ގޮތްބަލަންވެސް ދެމަފިރިން ބައްދަލުވުމުން ލޯބިން ކިޔާ ނަމުން ގޮވުމުގެ ބަދަލުގަ އިސްލާމީ ސަލާމުން ސަލާމް ގޮވައިބަލާށެވެ! ލިބޭ އުފާވެރިކަމާ ކުރިއެރުން ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ގޮތްބަލަންވެސް ދެމަފިރިން ބައްދަލުވުމުން ލޯބިން ކިޔާ ނަމުން ގޮވުމުގެ ބަދަލުގަ އިސްލާމީ ސަލާމުން ސަލާމް ގޮވައިބަލާށެވެ! ލިބޭ އުފާވެރިކަމާ ކުރިއެރުން ފެންނާނެ! އިން ޝާ ﷲ

އިސްލާމް ދީނުގައިވާ މަގުން ސަލާމްކުރުމަކީ މުސްލިމުން ބައްދަލުވާހިނދު ކުރަންޖެހޭ ކަމެކެވެ. ވީމާ އަމިއްލަ ގެއަށް ވަންނަ ކޮންމެ ފަހަރަކު އަތާއަތްޖޯޑުކޮށް އެންމެންނާއި ސަލާމް ނުކުރި ނަމަވެސް "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމް ގޮވަންވާނެއެވެ. މީހަކު ފެންނަން ނެތް ނަމަވެސް ސަލާމް ގޮވުމުން އެކަމުގެ ފައިދާކުރާނެއެވެ.  

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އަނބިދަރިންނާއި އަދި މައިންބަފައިންނާއި ބައްދަލުވުމުން ސަލާމް ކުރުމަކީ ތިމާމެންގެ ދުރުކަން އަނގައިދޭ ކަމެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތް ކަމެއް ނޫނެވެ. ސަލާމް ކުރުމުން އަންގައިދެނީ އެކަކު އަނެކަކު ދެކެ ލޯބިވާ ކަމެވެ. ހެޔޮ އެދޭ ކަމެވެ. އެމީހާގެ ކިބައިން އަނެކާއަށް ސަލާމަތްކަމާއި ރައްކައުތެރިކަން ހުރި ކަމެވެ. އަދި އެއީ އަނެކާއަށްޓަކައި ކުރެވޭ ހެޔޮދުޢާއެކެވެ. 

ދެމަފިރިންގެ މެދުގައި ވެސް ސަލާމްކުރުން ގިނަކުރުމަކީ ކުރިމަތިވާ މައްސަލަތައް ހައްލުވެ ލޯބި އިތުރުވާނެކަމެކެވެ. އެކަކު އަނެކަކާ ބައްދަލުވާ ހިނދު "ހައި ބޭބް" ކިޔަންވީއެއް ނޫނެވެ. އިސްލާމީ ސަލާމުން ސަލާމް ގޮވާށެވެ! ޝައްކުވާނަމަ ނިކަން ތަޖުރިބާކޮށް އަމިއްލައަށް ތަފާތު  ބަލައިލަބަލާށެވެ!  

ސަލާމްކުރުން ގިނަކުރުމަކީ އެކަމުގެ ސަބަބުން ﷲ ތައާލާގެ ރުހިވޮޑިގަތުން އިތުރުވެގެންދާނެ ކަމެކެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން އިތުރުވަމުންދާނަމަ އެދެމެދަށް ވަނުމަކީ ޝައިޠާނާއަށް އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. ދެމަފިރިންގެ ދެމެދަށް ވަނުމަށް ޝައިޠާނާއަށް ހުރަސް އެޅިގެން ދިއުމަކީ މައްސަލަތައް މަދުވެ ދެމްފިރިންގެ މެދުގައި ލޯބި އިތުރުވަމުންދާނެ ކަމެކެވެ.  

ސަލާމް ކުރަންވީ ހަމައެކަނި ގެއަށް ވަންނަ ވަގުތަކު ނޫނެވެ. ގޭތެރެއިން ބައްދަލުވުމުންވެސް ސަލާމްކުރާށެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން ސަލާމްކުރާށެވެ. އެހެނީ ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސަލާމްކުރުން ގިނަކުރުމަށެވެ. އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ އެއްވެސް ކަމެއް ކުރުމަކަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ރަސޫލް (ﷺ) ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމަކީ ހަމަ ﷲ ތަޢާލާގެ އަމުރުފުޅުތަކެވެ.  

ސަލާމް ކުރުން ގިނަ ކުރުމަކީ މީސްތަކުންގެ މެދުގައި ލޯބި އިތުރުވާނެ ކަމެއް ކަމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައި އޮތުމާއި ސަލާމްކޮށްފިނަމަ އެއަށްވުރެ ފުރިހަމަ ޢިބާރާތަކުން ސަލާމަށް އިޖާބަ ދިނުމަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވައި ކީރިތި ޤްރުއާނުގައި ވަޙީކުރައްވަވާފައި އޮތުމުން މި ބުނި ބަސްތަކުގެ ދަލީލަކަށް ފުދޭނެއެވެ.  

ނަމަވެސް މިއަދު މިފެންނަނީ މީހަކު ނުހަނު ރިވެތިކޮށް "އައްސަލާމްޢަލައިކުމް" ބުނުމުން ބޮޑާވެ ކިބުރުވެރިވާތަނެވެ. މަޖުބޫރުވެގެން ބުނާފަދަ ގޮތަށް "ވަޢަލައިކުމުއްސަލާމް" ބުނާތަނެވެ. އެފަދަ މީހުންނަކީ ﷲ ތަޢާލާގެ އެ އަމުރުފުޅަށް އިޖާބްދޭ މީހުން ކަމަކަސް ނުބެލެވޭނެއެވެ.

އަދިވެސް އިތުރު ވާހަކައެއް ބުނެފާނަމެވެ. ގެންގުޅޭ މުވައްޒިފުންނަށް ސަލާމްކުރުން ގިނަކުރުމަކީ އެމީހުންގެ ހިތުގައި ލޯބި އިތުރުވެ އިޚްލާޞްތެރިކަން އިތުރުވާނެ ކަމެވެ. އެކަމުގެ ސަބަބުން ސަވާބު ލިބުމުގެ އިތުރުން ވިޔަފާރިއަށްވެސް ފައިދާ ކުރާނެ ކަމެކެވެ. ވީމާ މުވައްޒިފުންނާއިވެސް ގިނަގިނައިން ސަލާމް ކުރާށެވެ. ބައްދަލުވުމުން ފުރަތަމަ ބުނާ ބަހަކީ "އައްސަލާމްޢަލައިކުމް" ކަމުގައި ހަދާށެވެ! ނަތީޖާ ފެންނާނެއެވެ. އިންޝާ ﷲ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން