ކަންބޮޑުވާންވީ މިއަދު ލާންލިބޭ ފޭރާމަކަށް ނޫން! ޤިޔާމަތްދުވަހު ނަރަކައިގެ ފޭރާންލާން ޖެހިދާނެކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކަންބޮޑުވާންވީ މިއަދު ލާންލިބޭ ފޭރާމަކަށް ނޫން!
ޤިޔާމަތްދުވަހު ނަރަކައިގެ ފޭރާންލާން ޖެހިދާނެކަމަށް!


މާލީ ޙާލަތު ހުންނަ ގޮތުން ބައުފޭރާމާއި އާދައިގެ

ފޮތީގެ ފޭރާންލާންޖެހުމަކީ މައްސަލައެއް ކަމަށް ދެކެ ސުވާލުކުރައްވާ ކިޔުންތެރިންނަށް މިގެނެސްދެނީ އެކަން އޮތް ގޮތް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ

ފުރަތަމަވެސް ބުނެލަން އޮތީ އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ. ﷲ ތަޢާލާ ތިބާއަށް ދެއްވަވާ މިންވަރުން ފޭރާންލާނަމަ އިން ޝާ ﷲ ތިބާއަށް ތިއަ ދެވެނީ ސުވަރުގެއާއި ދިމާއަށެވެ. ސުވަރުގެ ވަދެވުމުން ލިބޭނެ ފޭރާމުގެ ރީތިކަމާ އައުކަން ހިތަށްވެސް ނުގެނެވޭނެއެވެ. އެދުވަހަށް އިންތިޒާރުކޮށްލާށެވެ. އަދި ތިރީގައިވާ ލިޔުމަށް ވިސްނައި ސަމާލުކަންދޭށެވެ.

ކޮންމެ މީހަކީ އަބަދު އައު ހެދުމާއި މޮޅުފޭރާމުގެ ހެދުން ލިބޭނެ މީހެއް ނޫނެވެ. ދުނިޔޭގައި އުޅޭއިރު ފޮތިމަތިން ފޮތިއަޅައިގެން ނަމަވެސް އަޢުރަ ނިވާކުރެވިއްޖެ ނަމަ ފުދުނީއެވެ. ގަދައަޅައި މަސައްކަތްކުރަންވީ ނަރަކައިގެ ހޫނުމިން އިތުރަށް ހޫނުކޮށްދޭ ނަރަކައިގެ ފޭރާން ނުލުމަށެވެ. ޙަޤީޤީ ޒީނަތްތެރި ކަމަކީ ސުވަރުގޭގެ ރިވެތި، މީރުވަސްދުވާ ފޭރާން ލާން ލިބުމެވެ.

ނަރަކައިގެ ފޭރާން ލާން ޖެހޭ މީހަކަށް ވެއްޖެ ނަމަ ދުނިޔޭގައި އުޅެން މިލިބޭ މަދު ދުވަސްކޮޅު ލާ އަގުބޮޑު ފޭރާމުގެ އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުހޯދިއްޖެނަމަ އޮތީ ކޮން މުއްސަނދިކަމެއް ހެއްޔެވެ؟ ވީމާ ފޭރާން ލުމުން ވެސް އިޤްޠިޞާދުކޮށް ޞަދަޤާތްކުރުން ގިނަކުރާށެވެ!

މަދު ކާއެތިކޮޅަކުން ފުދިދާނެއެވެ. ލިބޭ ކާއެތިކޮޅު ކިތަންމެ މަދު ނަމަވެސް ހަމަ އުފަލުގައި ވެސް ދުނިޔޭގައި އުޅެވިދާނެއެވެ. ދުނިޔޭގެ އާބާދީގެ ގިނަ ބައަކު މިހާރުވެސް ދަނީ މިކަން ސާބިތުކޮށް ދައްކައިދެމުންނެވެ.

ނަމަވެސް ދުނިޔެ އާއި އާޚިރަތް ހޯދޭނީ ހެޔޮ ޢަމަލުތައް ވީހައި ގިނައިންކޮށްގެންނެވެ! އަދި އިޚްލާޞްތެރިކަމާއިއެކު އަމަލުކޮށްގެންނެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް އަޅުކަންކޮށްގެންނެވެ.

 ވީމާ އިޚްލާޞްތެރިކަމާއިއެކު ހެޔޮ އަމަލުކުރުން ގިނަކުރަން ދޭ ސަމާލުކަން އިތުރުކުރާށެވެ! ދުނިޔަވީ ބޭނުންތައް ފުއްދަން ކުރާ މަސައްކަތްތަކަށްވުރެ އާޚިރަތް ހޯދަން ކުރާ މަސައްކަތް ގިނަކުރާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން