ދެމަފިރިން އެކުގަ ރޭއަޅުކަންކޮށް ކުރަން ފައިދާހުރި ދުޢާއެއް! ހިތުގެ އެންމެ އަޑިން މިފަދައިން ދުޢާކުރާނަމަ ހިތްފުރޭވަރަށް ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދެމަފިރިން އެކުގަ ރޭއަޅުކަންކޮށް ކުރަން ފައިދާހުރި ދުޢާއެއް! ހިތުގެ އެންމެ އަޑިން މިފަދައިން ދުޢާކުރާނަމަ ހިތްފުރޭވަރަށް ރަޙްމަތް ލައްވަވާނެ! އިން ޝާ ﷲ

އެއީ ދެމަފިރިން އެކުގައި ރޭއަޅުކަންކުރާ ޒުވާން ދެމަފިރިންނެވެ. ކަންދިމާވިގޮތުން އެރޭ ކުރިން ހޭލެވުނީ ފިރިމީހާއަށެވެ. އަނބިމީހާ ހޭލެއްވުމަށްފަހު ބުނީ އަވަހަށް ނަމާދަށް ތައްޔާރުވުމަށާއި މިރޭ ވަރަށް ޚާއްޞަ ދުޢާއެއް ކުރަން ބޭނުންވާ ކަމަށެވެ.  

ދެމަފިރިން އެކުގައި ތަހައްޖުދު ނަމާދުކުރުމަށްފަހު ކުރީ މިދުޢާއެވެ. 

ޔާ ﷲ! އަޅަމެން ދެމަފިރިންގެ ހިތް ގުޅުއްވަވައިދެއްވެވީ އިނބަ ﷲ އެވެ. އަޅަމެންގެ ދިރިއުޅުން އުފާވެރިކޮށްދެއްވަވާނދޭވެ! އަޅަމެންގެ އެންމެހައި ކަންކަމުގައި ބަރަކާތް ލައްވަވާނދޭވެ! 

ޔާ ﷲ! ރުޅިވެރިކަމާއި ހަސަދައާއި ފިތުނަތަކާއި ޝައިޠޯނާގެ ވަސްވާސްތަކުން އަޅަމެން ސަލާމަތްކޮށްދެއްވަވާނދޭވެ!

ޔާ ﷲ! އަޅަމެންނަށް ދެއްވަވާ ރިޒުޤުގައި ބަރަކާތް ލައްވަވާނދޭވެ! ތަނަވަސްކަން ދެއްވެވުމަށްފަހު އަނބުރައި ނިގެންދަވާނދޭވެ! އަދި އިނބަ ﷲ ކުރިމަތިކުރައްވަވާ ދަތިޙާލެއްގެ ސަބަބުން ދެމީހުންނަށް ވަކިވާން ނުޖެހި އެކުގައި ލަހައްޓަވާނދޭވެ!  

ދުޢާ އިސްވެ ކުރީ ފިރިމީހާއެވެ. އަނބިމީހާ ގެންދިއައީ އާމީންކިޔަމުންނެވެ. ދުޢާކޮށް ނިމިގެން ދެމަފިރިން ވަޢުދެއްވިއެވެ. އެއީ ޚިޔާލުތަފާތުވާންޖެހުނަސް އަދި ކިތަންމެ ދަތިޙާލެއް ކުރިމަތިވިޔަސް ދެމީހުން ވަކިނުވެ އެކުގައި ތިބެ ﷲ ތަޢާލާއަށް ދުޢާކުރުމަށެވެ.  

ބުނަންހެއްޔެވެ؟ ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް މިފަދަމޭރުމުން ދުޢާކޮށް މިފަދައިން ވަޢުދުވެ ވަޢުދުހިފަހައްޓާނަމަ އެދެމަފިރިއަކަށް ޙާޞިލްނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެއީ އެދެމަފިރިންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެތީއެވެ. އިން ޝާ ﷲ  

މިއީ އަޅުގަނޑު ބެލި އިސްލާމިކް ވީޑިއޯއަކުން ފެނުނު ކަންކަމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ކޮންމެ ދެމަފިރިއަކަށްވެސް މިލިޔުންކޮޅުން ފައިދާކުރާނެތީއެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން