ތިބާގެ ވިސްނުމަށް ގެންނަ ކުޑަކުޑަ ބަދަލަކުން ތިބާ މާޔޫސްކުރުވަން އުޅޭ އެންމެން މާޔޫސްކޮށްލެވިދާނެ ބަދަލު! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 38ސ
ތިބާގެ ވިސްނުމަށް ގެންނަ ކުޑަކުޑަ ބަދަލަކުން ތިބާ މާޔޫސްކުރުވަން އުޅޭ އެންމެން މާޔޫސްކޮށްލެވިދާނެ ބަދަލު! އިން ޝާ ﷲ

ކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބެއް ނުވެއެވެ. ލޯބި ލިބެން ބޭނުންވާ މީހުންގެ ކިބައަކުން ލޯތްބެއް ނުލިބެއެވެ. މީޙާލަތުގައި ދުނިޔޭގަ ހުރުމުގެ ބޭނުމަކީ ކޮބާ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ހުރިހާ ކަމަކުންވެސް އަންގައިދެނީ ތިބާ ދުނިޔޭގައި ހުރުމުގެ މުހިންމުކަމެވެ. ކެތްތެރިވެ ކުރިމަތިކުރައްވަވާފައި ތިއަހުރި އިމްތިޙާނުތަކުން އަރައިގަތުމުގެ ހިތްވަރު އެބަހުރިކަން ﷲ ތަޢާލާއަށް ދެއްކޭނީ ދުނިޔޭގައި ހުރެގެންނެވެ. ނޫންނަމަ ތިބާވާނީ އިމްތިޙާނުން ބޮޑުތަނުން ފޭލްވި މީހަކަށެވެ. ތިބާ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ތިބާއަށް ލޯބިނުދީ މާޔޫސްކުރުވާ މީހުން މާޔޫސްކޮށްލުމަށެވެ. އެކަމަކީ ކުރެވޭނެ ކަމެކެވެ. ޢަމަލުކުރަން އޮތްގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ރަސްފަންނަށް ދިޔަ ދުވަހެކެވެ. ވަރަށް ދުވަސްކޮށްލާފަ އެކުވެރި ކުއްޖަކާ ދިމާވިއެވެ. ހާލުއަހާލާ ވާހަކަ ދައްކާލަން ރަސްފަންނުގައި ކުޑައިރުކޮޅަކު މަޑު ކޮށްލީމެވެ. އެކުވެރިޔާ ބުނަނީ ދެނިޔެ މަތިން ފޫހިވެއްޖެ ކަމުގައެވެ. ދުނިޔޭގަ ހުންނަންވެސް ބޭނުންނުވާ ކަމުގައެވެ.  

ލިބުނު ޝޮކުން ފުރަތަމަ ބުނާނެ އެއްޗެއް ނޭގުނެވެ. އެކުވެރިޔާ މިވަނީ ވަރަށް ދަތި ހާލެއްކަމުގައި ވިސްނި އިތުރަށް އޮޅުންފިލުވަން ފެށީމެވެ. ދުނިޔޭގައި ހުންނަން ބޭނުންނުވަނީ ކީއްވެތޯ ސުވާލުކުރީމެވެ.  

އެކުވެރިޔާގެ ޖަވާބަކަށްވީ ވަޒީފާއެއް ނުލިބުމުންކަމަށާއި އެކަކުވެސް އޭނާދެކެ ލޯބިނުވާތީ ކަމުގައެވެ. އެއަށްފަހު ކުޑައިރުންސުރެން އޭނާއަށް ދިމާވެފައި ހުރި ހިތްދަތި ކަންތަކާއި މިހާރު އޭނާ އުޅޭ ދަތި ހާލަތު ހިއްސާކުރިއެވެ. އެކުވެރިޔާގެ ވާހަކައިން ދޭހަވީ އެކުވެރިޔާ އަމިއްލައަށް އެކުވެރިޔާ ދިރިއުޅުމުގެ މައިދާނުން ފެއިލްވެއްޖެ ކަމަށް ނިންމައިގެން ހުރި ކަމެވެ. ދެން އިތުރަށް ކުރިޔަށް ނުދެވޭނެ ކަމަށް ނިއްމައިގެން ހުރި ކަމެވެ.  

އެކުވެރިޔާ ވިސްނާގޮތަށް ވިސްނާ ވަރަށް ގިނަ މީހުން މި ކުޑަ މުޖުތަމައުގައިވެސް އުޅެއެވެ. ހަޔާތުގައި ކުރިމަތިވާ ދަތި ހާލަތްތަކުން އަރައި ނުގަނެވި އަމިއްލައަށް ދެން ކުރިޔަށް ނުދެވޭނެ ކަމަށް ނިއްމައިގެން ހުރުމެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.  

ފުރަތަމަ ކަމަކަށް އަބަދު ތިމާއަށް ކުރިމަތިވެފައިވާ ހިތްދަތި ކަންތައްތަކާއި ވިސްނާ ފިކުރުކޮށް ހަދާނަމަ ތިމާއަށް ލިބިފައިވާ ނިއުމަތްތައް ތިމާއަށް ނުފެންނާނެއެވެ. އަބަދުވެސް ބަލަންވީ ތިމާއަށްވުރެން ދަތި ހާލުގައި ދރިއުޅޭ މީހަކަށެވެ. ކާއެތިކޮޅެއް ނުލިބިގެން ބަނޑަށް މަރުވަނީ ދުވާލަކު ކިތައް މީހުންކަން ތިމާއަށް އިނގޭ  ހެއްޔެވެ؟ ބަލިވެ އެނދުމަތިވެ އަތުން ފައިން އަމިއްލަ ކަންތައްވެސް ނުކޮށްލެވޭ މީހުން ވާކަން ތިމާއަށް އެނގޭ ހެއްޔެވެ؟ ތިމާއަށް ބަނޑުހައިހޫނުކަން މުއްތި ކުރާނެ ކާއެތި ކޮޅެއް އެބަލިބެއެވެ. އަމިއްލަ އަތުން އަމިއްލަ ކަންތައްތައް އެބަ ކޮށްލެވެއެވެ. މީވެސް ހާދަހާވާ ބޮޑު ނިއުމަތެކެވެ.

އަހަރަމެން ސިކުނޑިން ވިސްނާގޮތް އަހަރަމެންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެއެވެ. މިސާލަކަށް ވަރަށް ފަލަކޮށް ހުންނަ ކުއްޖަކު މިވިސްނަނީ ދެން ތިމަންނައަށް ނުހިކޭނެ ކަމަށެވެ. މިކުއްޖާ މިހެން ވިސްނީމާ ދެން މި ކުއްޖާ ހިކެން ކުރަންޖެހޭ މަސައްކަތެއް އަސްލު ނުކުރެވޭނެއެވެ. އެއީ އަބަދުވެސް ސިކުނޑީގައި މި އިންނަނީ ނުހިކޭނެ ކަމުގެ ހިޔާލެވެ. ވީމާ ހިކުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވޭނީއެވެ. 

ހަމަ އެފަދައން ދިރިއުޅުމުގައި ކުރިމަތިވާ ދަތި ހާލެއްގެ ސަބަބުން ދެން ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެކަމަށް ހިތަށް އަރާނަމަ ދެން ދިރިއުޅުމުގައި ކުރިޔަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އަބަދުވެސް ވިސްނަންވާނީ ތިމާއަށް ދިރިއުޅުމުގައި އަދި ކުރިޔަށް ދެވޭނެ ކަމުގައެވެ. މިއަދު ތިމާ ހުރި ހާލަތުން ނުކުންނާނެ މަގެއް ފެނޭތޯ ހޯދާ ބަލަންވާނެއެވެ. ކުރަންޖެހޭ ކަންތައްތައް ހިންވަރާ ގަދަ ފަދަ އަޒުމާއެކު ކުރަން ޖެހޭނެއެވެ.  

ތިމާދެކެ މީހުން ލޯބިނުވާ ކަމަށް ބުނާ މީހުންނަށް ބުނަމެވެ. ދުނިޔޭގައި އުޅޭއިރު އަބަދު އެންމެންގެ ރުހުމެއް ނުލިބޭނެއެވެ. މާޔޫސްނުވެ ކުރިއަށް ދާށެވެ. އެމީހުންނާއި މެދު ތިމާގެ ހިތް ސާފު ކުރާށެވެ. ތިމާ އެހެންމީހުންނާނާއި މެދު ރަނގަޅަށް ކަންތައް ކުރީމަ އެނިމުނީއެވެ. މީހަކު  ތިމާއާއި މެދު ކަންތައް ކުރާ ގޮތުން ހިތުގަ ޖެހި ދަރަވަންޏާ އެމީހުންނާއި ކުޑަކޮށް ދުރުވެލާށެވެ. ތިމާގެ ވާހަކަތައް އެމީހުންނާއި ހިއްސާ ނުކުރާށެވެ.  

އަބަދުވެސް ހެޔޮކޮށް ވިސްނޭތޯ މަސައްކަތް ކުރާށެވެ. މި ދުނިޔެމަތީގައި ﷲ ސުބުހާނަހޫ ވަތަޢާލާގެ ލޯބިވެވޮޑިގަތުމާއި ރުހުން ތިމާއަށް ލިބޭނެ ގޮތަށް ތިމާގެ އަމަލުތައް ބެހެއްޓޭތޯ މަސައްކަތް ކުރާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުއްސެވުން ލިބުމަށް ވުރެން ވަކިން ބޮޑު އުފަލެއް އަހަރަމެންނަށް މިދުނިޔެ މަތިން ވޭ ހެއްޔެވެ؟ އަމިއްލަ ނަފްސާ އަޅެ މި ސުވާލު ކޮންމެ މީހަކުވެސް ކޮށްލަބަލާށެވެ.

 

- އުންމު ނަވާރު

    

މިއަދު އޮންލައިން