މަގުމަތީގެ އަމާންކަން މިވަނީ ގެއްލިފައެވެ.
ހަމައެކަނި ނަފުސަށް ޙަމަލާދޭތީއެއް ނޫނެވެ. އަތުގައި ހުންނަ ތަކެތި ޖަހައިގަތުންވެސް މިދަނީ ޢާންމުވަމުންނެވެ. އެެހންވެ އަގުބޮޑު ފޯނު ޖީބުން ނަގަން ބިރުގަންނަންޖެހެއެވެ. ވައްކަމާއި ފޭރުމުގެ ޢަމަލުތައް އިންތިހާއަށް ގިނަވެ އެމީހަކަށް އަތުޖެހުނު ގޮތަކަށް ފައިސާ އާއި ތަކެތި ހޯދުން މިވަނީ ޢާންމުވެފައެވެ. މީހުންގެ ޙައްޤުތަކަށް އަރައިގަތުން މިވަނީ ޢާންމުވެފައެވެ.
އެހެންކަމުން ޢުމަރުގެފާނުގެ މިބަސްފުޅަށް ވިސްނައިލާށެވެ!
އެއް ދުވަހަކު ޢުމަރުގެފާނު ބާޒާރުގައި އުޅުއްވަނިކޮށް އިސްތަށިފުޅުގައި އަޅުއްވަން ގެންގުޅުއްވި ފަގުޑިކޮޅު ނުވަތަ ފޮށާކޮޅު ޖަހައިގަނެގެން މީހަކު ދުއްވައިގަތުމުން އޭނާގެ ފަހަތުން ދުވެވަޑައިގަންނަވަމުން ޢުމަރުގެފާނު ވިދާޅުވެއެވެ. "ﷲ ތައާލާ ހެކިކޮށް ތިއަ ފޮށާ އަހަރެން ކަލެއަށް ދީފީމެވެ. ޤަބޫލުކޮށްފިން ކަމަށް ބުނާށެވެ! ޤިޔާމަތް ދުވަހު ނަރަކައިގެ އަލިފާނުން ކަލޭ ސަލާމަތްވާނީ އެއިރުންނެވެ."
މީސްތަކުންނޭވެ! ވައްކަން ކުރުމާއި ފޭރުން ފަދަ ޢަމަލުތައްކުރާއިރު ބިރުވެތިވާން ޖެހޭ މިންވަރު މިއޮތީ އެނގޭށެވެ! އެމީހާ އެކުރި ކަންތަކުގެ ސަބަބުން އޭނާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަމުގެ ބިރުފުޅަށް ޢުމަރުގެފާނު އެމީހާއަށް އެ ފޮށާކޮޅު ހަދިޔާކުރެއްވެވީއެވެ.
މިކަމުން އެނގޭ ކަމަކީ ވައްކަމާއި ފޭރުމުގެ އަމަލުތައް ކުރާ މީހުންނަށް ހުރި ޢަޒާބުގެ ގަދަފަދަ ކަމެވެ. ވީމާ އެއީ ކުޑަކުޑަ ކަމެއް ކަމަށް ހީކޮށް އެއްވެސް މީހެއްގެ އެއްވެސް ޙައްޤަކަށް އަރައިނުގަންނާށެވެ! ނަރަކައިގެ އަލިފާނަށް ބިރުވެތިވާށެވެ!
ދެބެއިން ކަމުގައިވީނަމަވެސް ދެމަފިރިން ކަމުގައިވީނަމަވެސް އަދި މައިންބަފައިންގެ ތަކެތި ކަމަށްވީނަމަވެސް ޙަލާލު ގޮތުގައި ނޫނީ ބޭނުން ނުކުރާށެވެ! ޙަރާމް ގޮތުގައި ބޭނުންކޮށްފިނަމަ ހަމަ ވާނީ ޙަރާމް ކަމެއް ކުރި ކަމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން