ޢިބްރަތްތެރި ވާހަކަ: ވަޢުދު އުވާލައި ބޭވަފާތެރިވީތަނާ ވަފާތެރި އަނބިމީހާ ހަދިޔާކުރި ކިޑްނީ ފޭލްވުމުން ދުނިޔެ ދޫކުރަންޖެހުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޢިބްރަތްތެރި ވާހަކަ: ވަޢުދު އުވާލައި ބޭވަފާތެރިވީތަނާ ވަފާތެރި އަނބިމީހާ ހަދިޔާކުރި ކިޑްނީ ފޭލްވުމުން ދުނިޔެ ދޫކުރަންޖެހުނު މީހެއްގެ ވާހަކަ-

އެއީވެސް ލޯބިން ދިރިއުޅުނު ދެމަފިރިންނެވެ.

ފިރިމީހާގެ އެއް ކިޑްނީ ފޭލްވީއެވެ. ބަދަލުނުކޮށް ވާނެ އެއްވެސް ގޮތެއް ނެތުނީއެވެ. އޭނާގެ ޢާއިލާގެ ތެރެއިން 3 މީހެއްގެ ކިޑްނީ ދިމާވިއެވެ. ނަމަވެސް އެކަކުވެސް ކިދްނީ ދޭކަށް އެއްބަހެއް ނުވިއެވެ. އެއްވެސް އެެހން ގޮތެއް ނެތުމުން އަނބިމީހާ ނިންމީ އޭނާގެ ކިޑްނީ ދޭށެވެ. އެއީ ޢުމުރަށް ދެމީހުން އެކުގައި އުޅެން ބޭނުންވާވަރު ބޮޑުކަމުންނެވެ.

އޮޕަރޭޝަން ކާމިޔާބެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަޒީފާއަށް ނުކުމެވެން ފަށައިފިއެވެ. އެހިސާބުން ކަންކަން ބަދަލުވީ މުޅިން އެހެން ގޮތަކަށެވެ. ފިރިމީހާ ލޯބިވެރިއަކު ހޯދީއެވެ. ސިއްރުން ގެންގުޅެމުން އައިސް އެންމެފަހުން ގެއަށްވެސް ގެނައީއެވެ.  

މަންޒަރު ފެނުމުން އަނބިމީހާ ޝަކުވާކުރުމުން ބުނީ ޒުވާން ރީތި އަންހެނަކު ބޭނުންވަނީ ކަމަށެވެ. އަނބިމީހާ ބުނީ އޭނާ މިހުރިހާ ދުވަހު ކޮށްދިން ޚިދުމަތުގެ އަގުލިބިއްޖެކަމަށެވެ. ޚާއްޞަކޮށް ފުރާނަ ސަލާމަތްކުރުމަށްޓަކައި ކިޑްނީ ދޭނެ އެއްވެސް މީހަކު ނުވެ، ޢާއިލާއިން ަމރުވާން ދޫކޮށްލި ދުވަހު އެއް ކިޑްނީ ހަދިޔާކުރިކަމުގެ އަގުވެސް ލިބިއްޖެކަމަށެވެ. އެކަމަކު ބުނަންހެއްޔެވެ؟ އަހުރެން ކިޑްނީ ދިނީ ޢުމުރަށް އެކުގައި އުޅޭނެކަމަށް އެތައް ހުވައެއް ކުރީތީއެވެ. ނަމަވެސް މިއަދު އެހުވާތައް ތިއަ އުވައިލީއެވެ. އަހުރެން ކިޑްނީ ދިނީ އެހެން މީހަކާއިއެކު ދިރިއުޅޭކަށް ނޫނެވެ. ވީމާ އަހުރެންދިން ކިޑްނީ އަނބުރައި ދޭށެވެ.

އެއަޑުތައް އިވުމުން ރޮވުނީ ފިރިމީހާޢަކަށް ނޫނެވެ. ރޮވުނީ ލޯބިވެރިޔާއަށެވެ. "ތިބާ ތިއަހުރީ މިހުރިހާ ކަމެއް ސިއްރުކޮށްގެންނެވެ. ތިބާއަށްޓަކައި ކިޑްނީ ހަދިޔާކުރި އަނބިމީހާ އެއްލައިލަން ކެރުނު މީހަކަށް މާފަސޭހައިން އަހުރެން އެއްލައިލަން ކެރޭނެއެވެ. ވީމާ ޢުމުރަށް ސަލާމެވެ. ދެން ގުޅައިގެންވެސް ނުވާނެއެވެ. ނަންބަރުވެސް ބްލޮކްކުރާނަމެވެ." ބުނެފައި ނުކުމެގެންދިއައީއެވެ.  

ފިރިމީހާ އަނބިމީހާ ރުއްސޭތޯ ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. ނަމަވެސް އަނބިމީހާ ޤަބޫލެއް ނުކުރިއެވެ. ބުނީ މުހިންމީ ކިޑްނީ ތިބާގެ ގައިން ވަކިކުރުވުން ނޫންކަމަށެވެ. މުހިންމީ އިތުރު ނިކަމެތިކަމެއް ނުދެނީސް ވަކިވުން ކަމަށެވެ. ވީމާ ވަރިކޮށްފައި އަވަހަށް ގެއިން ނުކުމެގެންދާށެވެ. 

ދެން ދިމާވީ އާދައާއި ޚިލާފް ގޮތެކެވެ. ކިޑްނީ އޭނާދެކެ ރުޅިއައީއެވެ. (ރުޅިއައީ: މިބަސް ބޭނުންމިކުރީ މަޖާޒީ ގޮތެއްގައެވެ.) އަނބިމީހާ ހަދިޔާކުރި ކިޑްނީއަށް މައްސަލަޖެހި މަޑުމަޑުންގޮސް ފޭލްވީތީއެވެ. އެކަމުގެ ތެރޭގައި އޭނާވެސް ނިޔާވީއެވެ.  

މިހުރީވެސް ކުރިމަތިވާ ކަންކަމެވެ، ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ! ހެޔޮލަފާ ބައިވެރިއަކު ލިބުން މިހާއުނދަގޫ ދުވަސްވަރެއްގައި ތިމާއަށްޓަކައި ފުރާނައިން ޤުރްބާންވާ ބައިވެރިޔާގެ ހިތުގައި ޖައްސުވާ ކޮންމެ މީހަކަށްވެސް މިޙާދިސާގައި ޢިބްރަތެއްވެއެވެ.  

އެފިރިމީހާއަށް ޖެހުނު ޙާލަށްވުރެވެސް ބޮޑަށް އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ އެލޯބިވެރިޔާގެ ނިންމުމެވެ. އަންހެނުން އަންހެނުންގެ ޙައްޤުގައި އެގޮތަށް ނިންމާނަމަ ކަރުނައަޅަންޖެހޭނެ އަންހެނުން މަދުވާނެއެވެ.

 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން