ކޮންމެ
ކަމެއްގައިވެސް މުސްލިމުންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. އެގޮތުން ބަލާއިރު ދުނިޔޭގެ ރައީސްކަމަށްވިޔަސް، ދުނިޔޭގެ އެންމެ ތަނަވަސް މީހާ ނަމަވެސް އަދި އެންމެ ބޮޑު ޤަދަރުވެރިެއް ނަމަވެސް މުޝްރިކެއްގެ މަހާނައަށް ޒިޔާރަތްކުރުން މުސްލިމުންނަށް ހުއްދަވެގެނެއް ނުއެވެ. އެކަން އެނގެނީވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުންނެވެ.
ﷲ ތަޢާލާ އަށާއި، އެކަލާނގެ ރަސޫލާ ﷺ އަށް ކާފިރުވެ އަދި ފާސިޤުން ކަމުގައިވާ ޙާލު މަރުވި މީހުންގެ މަހާނަދަށުގައި ހުއްޓި ހުރުން ﷲ ތައާލާ ވަނީ މަނާ ކުރައްވަވައިފައެވެ. އެކަން ނުކުރުމަށް އަމުރުފުޅު ކުރައްވަވައިފައެވެ.
"އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކާފިރު ވޫއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލު ގައެވެ." (ތައުބާ: 84)
މިއީ ތަފާތު ސަބަބުތައް މެދުވެރިވެ މުސްލިމް ނޫން ޤައުމުތަކުގައި ދިރިއުޅެންޖެހިފައިވާ މީހުންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެފަދަ ޤައުމެއްގައި އުޅެންޖެހުނު ނަމަވެސް ޢަމަލުތައް ބަހައްޓަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުންނެވެ. ދުނިޔޭގައި ކިތަންމެ ބޮޑު ޤަދަރެއް ލިބިފައިވީނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރުލިބިގެންވާ ބައަކީ ހަމައެކަނި މުސްލިމުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއީ ޚާއްޞަކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބޭރު ޤައުމުތަކަށް ޒިޔާރަތްކުރާ ދިވެހިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. ނުއެނގި ތިބެ ނަމަވެސް މިފަދަ ކަންކަން ބައެއެ މީހުންނަށް އެބަ ކުރެވެއެވެ. ކާފިރުންގެ ޖަނާޒާތަކުގައިވެސް އެބަ ބައިވެރިވެއެވެ.