މަރްޔަމް ސާޖިދާ
ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް އިންސާނުންނަކީ އެކަކު އަނެކަކާއި ގުޅިލާމެހިގެން އުޅެންޖެހޭ ބައެކެވެ. މިގުޅުންތައް ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކަކު އަނެކަކަށް އޮންނަ އިތުބާރާއި، އެކަކު އަނެކަކާއިމެދު ވިސްނުން ގެންގުޅޭގޮތެވެ. ޚާއްޞަކޮށް، އެހެން މީހުން ކުރާ ކަންތައްތަކާއި ދައްކާ ވާހަކަތަކާމެދު ހެޔޮކޮށް ވިސްނުން ( حسن الظن( ގެންގުޅުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅާ، އަދި އިންސާނީ މުޖުތަމައެއްގެ ހަމަޖެހުމަށް ކޮންމެހެން ބޭނުން ސިފައެކެވެ.
ހެޔޮކޮށް ވިސްނުމަކީ ކޮބާ؟
އެހެންމީހުނާއިމެދު ހެޔޮކޮށް ވިސްނުމަކީ، މީހަކު ކުރާ ކަމެއްގަ ނުވަތަ ދައްކާ ވާހަކައެއްގެ އަޞްލު މަޤްޞަދު ސާފުނުވާ ޙާލަތްތަކުގައި،އެކަމެއްގައި ނުބައި މާނައެއް އެކުލެވިގެންވާކަމަށް ނިންމުމުގެ ބަދަލުގައި، ރަގަޅު މާނައެއް ނެގުމެވެ. ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. " ތިބާގެ އަޚާގެ ދުލުން ނިކުންނަ ބަހަކާމެދު، އޭގެ ރަގަޅު މާނައެއް ނެގެން އޮއްވައި، ނުބައި ގޮތަކަށް ނުވިސްނާށެވެ."
މީހުންނާއިމެދު ނުބައި ހީތަކުން ދުރުހެލިވުމަށް ކީރިތި ޤުރުއާނުގައި މާތްﷲ ވަނީ އަންގަވާފައެވެ. ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ."
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ހާލަތަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ އަޚާއާމެދު ހެޔޮކޮށް ވިސްނާލެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުނަށްތޯއެވެ؟
ވަރަށް ކުޑަކުޑަ މިސާލަކަށް ބަލާލަމާ ހިނގާށެވެ. މަގުމަތިން ދިމާވި ރަޙުމަތްތެރިއަކު އަނގައިން ނުބުނެ ދިއުމުން، އަޅުގަނޑުމެނަށް ގިނަ ފަހަރަށް ނިންމޭނީ އޭނާގެ ބޮޑާކަމުން އަނގައިން ނުބުނެ ދިޔައީކަމުގައެވެ. ނަމަވެސް ޙަޤީޤަތުގައި އެއެކުވެރިޔާ ހުރީ ވަރަށް ބޮޑު ފިކުރެއްގައި ނުވަތަ އެކުވެރިޔާއަށް ނުފެނުމަކީވެސް އެކަށީގެންވާކަމެކެވެ.
ކަމެއް ދިމާވުމުން ވަގުތުން "ރިއެކްޓް" ކުރުމުގެ ބަދަލުގައި، އޭނާއަށް އެކަން ކުރަންޖެހުނު ސަބަބެއް އޮވެދާނެކަމަށް ވިސްނާށެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާގައި ފެންނަ ކަންކަމަށް ވަގުތުން ފާޑުކިއުމުގެ ބަދަލުގައި، އޭގެ ޙަޤީޤަތް ބަލާށެވެ.
އެހެންމީހުނާއިމެދު ހެޔޮކޮށް ވިސްނުމަކީ ތިމާގެ ބަލިކަށިކަމެއްނޫނެވެ. ނަމަވެސް އެއީ މާތް އަޚްލާޤާއި ހިތުގެ މުއްސަނދިކަމުގެ ހެއްކެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުން ހަސަދަވެރިކަމާއި، ބައިބައިވުން ނައްތާލެވޭނީ ކޮންމެ މީހަކުވެސް އަނެކާއާއިމެދު ހެޔޮކޮށް ވިސްނަން ފަށައިގެންނެވެ. ގުޅުންތައް ހީނަރުނުވެ ދެމެހެއްޓޭނީ ކުށްހީތަކުން ދުރުހެލިވެގެންނެވެ.
އުފާވެރި ދިރިއުޅުމަކަށްޓަކައި އެންމެނާއިމެދުވެސް ހެޔޮކޮށް ވިސްނުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި އަށަގަންނަވަމާ ހިނގާށެވެ. އެއީ އުފަލުގައި އުޅެވުމަށް މަގުފަހިވާނެ ކަމެކެވެ. އިން ޝާ ﷲ
- މިއަދުނޫސް