ދެކަމަކަށް ސަމާލުކަންދީފިނަމަ ދަތިޙާލުގަވެސް އުފަލުގަ އުޅެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދެކަމަކަށް ސަމާލުކަންދީފިނަމަ ދަތިޙާލުގަވެސް
އުފަލުގަ އުޅެވޭނެ! އިން ޝާ ﷲ


ނިކަމެތި ފަޤީރުންގެ ތެރެއިން ގިނަ ބއަކު އުޅެމުން އަންނަނީ ތަނަވަސްކަން ހުރި ގިނަ މީހުންނަށްވުރެ މާއުފަލުގައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އެކަން އެގޮތަށް މެދުވެރިވާ ބައެއް ސަބަބުތަކަށާއި ކަމަށް އޮތް ޙައްލަށް ބަލައިލަމާ ހިނގާށެވެ.

ދުނިޔޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. އެއިގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަންދޭން ޖެހޭނެ އެއްބައަކީ ހިތްނުފުރޭ މީހުންނެވެ. ކިތަންމެ ބައިވަރެއް ލިބުނަސްމެއެވެ. އެފަދަ މީހުން އަބަދުވެސް އުޅޭނީ އެމީހުން ކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވިގެންނެވެ. އެމީހުންނަށް މަދުވެގެންނެވެ!

 އެފަދަ ގޮތެއް މެދުވެރިވެއްޖެ ދެ ކަމެއް އަމިއްލައަށް ޗެކްކޮށްލާށެވެ!

ފުރަތަމަ ކަމަކީ ތިމާ ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން މީސްތަކުންގެ ގާތު ޝަކުވާކުރެވޭތޯއެވެ!  

ދެވަނަ ކަމަކީ ދިރިއުޅުމުގެ ކަންކަން ބަހައްޓަން ބޭނުންވެގެން ބަލަނީ އަވަށްޓެރިން ދިރިއުޅޭ މިންގަނޑުންތޯއެވެ؟

މި ދެ އާދަ އެމީހެއްގެ ކިބައިގައި ހަރުލައިފި މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެއެވެ!

ފުރަތަމަ ބަލައިލަންވީ މީސްތަކުންގެ ގާތު ޝަކުވާ ކުރުމަށެވެ! އެއްވެސް ކަމެއް ނުފުދިގެން އެއްވެސް މީހެއްގެ ގާތުގައި ޝަކުވާ ކުރުމެއް ނެތެވެ. އޮތީ އެކަމެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމާއި އެކަމެއް ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރުމެވެ. 

ދެން ބަލައިލަންވީ ތިމާ ދިރިއުޅެން ބޭނުންވާ ފެންވަރަށެވެ! ކޮންމެ މީހަކަށް ވެސް މިންވަރު ކުރައްވަވަނީ އެމީހަކަށް ކަނޑައަޅުއްވަވާފައިވާ ނިޢްމަތްތަކެވެ. ރިޒްޤް ދެއްވަވަނީ އެމީހަކަށް ކަނޑައަޅުއްވަވާފައިވާ މިންގަނޑުންނެވެ. ވީމާ އެހެން މީހަކަށް ދެއްވަވާ ނިޢްމަތްތަކަށް ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ!

 

މީސްތަކުންނޭވެ! މި ބުނި ދެ ސިފަ އެމީހެއްގެ ކިބައިގައި ހަރުލައިފިނަމަ އެމީހަކަށް އެވަނީ ވަރަށް ދެރަ ގޮތެއް މެދުވެރިވެފައެވެ. އެމީހަކަށް އެހުރީ ދެއްވަވާ މިންވަރަށް ޝުކުރު ނުކުރުމުގެ ބަލި ޖެހިފައެވެ. އެއީ މީހަކަށް ޖެހޭނެ އެންމެ ނުބައި އެއް ބައްޔެވެ. ޝުކުރުކުރާ އަޅުންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށް ދެއްވަވާނެކަން ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ! ވީމާ މަސައްކަތްކުރަންވީ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަށެވެ!

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން