ޙަޔާތުގެ އަގުހުރި ވަޤުތުކޮޅު އާޚިރަތަށް ފައިދާނުކުރާނެ ގޮތަށް ހޭދަކުރުން! އާޚިރަތް ލިބެން އެދޭމީހާ ސަމާލުވާންޖެހޭ އެންމެ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޙަޔާތުގެ އަގުހުރި ވަޤުތުކޮޅު އާޚިރަތަށް ފައިދާނުކުރާނެ ގޮތަށް ހޭދަކުރުން! އާޚިރަތް ލިބެން އެދޭމީހާ ސަމާލުވާންޖެހޭ އެންމެ ބޮޑު ކަމެއް!

މިއަދު މިފެންނަ މަންޒަރުތަކުން ވަރަށް އަސަރުކުރެއެވެ. އެއީ ތިމާގެ ދިރިއުޅުމަށްވެސް އަދި އާޚިރަތަށްވެސް ފައިދާނުކުރާނެ ކަންކަމުގައި ގިނަ ބައަކު އެމީހުންގެ އަގުހުރި ވަޤުތުތައް ހޭދަކުރާތީއެވެ.  

ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ ގިނަ ބައަކު ވަޤުތުތައް ބޭކާރުކުރީ ތާސްކުޅުން ފަދަ ކަންކަމުގައެވެ. މީހުންނާއި ބޭކާރު ވާހަކަދެއްކުން ފަދަ ކަންކަމުގައެވެ. އެވަރުވެސް ކަމުނުގޮސްގެން ޝައިޠޯނާ މިއަދު މިވަނީ އެކަނި ހުރެގެން ކުޅިވަރުކުޅެވޭނެ ގޮތާއި އެކަނި ހުރެގެން ކިތަންމެ ގިނަ ބައަކާއި ވާހަކަދައްކައި މުޢާމަލާތުކުރެވޭނެ ގޮތްތައްވެސް ފަހިކޮށްދީފައެވެ.  

ފޯނުން ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ކުޅިވަރުތައް ކުޅެންވެސް އިތުރު މީހަކަށް ބޭނުމެއް ނުވެއެވެ. އެކަނި ހުރެގެން އެމީހަކު ބޭނުން ކުޅިވަރެއް ކުޅެންވީއެވެ. ވާހަކަދައްކަން އެހެން މީހަކާއި ބައްދަލުކުރާކަށް ނުޖެހެއެވެ. ތިމާހުރި ތަނުގައި ހުރެގެން ކިތަންމެ ގިނަ ބައަކާއިވެސް ޥާހަކަދައްކަންވީއެވެ.  

އެކަންކަމަށް މުޅި ދުވަސް ހޭދަކޮށްލާ މީހުންވެސް މަދެއް ނޫނެވެ. ސުވާލަކީ ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ވަޤުތުކޮޅު ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ، ޚާއްޞަކޮށް އާޚިރަތަށް އެއްވެސް ފައިދާއެއް ނުކުރާނެ ގޮތަށް ހޭދަކޮށްލާފައި ޤިޔާމަތް ދުވަހު ހުސްއަތާ ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޒިރުވީމާ ތިމާއަށް ޖެހޭނީ ނަރަކައަށް ނޫންހެއްޔެވެ؟  

ވީމާ މިކަންކަމަށް މިއަދު ސަމާލުނުވެ ސުވަރުގެ އެދުމަކީ ކުރެވޭ މޮޔަކަމަކަށް ނޫނީ ވާނެހެއްޔެވެ؟  

ތިރީގައިވާ ލިޔުމަކީވެސް ވިދާޅުވެލެއްވުން މުހިންމު ލިޔުމެކެވެ.  

" ގެއްލިގެން ދިއަ "ޅަފުރާގައި" ޢިލްމް އާއި ހުނަރުގެ ޤަދަރް އިޙްޞާޞް ކުރެވުނު ނަމަ މަންފާއެއް ނުކުރަނިވި ދޮގު ފުލޯކު ވާހަކަ ފޮތްތައް ބަލާކަށް، ތާސްބައާ ކުޅޭކަށް ހަމަހިލާވެސް ނޫޅުނީމުހެވެ." -. 

މިއީ ރާއްޖޭގައި އުފެދުނު ފިލޯސަފަރުންގެ ތެރެއިން އަރާ ހުންނެވި ބޭފުޅެއްކަމުގައިވާ ޢުމަރު ޢީސާ، އޭނާ "ތަޖުރިބާއިން އަޅުގަނޑަށް އެނގިއްޖެއެވެ" ސުރުޚީޣެދަށުން ލިޔުއްވާފައިވާ ބަސްފުޅެކެވެ.  

ޢުމަރު ޢީޞާ ފާހަގަކުރައްވާފައިއެވަނީ ތިމާއަށް އެއްވެސް މަންފާއެއް ނުކުރާނެ ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ހުރި ނުބައިކަމެވެ. ފޮތްކިޔާއިރުވެސް ތިމާއަށް ފައިދާކުރާނެ ފޮތްތައް ކިޔުމުގެ މުހިންމުކަމެވެ.  

އެޒަމާނުގައި ތާސްކުޅުމަކީ ޢާންމުކަމެއް ނަމަވެސް މިއަދު ތާސްކުޅުން މިވަނީ ތާސްބައިގެ ބަދަލުގައި ފޯނުންކުޅޭ ގޭމަކަށް ބަދަލުވެފައެވެ. އެއިރު 4 މީހުން ވެގެން ތާސްކުޅުނު ނަމަވެސް މިއަދު އެކަނި ހުރެ ތާސްވެސް ކުޅެވެއެވެ.  

އަދި ގޭމްކުޅުމުގައި ގިނަ ވަގުތު ހޭދަކުރުން މިވަނީ ޢާންމު ވަބާއަކަށްވެފައެވެ. އެހެންކަމުން މިިފަދަ ބުއްދިވެރި ބޭފުޅުން ވިދާޅުވެފައިވާ މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލުކުރުން ބުއްދިވެރިއެވެ.

މިއަދު އޮންލައިން