ފިރިމީހާ އިތުރު އަންހެނަކާއި ގުޅިގެން އުޅޭކަން އެނގިއްޖެނަމަ ގިނަ އަނބިން އަވަސްވެގަންނާނީ އެއަންހެނަކަށް ގުޅައި އެއްޗެތި ކިޔުމަށެވެ. އެޙާލަތުގައި ނުކުންނަ ނަތީޖާ ރަނގަޅެއްވެސް ނޫނެވެ. އޭނާ ބުނާނީ ތިބާގެ ފިރިމީހާ ހޯދަން އަހުރެން ނުދާކަމަށާއި އަހުރެންގެ ގާތަށް އައީ ތިބާގެ ފިރިމީހާ ކަމަށެވެ. އަދި ތިބާ ބަލިކަށިކޮށް ނިކަމެތިކޮށްލުމުގެ ބޭނުމުގައި ބުނާނެއެވެ. ތިބާގެ ފިރިމީހާ އަހުރެންގެ ގާތަށް އެއައީ ތިބާގެ ބަލިކަށިކަމުންނެވެ. އުނިސިފަތައް ގިނަވީމައެވެ. ފިރިމީހާގެ ބޭނުންތައް ފުއްދައި ނުދެވޭތީއެވެ.
އަދިވެސް ކަމެއް ފާހަގަކުރާނަމެވެ. ބައެއް އަނބިން ބުނާނީ ފިރިމީހާއަށް އަނެކާގެ ފަރާތަށް ލެނބެވުނީ އޭނާ ފިރިމީހާއާއި އަޅައިގަނެގެން އުޅޭވަރުން ކަމަށެވެ. އެއީ ސަބަުކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއިގެ އަނެއްކޮޅުވެސް އެބައޮތެވެ. ފިރިމިހާއަކީ ކުޑަކުއްޖެއް ނޫނެވެ. މީހަކު ދައްކާހައި ދަޅައަކަށް ހެއްލޭކަށް ނުޖެހެއެވެ. އަހުރެން މިހުރީ އަނބިމީހާއަށް ތެދުވެރިކަމާއިއެކުގައި ކަމަށާއި ހުންނަން ބޭނުންވަނީ އެގޮތަށް ކަމަށްވެސް ބުނެވޭނެއެވެ.
އަހުރެން މިވާހަކަ މިދައްކަނީ މީހުންގެ ފިރިންނާ ގުޅުމަށް ހިތްވަރުދޭކަށް ނޫނެވެ. އެކަމަކު ބުނަންހެއްޔެވެ؟ އަހުރެން ހިތްވަރުދިނަސް ނުދިނަސް އެކަން ހިނގާނެއެވެ. ސަބަބަކީ އާބާދީގައި އަންހެނުން ގިނަވެ ކައިވެނިކނުކުރެވި ތިބި އަންހެނުންގެ ޢަދަދު ގިނަވުމާއި ކައިވެނި ރޫޅި އެކަނިވެރިވެފައި ތިބި އަންހެނުން ގިނަވީމައެވެ.
އަހުރެންގެ ނަޞީޙަތަކީ ފިރިމީހާ އެބާވަތުގެ ކަމެއް ކޮށްފިނަމަ އެއަންހެނަކު ހޯދައި އޭނާއަށް އެއްޗެތިގޮވުމުގެ ކުރިން ފިރިމީހާއާއި މަޝްވަރާކޮށް އެކަން ޙައްލުކުރަން މަސައްކަތްކުރުމެވެ. މަޝްވަރާކުރުމުންވެސް ފިރިމީހާ ދެވަނަ ކައިވެނި ކުރަން ނިންމައިފިނަމަ އެކަމަކީ ތިބާއަށް ކެތްނުކުރެވޭނެ ކަމެއްނަމަ ރިވެތި ގޮތުގައި ވަކިވުމެވެ. އެކަން ކުރެވެން ނެތި އަންތބަކަށް އިނދެ ދެކޮޅުހަދައި ޒުވާބުކުރިވަރަކަށް ހުޅުގަނޑު އިތުރަށް ބޮޑުވުން ނޫންކަމެއް ނުވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް