އަނެކާއަށްޓަކާ ތިބާއަށް ދެވޭނެ އަދި އަނެކާގެ ކިބައިން ތިބާއަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަނެކާއަށްޓަކާ ތިބާއަށް ދެވޭނެ އަދި އަނެކާގެ
ކިބައިން ތިބާއަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ކޮބައިކަން އެނގޭތަ؟

 މިލިޔުން ޚާއްޞަކޮށްމިލަނީ އަތުން ހިފަން

ނުލިބޭނަމަ ނުވަތަ ޖީބަށް ގިނަ ނުވާނަމަ އެއީ ހަދިޔާއެއް ނޫންކަމަށް ވިސްނާ މީހުންނަށް އެކަމުގެ ހަޤީޤަތް އޮޅުންފިލުވައިދިނުމަށެވެ. އަނެކާ ދޭ ހަދިޔާ ތިމާގެ އަތުން ހިފަން ނުލިބޭނަމަ ނުވަތަ ތިމާގެ ޖީބަށް ގިނަ ނުވާނަމަ އެއީ ހަދިޔާއެއް ކަމަށް ޤަބޫލުނުކުރާ މީހުން ގިނަވާތީއެވެ.

އަގުބޮޑު ހަދިޔާ ދިނުމަކީ ހެޔޮއެދޭކަން ޔަޤީންކުރެވެން އޮތް ސަބަބެއް ނޫނެވެ. ތިމާއަށް ހެޔޮ ނުއެދުނަސް އޭނާގެ ބޭނުމެއް ފުއްދަންވެސް ތިބާއަށް ކިތަންމެ އަގުބޮޑު ހަދިޔާއެއްވެސް ދީފާނެއެވެ. ހަދިޔާތަކެއްވެސް ދީފާނެއެވެ.

އެކަމުގެ ކުޑަކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. ވަރަށް ހެޔޮ އެދިގެން ކަމަށް ހެދިގެން އުޅެ، ކަންކަމުގައި އެހީތެރިވެދީ ހަދިޔާ ދީ ވަރަށް ގާތްކޮށް އުޅުމަށްފަހު އަނބިމީހާ ނުވަތަ ފިރިމީހާ ޖަހައި ނުގަނޭ ހެއްޔެވެ؟ ރުޅި އަތުވެއްޖެނަމަ ސިއްރުތައް ބޭޒާރުކޮށް ފަޟީޙަތް ނުކުރޭ ހެއްޔެވެ؟ ކިތަންމެ ބޮޑު ދެރައެއް ދޭންވެސް ފަސްޖެހޭ ހެއްޔެވެ؟

އެހެނަސް އެމީހާގެ ހިތުގައި އަނެކާގެ މައްޗަށް އިޚްލާޞްތެރިކަމެއް ނެތްނަމަ އަނެކާގެ މައްޗަށް ހެޔޮ ދުޢާއެއް ނުކުރާނެއެވެ! އެހެނީ އޭނާގެ ނިޔަތް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަން ކޮންމެ މީހަކަށްވެސް އެނގޭނެތީއެވެ.

ވީމާ އެއްވެސް މީހަކު ތިބާއަށްޓަކައި ހެޔޮ ދުޢާކޮށްފިނަމަ ނުވަތަ ހެޔޮ ދުޢާ ކުރާނެ ކަމަށް ބުނި ނަމަވެސް އެއީ އެންމެ އަގު ބޮޑު ހަދިޔާ ކަމަށް ޤަބޫލުކުރާށެވެ! އަތަށް ހަދިޔާއެއް ދިނުމުން ޝުކުރުވެރިވާވަރަށްވުރެ މާބޮޑަށް ޝުކުރުވެރިވާށެވެ!

ކަން މިހެން އޮތް ނަމަވެސް މިހާރަކަށް އައިސް މީހަކު "ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރާނެ ކަމަށް" ބުނުމުން ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ އެއްވެސް ހަދިޔާއެއް ނޫން ކަމަށެވެ. ނުވަތަ އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. އެހެންވެ އެކަމަށް މާބޮޑު ސަމާލުކަމެއްވެސް ނުދެއެވެ. ނަމަވެސް ކަން އޮތް ގޮތާއިމެދު ވިސްނައިލަމާ ހެއްޔެވެ؟

މީހެއްގެ ދުލުން ތިބާއަށްޓަކައި ބޭރުކުރެވޭނެ އެންމެ އުފާވެރި އަދި އެންމެ އަގު ބޮޑު ހަދިޔާއަކީ ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެ ކަމަށް ބުނުމެވެ. އެހެނީ އޭނާ އެބުނަނީ ތިބާގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި ތިބާއަށް ރަނގަޅު ގޮތް ހޯދައިދޭން މަސައްކަތްކުރާނެ ވާހަކައެވެ!

އެހެން ބުނެފައި ނަމަވެސް ނުބުނެ ނަމަވެސް އަނެކާއަށްޓަކައި ހެޔޮ ދުޢާކޮށްދީފިނަމަ އެކަން ވާނީ މީހަކަށް ދެވޭ އެންމެ އަގުބޮޑު ހަދިޔާއަށެވެ! އެހެނީ އޭނާގެ ބޭނުންތަކަށް އެދި ﷲ ތަޢާލާއަށް ދަންނަވާފަދައިން އެ ދަންނަވަނީ އަނެކާއަށްވެސް ހެޔޮގޮތްތައް މިންވަރުކޮށްދެއްވެވުން އެދިއެވެ. އަނެކާގެ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދިއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން