ޢާއިޝަތު ރަފާޙް ޢަލީ
ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾
މާނަ: އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. (186)"
ވިސްނާލާށެވެ! އެކަލާނގެ ވަޙީކުރައްވަނީ، ތިބާ އެދި ދެންނެވުމުން އެކަލާނގެ އިޖާބަކުރައްވާ ކަމަށެވެ. ޞާލިޙު ޢަލައިހިއްސަލާމް މިއީ ކިހާ ފުރިހަމަ ކަމެއްކަން ބަޔާންކޮށްދެއްވަމުން ވިދާޅުވިއެވެ؛
ހޫދް ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ رَبِّي قَرِيبٌ مُّجِيبٌ ﴿٦١﴾
ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ. (61)
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، التَّوَّابُ (ތައުބާ ޤަބޫލުކުރައްވާފަރާތް) ގެ ކުރިއަށް الرَّحِيمُ (ރަޙީމްވަންތަފަރާތް) އަންނަ ފަދައިން، اَلْمُجِيبُ (އިޖާބަކުރައްވާފަރާތް) ގެ ކުރިއަށް اَلْقَرِيبُ (ކުއްތަންވެވޮޑިގެންވާފަރާތް) އާދެއެވެ.
އެހެންކަމުން، ތިބާއަށް ތައުބާވެވޭނީ އެކަލާނގެ ތިބާއަށް އިރާދަކުރެއްވުމުން ކަމުގައިވާ ފަދައިން، އެކަލާނގެ ތިބާއަށް އެންމެ ހެޔޮގޮތުގައި އިޖާބަކުރެއްވުމަށްޓަކައި، ތިބާ އެކަލާނގެ ޙަޟްރަތަށް ކުއްތަންކުރައްވައެވެ.
- ޑރ އުމަރް ސުލައިމާންގެ ދަރުސަކުން
- މިއަދުނޫސް