހިތައި ޚިދުމަތްކުރެވޭތޯއެވެ. އެފުރުޞަތު އޭނާއަށް ލިބުނެވެ. ބޮޑުދައިތަ ނިޔާވީ އޭނާ އެހީތެރިވެދެމުން ގެންދާތާ 5 އަހަރުފަހުންނެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިހުރީ ކަންކަން ހިނގާ ގޮތެވެ. މައިންބަފައިންނަށް އަޅައިލާށެވެ! އެހީތެރިވާށެވެ! އެމީހުންގެ ފޯނުކޯލްތަކަށް ޖަވާބުދޭށެވެ. ގުޅައިގެންވެސް ޙާލުބަލާށެވެ! އެއީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހިމަގެވެ. އިން ޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް