ނަމަނަމަ މާޔޫސް ނުވާތި!: ދަރިން ނުލިބިގެން ނަމަވެސް ކައިވެނި ރޫޅިގެން ނަމަވެސް އެކަނިވެރިވާން ޖެހުމަކީ ލައްވަވާ ބޮޑު ރަޙްމަތެއް! ﷲ ތަޢާލާއާއި ކުއްތަންވުމަށް ދެއްވަވާ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ނަމަނަމަ މާޔޫސް ނުވާތި!: ދަރިން ނުލިބިގެން ނަމަވެސް ކައިވެނި ރޫޅިގެން ނަމަވެސް އެކަނިވެރިވާން ޖެހުމަކީ ލައްވަވާ ބޮޑު ރަޙްމަތެއް! ﷲ ތަޢާލާއާއި ކުއްތަންވުމަށް ދެއްވަވާ ފުރުޞަތެއް!

ތިމާއަކީ ވަރަށް ނިކަމެތި މީހެއް ކަމަށް ބައެއް މީހުން ބުނެއެވެ. ސަބަބެއް ކަމަށް ދައްކަނީ އެކަނިވެރިކަމެވެ. މައިންބަފައިން މަރުވުން، ޒަވާޖީ ޙަޔާތް ރޫޅުން ފަދަ ކަންކަމާއި ދަރިން ނުލިބުން ނުވަތަ ދަރިން މަރުވުން، އަދި ދަރިން ތިބިނަމަވެސް އަޅާނުލުން ފަދަ ކަންކަމުގެ ސަބަބުންނެވެ! 

ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ! އެއްވެސް މީހަކީ އެކަނިވެރިއެއް ނޫނެވެ! އެމީހަކާއިއެކުގައި ﷲ ތަޢާލާ ވޮޑިގެން ނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ! އެ ފުރުޞަތުގެ ބޭނުން ހިފަން ނުއެނގިގެން މިއުޅެނީ ހަމަ އަހަރެމެން އިންސާނުންނަށެވެ. އެ ފުރުޞަތު މުސްލިމުންނަށް އިންތިހާއަށް ބޮޑުކަން އެނގޭއިރުވެސް އެކަން ބަލައިގަންނަން ނުއެނގިގެން މިއުޅެނީ ހަމަ އަހަރެމެންނަށެވެ.  

ފުންކޮށް ވިސްނައިލާށެވެ! ތިމާގެ ޙަޔާތުގައި ތިމާ އެބައަކަށް ޚިދުމަތްކުރަން ޖެހޭ ގިނަ ބައަކު ތިބި ނަމަ ވަގުތުތައް ހޭދަކުރަން ޖެހިފައި އޮންނާނީ އެބައެއްގެ ޚިދުމަތުގައެވެ. އަމިއްލައަށް ކުރންޖެހޭ ކަންކަން ކޮށްލާނެ ވަގުތުވެސް އޮންނާނީ ނުލިބިފައެވެ. އެންމެ ކުޑަމިނުން އަރާމުކޮށްލާނެ ވަގުތުވެސް އޮންނާނީ ނުލިބިފައެވެ.  

ނަމަވެސް އެމީހަކު ޚިދުމަތް ކުރަން ޖެހޭ ބައަކު ނެތްނަމަ ވަގުތުތައް އެމީހަކު ބޭނުން ގޮތަކަށް ރާވައިލެވޭނެއެވެ! އެކަކު އަހަރެމެންނާއިއެކު ނެތް ނަމަވެސް، އެންމެން އަހަރެމެން ދޫކޮށްލާފައި ދިއަ ނަމަވެސް އަހަރެމެން ނިކަމެތި ނުރައްވަވާނެ އެއް ފަރާތް ވެއެވެ. މިދުނިޔޭގައި ވެސް ކައްވަޅުގައިވެސް އަދި އާޚިރަތް ދުވަހު ވެސް އެ ފަރާތް އަހަރެމެން އެކަކުވެސް އެކަނިވެރި ނުކުރައްވަވާނެތެވެ!

އެއީ ﷲ ތަޢާލާއެވެ! ވީމާ ދުނިޔޭގެ ދުވަސްތައް، ޚިދުމަތް ކުރާނެ ބައަކު ނެތި ހޭދަކުރަން ޖެހުމަކީ ވެސް މަތިވެރި ނިޢްމަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ލިބޭ ހުރިހާ ވަގުތުތަކެއް ﷲ ތަޢާލާއަށް ޚާއްޞަކުރާށެވެ! އަޅުކަމުގައި ހޭދަކުރާށެވެ! ވަރުބަލިވުމުން ﷲ ތަޢާލާ ހަނދުމަކުރުމުގައި ހޭދަކުރާށެވެ!  

ކޮންމެހެން ބައަކާއި ބައްދަލުކޮށް އެކުގައި އުޅެން ބޭނުންނަމަ ޢާއިލާގައި ތިބި އެންމެ ނިކަމެތިންގެ ގާތަށްދާށެވެ! އެމީހުންނަށް ޚިދުމަތެއް ކޮށްދެވޭތޯ ބަލާށެވެ! ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ ނިޢްމަތް އިތުރުކުރައްވަވާނެ ކަމެކެވެ! އިން ޝާ ﷲ.  

އެއްވެސް މުސްލިމަކީ އެކަނިވެރިވެގެން ހިތާމަކުރަން ޖެހޭނެ މީހެއް ނޫނެވެ. މި ބުނެދިން ކަންކަމުގެ ވިސްނުމުގައި އަމަލުކުރާ މީހަކަށް އެކަނިވެރިކަން އިޙްޞާޞްކުރަން ނުވެސް ޖެހޭނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން