ތިބާ ހިމެނެނީ މަލަކުލްމައުތުގެފާނު ފެނުމުންއުފާކުރެވޭނެ މީހުންގެ ތެރޭގައިތަ؟ މިއީ ޔަޤީންކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ތިބާ ހިމެނެނީ މަލަކުލްމައުތުގެފާނު ފެނުމުންއުފާކުރެވޭނެ މީހުންގެ ތެރޭގައިތަ؟ މިއީ ޔަޤީންކުރަންޖެހޭ ކަމެއް!

ދުނިޔޭގައި އަހުރެމެން ހާދަކުރަންލިބޭ

މަދުދުވަސްކޮޅު ތިމާއަށް މިއުލެވެނީ ދަތުރެއްގެމަތީގައިކަމަށާއި ކޮންމެ ވަޤުތަކުވެސް ފުރަންޖެހިދާނެ ކަމަށް ބަލައިގެން އުޅުމަށް ޙަދީޘްފުޅުގައި އެއޮތީ ވަރަށް ގިނަ ސަބަބުތަކަކަށްޓަކައެވެ. ޚާއްޞަކޮށް ތިމާ ކުރަންޖެހޭ އެންމެ މުހިންމު ދަތުރަށް ކޮންމެ ވަޤުތަކުވެސް ފުރަންޖެހިދާނެކަމާއި އެކަމަށް ތައްޔާރުވެ ތިބުމަށް އެންގެވުމަށެވެ.

ތިބާގެ ފުރާނަ ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާތަން ހުވަފެނަކުން ފެނުނު ނަމަވެސް އަދި "ތިބާގެ ފުރާނަ ހިއްޕަވަން މަރުގެ މަލާއިކަތާ އެހެރަ ވަޑައިގަންނަނީ" ކަމަށް މީހަކު ބުނެފިނަމަވެސް ބިރުން އަވަދިނުވާނެ މީހަކު ނުހުންނާނެ" ކަމަށްވެސް ބުނެވިދާނެއެވެ. އެހެނީ މަރުގެ މަލާއިކަތާ ކޮންމެ ވަގުތަކުވެސް ވަޑައިގެންފާނެ ކަމަށް ތައްޔާރުވެގެން ހުރެވެނީ ހަމަ ހާހަކުން މީހަކަށެވެ.

މީސްތަކުންނޭވެ! ސުވަރުގެ ވަދެވޭނީ ހާހަކުން މީހަކަށް ކަމަށް އޮތީ އެހެންވެގެންނެވެ. ދުނިޔަވީ ހުރިހާ ކަންކަމަށް އަބަދުހެން މިތިބެވެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އުނީ ކޮންކަމެއްތޯ ބަލަބަލައެވެ!  ތަނަކަށް ފުރަން އުޅޭނަމަ 2،3 ދުވަސް ކުރިން ދަބަސް ތައްޔާރުކުރަމުއެވެ. ދަތުރުގައި ޚަރަދުކުރަން ގެންދާނެ ފައިސާވެސް ތައްޔާރުކުރަމުއެވެ. ޚަރަދުކުރާނެ ފައިސާގެ އިތުރަށް ޚާއްޞަ ކަމެއް ކުރިމަތިވެދާނެކަމަށް ވިސްނައި އެކަން ޙައްލުކުރެވޭނެ ގޮތްތައްވެސް ރާވަމުއެވެ.

ނަމަވެސް ދާއިމީ ދަތުރަށް ތައްޔާރުވާން ކުރަންޖެހޭ ކަންކަން ނުކުރެވޭއިރު ތައްޔާރުވުމާއިމެދު ވިސްނައިލެވެނީވެސް މިބުނިހައި މަދު މީހަކަށެވެ. އަބަދުވެސް މިއުޅެވެނީ ދުނިޔެއިން ކުރަން ބޭނުންވާ ކަންކަން ފުރިހަމަ ނުކުރެވިގެންނެވެ!

މީސްތަކުންނޭވެ! މަރުވުމުން ކައްވަޅަށްދާއިރު ވެސް ވަރަށް ގިނަ "ފައިސާ" ބޭނުންވެއެވެ. "ކޭޝްކާޑު" ވެސް ބޭނުންވެއެވެ. އެކައުންޓުގައި "ފައިސާ" ވެސް ހުންނަން ޖެހެއެވެ. ހަމައެކަނި ތަފާތަކީ ބޭނުންކުރާނެ "ފައިސާ"ގެ ވައްތަރެވެ! އެހެނީ މަރުވުމުން ދެން ބޭނުން ކުރެވޭނީ، ފައިދާކުރާނީ ދުނިޔޭގައި ހުރެ ކުރެވިފައިވާ ޙެޔޮ ޢަމަލުތަކުންނެވެ! މިދުނިޔޭގައި ޚަރަދުކުރާނެ ނަޤުދު ފައިސާ ބޭންކަށް ނުވަތަ ތިޖޫރީއަށް ޖަމާކުރަން ޖެހޭ އުޞޫލުން މަރުވުމުން ބޭނުންކުރާނެ ހެޔޮ އަމަލު ތިމާގެ އެކައުންޓުގައި ނެތް ނަމަ، ބޭންކުގައި ކިތަންމެ ގިނަ ފައިސާ ހުރިނަމަވެސް އެމީހަކީ ބަނގުރޫޓުވެފައިވާ މީހެކެވެ!

 

އެއްކަމެއް އަދި ހަނދާންކޮށްލައިދޭނަމެވެ! މަރުވުމުން އެންމެ ގިނަ ބައަކު ހިތާމަކުރަންޖެހޭނެ އެއް ކަމަކީ ދުނިޔޭގައި އުޅުނު އިރު، އަތުގައި ފައިސާ ހުރިއިރު ޞަދަޤާތް ނުކުރެވުނު ކަމާއިމެދުގައެވެ. ވީމާ އެހިތާމަކުރަން ނެޖެހޭ މީހަކަށްވުމަށްޓަކައި އަބަދުވެސް ކުރެވެންއޮތްހައި  ގިނައިން ޞަދަޤާތްކުރަމުންދާ މީހަކަށްވާށެވެ! ބޭންކް އެކައުންޓުން ނަގައި ހެޔޮ ޢަމަލުތަކުގެ އެކައުންޓަށް ބަދަލުކުރަމުން ގެންދާށެވެ!

 

އެކަން ބަލަހައްޓަވަން ތިއްބަވާ މަލާއިކަތުން ގެންދަވާނީ ބަރާބަރަށް ތިބާގެ އެކައުންޓަށް ޖަމާކުރައްވަވަމުންނެވެ! ސްޓޭޓްމަންޓާއިމެދު އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ! މިބުނަނީ ތިބާ ކުރާ ކޮންމެ ޢަމަލެއް މަލާއިކަތުން ތިބާގެ ފަތުގައި ލިޔުއްވަވާނެކަމާއި އެކަން ކުރައްވަވާނީ އެންމެ ފުރިހަމައަށް ކަމަށެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން