އެކުވެރިންނަށް ނަމާދުކުރަން ހަނދާންކޮށްދިނަސް ނުކުރާތީއާއި ބަންގިގޮވުމުން މިސްކިތަށް ހިނގާށޭ ބުނުމުންވެސް ނުދާތީ ހަނދާންކޮށްދޭ މީހާއަށް ޘަވާބުދެއްވަވާނެކަމާއިމެދު ގިނަ ބައަކު ކުރާ ސުވާލުކުރެއެވެ.
ހެޔޮކަމެއްކުރަން އެއްވެސް މީހަކަށް ހަނދާންކޮށްދިނުމުން އޭނާ އެކަން ނުކުރިނަމަވެސް ހަނދާންކޮށްދިން މީހާއަށް ހަނދާންކޮށްދިންކަމުގެ ޘަވާބު ދެއްވަވާނެތެވެ. ހަނދާންކޮށްދިނުމުން ނުވަތަ ވާގިވެރިވުމުން އޭނާ އެކަންކޮށްފިނަމަ އޭނާއަށް އެއްވެސް މިންވަރެއް އުނިނުކުރައްވަވައި ހަނދާންކޮށްދިން. ވާގިވެރިވި މީހާއަށްވެސް އެކަމުގެ ޘަވާބުވެސް ދެއްވަވާނެތެވެ!
އެކުވެރިޔާއަށް ނަމާދުކުރަން ހަނދާންކޮށްދިނުމުން ނަމާދު ނުކުރިޔަސް ހަމަ ވީހާ ގިނައިން ހަނދާންކޮށްދެއްވާށެވެ. އަދި އޭނާއަށްޓަކައި ހެޔޮދުޢާކުރައްވާށެވެ. އިޞްލާޙްވުމަކީ ދުރުކަމެއް ނޫނެވެ.
އަމިއްލައަށް ކުރެވޭ އަޅުކަމުގެ ޘަވާބަށްވުރެ އިތުރަށް ޘަވާބުހޯދަން ބޭނުންވާ މީހާ ގިނަގިނައިން މީސްތަކުންނަށް އަޅުކަންކުރަން ހަނދާންކޮށްދޭށެވެ. އަދި ވާގިވެރިވެސްވާށެވެ! އަނެކާ އެކަންނުކުރި ނަމަވެސް މާޔޫސްނުވާށެވެ.
ބައެއް މީހުންނަށް ހެޔޮ ގޮތް ވިސްނި އިޞްލާޙްވާން މުއްދަތެއް ނަގައިފާނެއެވެ. ވީމާ އެއްވެސް މީހަކު އިޞްލާޙްނުވާނެ ކަމަށް ބަލައި އޭނާ ދޫކޮށްނުލާށެވެ! ދޫކޮށްލުމަކީ އޭނާގެ މައްޗަށް ބާރު ހިންގަން ޝައިޠޯނާއަށް ފުރުޞަތު ބޮޑުވެގެންދާނެ ކަމެކެވެ. މަސައްކަތްކުރަންވީ ޢާއިލާގެ މީހުންނާއި އެހެންވެސް ވީހާގިނަ ބައަކު ގޮވައިގެން ސުވަރުގެ ވަނުމަށެވެ. އެކަމަށް މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން