ކައިވެނިކުރަން ހޯދާ ބައިވެރިޔާގެ ކިބައިގަ ހުންނަންޖެހޭނެ ސިފަތައް: ޝައިޚް ޢާސިމް ޢަލް ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
ކައިވެނިކުރަން ހޯދާ ބައިވެރިޔާގެ ކިބައިގަ ހުންނަންޖެހޭނެ ސިފަތައް: ޝައިޚް ޢާސިމް ޢަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ކައިވެނީގެ ގުޅުމަކީ ދެ މީހުންގެ ދެމެދުގައި އޮންނަ ނާޒުކު އަދި މުހިންމު ގުޅުމެވެ. އެހެންކަމުން، އަންހެން ދަރިފުޅު ނުވަތا އުޚްތު ކައިވެނި ކޮށްދިނުމުގައި ވަރަށް ބޮޑަށް ވިސްނުންތެރިވާންޖެހެއެވެ. ކައިވެނި ކޮށްދޭ ފަރާތަކީ ކެތްތެރި، އެހެން މީހުންގެ އުނިކަންތައްތަކަށް މާބޮޑަށް އަހައްމިއްޔަތުކަން ނުދޭ، އަދި ރުޅިއައުމާއި އަވަސްވެގަތުން ކޮންޓްރޯލް ކުރަން ދަންނަ މީހަކަށް ވާންޖެހެއެވެ.

އޭނާއަކީ އާއިލާގެ ކަންކަމުގައި ހައްދުފަހަނައަޅާފައި ސުވާލުކުރާ މީހަކަށް ވެގެން ނުވާނެއެވެ. އެކަމުގެ ސަބަބުންބަބުން އާއިލާގެ ދިރިއުޅުން އުނދަގޫވެ، ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ. ބަދަލުގައި، އޭނާއަކީ އަނބިމީހާގެ ކުދިކުދި އުނިކަންތައްތައް ނުދެކޭކަމަށް ހަދައިގެން ހުންނަ މީހަކަށް ވާންޖެހެއެވެ. މިގޮތަށް ޢަމަލުކުރުމުން ޢާއިލީ ދިރިއުޅުން ފަހި މަގަކުން ކުރިއަށްދާނެއެވެ. 

ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން، ފިރިމީހާއަކީ ބާރުގަދަ، ތެދުވެރި އަދި އަމާނާތްތެރި މީހަކަށް ވާންޖެހެއެވެ. އޭނާއާ ހަވާލުކުރެވެނީ އަންހެން ދަރިފުޅު ނުވަތަ އުޚްތުގެ ޢިއްޒަތާއި ނަސަބެވެ. އެހެންކަމުން، މި މަސްއޫލިއްޔަތު އުފުލޭވަރުގެ ޤާބިލު ފަރާތަކަށް މެނުވީ އެ ޒިންމާ ޙަވާލުކޮށްގެން ނުވާނެއެވެ.

އޭނާއަކީ ޢާއިލާގެ ސިއްރުތައް ހިފަހައްޓާ، ރީތި އަޚްލާޤު ހުރި މީހަކަށް ވާންޖެހެއެވެ. ޒަވާޖީ ގުޅުމުގެ ޚާއްޞަ ވާހަކަތައް އެހެން ފަރާތްތަކާ ހިއްސާކުރުމަކީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ. މިފަދަ ޢަމަލުތަކުން ދުރުހެލިވެ، އަނބިމީހާގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރާ މީހަކަށް ވާންޖެހެއެވެ. 

މިއީ އިންސާނީ ޠަބީޢަތާއި އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާކޮށް ދެވިފައިވާ ނަޞޭޙަތެކެވެ. މިއީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަކުރެވިފައިވާ ވާހަކައެއް ނޫނެވެ. މިއީ އިންސާނީ ޤަދަރާއި ކަރާމާތް ހިފެހެއްޓުމަށް ބާރުއަޅާ، އަދި ދެ ޖިންސުގެ މެދުގައި އޮންނަންޖެހޭ އިޙްތިރާމާއި ހަމަހަމަކަން ދަމަހައްޓަން ގޮވާލާ މެސެޖެކސެޖެކެވެ. 

ޢާއިލީ ދިރިއުޅުމުގައި އެންމެ މުހިންމު ދެ ސިފައަކީ އިންސާފުވެރިކަމާއި ހަމަހަމަކަމެވެ. މި ދެ ސިފަ ހުރި މީހަކާ އަންހެން ދަރިން ހަވާލުކުރުމަކީ ރައްކާތެރި ކަމެކެވެ. އިމާމު ޙަސަން ބަޞްރީ (ﷲ އެ ބޭކަލުންގެ މައްޗަށް ރަޙުމަތް ލައްވާށި) ގެ ބަސްފުޅުގައިވާ ފަދައިން، ތިބާގެ އަންހެން ދަރިފުޅު ނުވަތަ އުޚްތު ﷲ އަށް ބިރުވެތިވާ މީހަކަށް ދޭށެވެ. އެއީ އޭނާ އެ އަންހެނާ ދެކެ ލޯބިވާނަމަ، އޭނާ އެ އަންހެނާއަށް ޢިއްޒަތްދޭނެތީއެވެ. އަދި އޭނާ އެ އަންހެނާ ދެކެ ނުރުހޭނަމަ، އޭނާ އެ އަންހެނާއަށް އަނިޔާވެރިއެއް ނުވާނެތީއެވެ. 

އަމިއްލަ ނަފްސަށް ބަލާއިރު، ﷲ އަށް ބިރުވެތިވުމުގެ ސަބަބުން އަނބިމީހާއަށް އިންސާފުވެރިވެ، އަނިޔާވެރިނުވެ ހުރުމަކީ މުހިންމު ކަމެކެވެ. މިއީ އަމިއްލަ ޢާއިލާގެ އަންހެނުންނަށްވެސް އެފަދަ ހެޔޮ އަޚްލާޤު ހުރި މީހަކު ލިބުމަށް އެދޭތީ ކުރާ ކަމެކެވެ.

ޒީނަތްތެރިވުމާއި ސާފުތާހިރުވުމަކީ އިސްލާމްދީނުގައި ބާރުއަޅާފައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭ ފަދައިން، އަމިއްލަ ހަށިގަނޑުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ދެ ފަރާތުންވެސް ސަމާލުވާންޖެހެއެވެ.

މި ނަޞޭޙަތްތަކަކީ ދެ ޖިންސުގެ މެދުގައި އޮންނަންޖެހޭ އިޙްތިރާމާއި ލޯބި އިތުރުކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ކަންތައްތަކެވެ. 

ޢައްބާސްގެފާނު (ﷲ އެ ބޭކަލުންނަށް ރުއްސުންލައްވާށި) އަމިއްލަ ނަފްސަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ. އެ ބޭކަލުންގެ ޞަޙާބީންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ: "އަހަރެންގެ އަނބިމީހާއަށް އަހަރެން ރީތިކޮށް ފެންނަން ބޭނުންވާ ފަދައިން، އަހަރެންވެސް އޭނާއަށް ރީތިކޮށް ފެންނަން ބޭނުންވަމެވެ." މިއީ ދެފަރާތަށްވެސް ފައިދާހުރި ގޮތެކެވެ. 

ޢާއިލާއަށް ޢިއްޒަތްދީ، މައިންބަފައިންނަށް އިޙްތިރާމްކުރާނެ ފަދަ ރަނގަޅު އަޚްލާޤެއްގެ ވެރި މީހަކު ހޯދުމަށް މަސައްކަތްކުރުން މުހިންމެވެ. އަނިޔާވެރިކަމާއި މާރާމާރީގެ ޢަމަލުތަކުން ދުރުހެލިވެފައިވާ، އަދި ޢާއިލާއަށް އެކަށީގެންވާ ޢިއްޒަތާއި އިޙްތިރާމް ދޭ މީހަކު ހޯދުމަށް އިސްކަންދޭންވާނެއެވެ. މީގެ އިތުރުން، ޣީރަތްތެރި މީހަކު ހޯދުމަށްވެސް ސަމާލުކަން ދޭންވާނެއެވެ. 

ޣީރަތްތެރިކަމަކީ ފިރިހެނެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފައެކެވެ. ހަމައެހެންމެ، އަންހެނެއްގެ ކިބައިގައި އެންމެ ފުރަތަމަ ފާހަގަކުރެވޭ ސިފައަކީ އޭނާގެ އަންހެންވަންތަކަމާއި ނާޒުކުކަމެވެ. ފިރިހެނާގެ ޣީރަތްތެރިކަމާއި ހަރުދަނާކަން އަދި އަންހެނާގެ ނާޒުކުކަމާއި ލަދުވެތިކަން ގުޅިގެން ދެމަފިރިންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އުފެދިގެންދާނެއެވެ. 

ނަމަވެސް، ޒަމާނީ މުޖުތަމަޢުގައި ޖިންސުގެ ދައުރުތައް އޮޅި، އަންހެނުން ފިރިހެނުންގެ ސިފަތަކަށް އަރައި، ފިރިހެނުން އަންހެނުންގެ ސިފަތަކަށް ދާން މަސައްކަތްކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިފަދަ ޙާލަތްތަކުގައި ޙަޤީޤީ މާނައިގައި ކައިވެނި ދެމިއެއް ނުހުންނާނެއެވެ. ޙަޤީޤަތުގައި، ގިނަ ކައިވެނިތައް ނާކާމިޔާބުވަނީ މި ސަބަބާ ހުރެއެވެ. އެހެންކަމުން، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޖިންސުގެ ދައުރުތަކަށް އިޙްތިރާމްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

- މިއަދުނޫސް              

މިއަދު އޮންލައިން