ބައިވެރިޔާ ބޭނުންވުމުން ރޭނުކުރުމަކީ އެހާބޮޑު ކަމެއްކަމަށް ނުދެކޭ ގިނަ ބައަކު އުޅެއެވެ. ތެދުވެރިކަމާއިއެކު އެކުގައި ދިރިއުޅެމުންވެސްމެއެވެ. ބައިވެރިޔާ ބޭނުންވުމުން ރޭނުކުރިނަމަ އެމީހަކަށް ލަޢްނަތް ލެއްވެވުން އެދިގެން މަލާއިކަތުން ދުޢާކުރައްވަވާނެކަމަށް ޢިލްމްވެރިން ވިދާޅުވުމުން އެއީ އެވަރުގެ ބޮޑުކަމެއްކަމާއިމެދުގައިވެސް ސުވާލުކުރެއެވެ.
އެހެންވެ އަހުރެންގެ ވިސްނުމުން ބައެއް ވާހަކަ ބުނެލަން ބޭނުމެވެ. ބައިވެރިޔާ ތިބާގެ ކިބައިން އެކަމަށް އެއެދެނީ ތިބާއަކީ އެކަމަށް ހުއްދަވެގެންވާ މީހާކަމަށްވާތީއެވެ. ޙަލާލު ގޮތުގައި އެކަންކުރަން ބޭނުންވާތީއެވެ. ތިބާ އެކަމަށް ދެކޮޅުހަދާނަމަ، ވަކިން ޚާއްޞަކޮށް ތަކުރާރުކޮށް ދެކޮޅުހަދާނަމަ ގިނަ ބައަކު ހިލޭ މީހުންނާއިއެކު އެކަންކުރާނެއެވެ. އެއިރުން އެކުރެވެނީ ބޮޑު ފާފައެކެވެ. އަދި އެ ބޮޑު ފާފަކުރަންޖެހުނީ ތިބާގެ ސަބަބުންކަމަށްވުމުން ތިބާއަށްވެސް އެފާފައިން ބައިއެޅޭނެއެވެ. މިއީ ކާކު ބޭނުންވާނެ ކަމެއް ހެއްޔެވެ؟ ނޫނީ ޤިޔާމަތް ދުވަހު ކާކަށް އުފުލޭނެ ބުރައެއް ހެއްޔެވެ؟
ހަމައެއާއިއެކު އަނބިމީހާ ތަކުރާރުކޮށް އިންކާރުކުރާނަމަ ޙަރާމް ގޮތުގައި އެކަން ނުކުރަންވެގެން، އަދި އަނބިމިހާ ރުޅިއަރުވަން ބޭނުންނުވާތީއާއިވެސްއެކު އަނބިމީހާއަށް ސިއްރުން ދެވަނަ ކައިވެނިކުރެއެވެ. އެއިރުން ފިރިމީހާ އޭނާއަށް ޚަރަދުކުރާނީ ތިބާއަށް ޚަރަދުކުރަންހުރި ފައިސާއެވެ. އަދި މިގޮތަށްކުރާ ކައިވެނީގައި ލޯބިގަދަވެ އަނބިމީހާ ވަރިވެސް ކުރެއެވެ.
މިހެން ބުނީމާ ބައެއް އަންހެނުން ބުނާނީ ފިރިމީހާއަށް ބޭނުންވާ ކަންކަން ކޮށްދިންނަމަވެސް ދެވަނަ ކައިވެނިކުރާ ކަމަށެވެ. އެކަމުގައި ތަފާތެއްވެއެވެ. އެގޮތަށް އެކަންކުރީމާ އަނބިމީހާގެ ކުށެއް އޮވެގެން ކުރިކަމަކަށް ނުވާނެއެވެ. ދެރަލިބިގަނެވުނީ އަމިއްލައަށް ކަމަކަށްވެސް ނުވާނެއެވެ.
ދެމަފިރިން އެކުގައި އެއްދާންކުރުމަކީ އަޅުކަމެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިއެވަނީ އެކަމަކީ ކުރަންޖެހޭނެ ކަމަކަށްވާތީއެވެ. ކުރުމުން ދެމީހުންނަށްވެސް ފައިދާކުރާނެ ކަމަކަށްވާތީއެވެ. މިކަން މީގެ 1400 އަހަރުކުރިން މުސްލިމުންނަށް އެނގެއެވެ. އެކަން ސައިންސުގެ ހޯދުންތަކުންވެސް މިއަދުވަނީ އެނގިފައެވެ. އެއްދާން ނުކުރުމުން ލިބޭ ގެއްލުންތައްވެސް ސައިންސްވެރިން އެގެންދަނީ ހާމަކުރަމުންނެވެ.
ވީމާ އަހުރެންގެ ނަޞީޙަތަކީ ދެމަފިރިންކުރެ އެކަކުވެސް އެއްދާންކުރުމަށް ދެކޮޅު ނުހެދުމެވެ. ދެކޮޅު ހެދިކަމަށްވާނީ ޞިއްޙީ ޢުޒުރެއް ނެތި އިންކާރުކުރީމައެވެ.
- ޝައިޚް މުޙައްމަދު ޔޫނުސްގެ ދަރުސަކުން
- މިއަދުނޫސް