އެކުވެރިންތަކެއް އެކުގައި ތިއްބައި ވަރަށް ރީތި އަންހެނަކު ފެނުމުން އެކަކު ފިޔަވައި އެހެން އެންމެން އޭނާއަށް ސަމާލުކަން ދިނެވެ. ސަމާލުކަން ނުދިން މީހާ ބުނީ އޭނާއަށް އޭނާގެ ބައިވެރިޔާ މާރީތިކަމަށެވެ. އެއީ ކޮންގޮތަކުންތޯ ސުވާލުކުރުމުން ބުނީ އޭނާގެ އަނބިމީހާގެ ހުރި ރިވެތި ސިފަތައް ބުނަން ބޭނުން ނޫންކަމަށެވެ. ޙަޤީޤީ ބުއްދިވެރިންނަކީ އެއީއެވެ.
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ ރީތިކަންވެސް އަދި ތަނަވަސްކަންވެސް ތަފާތުވާނެއެވެ. އަދި މިޒާޖާއި އެހެންގޮތްގޮތުންވެސް ތަފާތުވާނެއެވެ. އަދި ޢާންމު ގޮތަކަށް ބަލައިފިނަމަ ތިމާ އެދޭ ހުރިހާ ސިފަތަކެއް އެންމެ ފުރިހަމައަށް ހުރި ބައިވެރިއަކު ނުވެސްލިބޭނެއެވެ.
އެހެންކަމުން ތިމާއަށް ެަނގަޅު ގޮތް މެދުވެރިވުމަށް އެދޭނަމަ ކައިވެނިކުރުމަށްފަހު ހުރިހާ ސަމާލުކަމެއް ދޭންޖެހޭނީ ތިމާއަށް ލިބުނު ބައިވެރިޔާއަށެވެ. ފުރިހަމަކުރަން މަސައްކަތްކުރަންވީ ތިމާއަށް ލިބުނު ބައިވެރިޔާއެވެ.
އަބަދުވެސް ބުނާ ފަދައިން ތިމާޢަށް ފެނުނު އެންމެ ރީތިމީހާ ލިބި ކައިވެނިކުރާތަނުންވެސް އޭނާއަށްވުރެ ރީތި މީހަކު ފެނިދާނެއެވެ. އެހިސާބުން ބައިވެރިޔާ ދޫކޮށްލާފައި އެމީހެއްގެ ފަަހތުން ދުވަން ބޭނުންވާ މީހަކަށް އަބަދުވެސް ޖެހޭނީ އެގޮތަށް ދުވެދުވެ ހުންނާށެވެ! އެއީ ކޮޅުންލާނެ ނުވަތަ ނިމުމެއް އަންނާނެ ކަމެއް ނޫނެވެ.
ވިސްނާށެވެ! އަނެކާގެ ބައިވެރިޔާ ވަރަށް ރީތިވެސްވެދާނެއެވެ. އަދި ތަނަވަސްވެސް ވެދާނެއެވެ. އެކަމަކު އޭނާގެ ކިބައިގައި ދެން ހުންނަ ސިފަތައް އެނގެނީ ކިހިނަކުންހެއްޔެވެ؟ ރީތި، ތަނަވަސް މީހާ އާއި ކައިވެނިކޮށްގެން ހުރި ބައިވެރިޔާއަކީ އަބަދު ހިތުން ރޮއިރޮއި ހުންނަންޖެހޭ މީހަކަށް ވެއްޖެނަމަ އޭނާގެ ރީތިކަމާއި ތަނަވަސްކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ މިބުނިފަދަ ޙާލަތު މެދުވެރިވެ ކަރުނަ ނުހިކި އުޅެންޖެހިފައިވާ މީހުންގެ ޢަދަދު މިލިއަނުން ގުނައިނުލެވޭނީ ހެއްޔެވެ؟
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ހަވާނަފްސް އެދޭ ހުރިހާ ކަންކަން ޙާޞިލުކުރަން ބޭނުންވާ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ނުތަނަވަސްކަމުގައެވެ. އެއިގެ ބަދަލުގައި ހަވާނަފްސުގެ މައްޗަށް ބާރުވެރިވެވިއްޖެނަމަ އުފަލުގައި ހުރެވޭނެއެވެ.
ވީމާ އަނެކާގެ ބައިވެރިޔާއަށް ކަޅިނުއަޅާށެވެ! ތިމާއަށް ލިބުނު ބައިވެރިޔާއަށް ކަޅިއަޅާށެވެ! ބައިވެރިޔާއަށް ކަޅިއެޅުން ގިނަކުރާށެވެ! ގިނަ ފަހަރު މިބާވަތުގެ މައްސަލަތައް ކުރިމަތިވެފައި ހުންނަނީ ތިމާގެ ބައިވެރިޔާއަށް ކަޅިއެޅޭވަރު މަދުވުމުންނެވެ!
ދެން މިހިސާބުން އުޚުތުންނަށް ބަހެއް ބުނެލާނަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ފޭރާންލައި ނިވާވެގެން ތިބޭށެވެ! ތިއަ ލޮބުވެތި ކަނބަލުންގެ ރީތިކަން އެންމެންނަށް ނުދައްކާށެވެ! ކަޅިއެޅުންތަކުން ސަލާމަތްވެ ހުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން