ކަނބަލުން ސަމާލުވާތި!: ފުޅަށްމަތިން ފުމޭވާހަކަ އެބުނަނީ ބަކަރީގެ ވާހަކައެއް ނޫން! އެބުނަނީ ވައިއެޅެން ހެޔޮނުވާނެ މީހުންގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކަނބަލުން ސަމާލުވާތި!: ފުޅަށްމަތިން ފުމޭވާހަކަ އެބުނަނީ ބަކަރީގެ ވާހަކައެއް ނޫން! އެބުނަނީ ވައިއެޅެން ހެޔޮނުވާނެ މީހުންގެ ވާހަކަ-

ތަނަވަސް މީހަކު ރީތި، ޒުވާން ކުއްޖަކާއި ކައިވެނިކުރަން ބޭނުންކަމަށް އޭނާގެ ގާތުގައި ބުނުމުން ފުރަތަމަވެސް ބުނީއަނބިމިހާ އާއިއެކު ރިވެތި ދިރިއުޅުމެއް އުޅުމަށެވެ. އަދި އަނބިމީހާ ވަރިކޮށް އަހުރެންނާއި ކައިވެނިކުރަން ބޭނުންވަނީ ކީއްވެގެންތޯ ސުވާލުކުރުމުން އެމިހާ ބުނީ "އަނބިމީހާ މުސްކުޅިވެއްޖެ! އަންތބެއްގެ ކިބައިގައި ހުންނަން އަހުރެން ބޭނުންވާ ސިފަތައް ތިބާގެ ގައިގަ އެބަހުރި" ކަމަށެވެ.  

އަންހެން ކުއްޖާގެ ޖަވާބަކީ: "އެހެންވީމާ އަނބިމީހާ ވަރިކުރަން ތިއައުޅެނީ އޭނާ މުސްކުޅިވިމާނު! ބަލަ އަހުރެންވެސް މުސްކުޅިވާނެއޭ! އެދުވަހުން ކަލޭ އަހުރެންވެސް ވަރިކުރާނެނޫންތަ؟ ކަލޭ އަތުގަ ހުރި ފައިސާގެ ޢަދަދު އަހުރެންނަކަށް މުހިންމެއް ނޫން! އަހުރެން ބޭނުންވަނީ މުސްކުޅިވިޔަސް ވަރިނުކޮށް އެކުގަ ގެންގުޅޭނެ ފިރިއެއް! އެހެންވީމާ ތިއަ ހުށަހެޅުން ޤަބޫލުކުރެވޭކަށް ނެތް!" ކަމަށެވެ.  

މިފަދަ އެތައް ވާހަކަތަކެއް ކިޔައިދެވިދާނެއެވެ. ބުއްދިވެރި އަންހެނުންގެ ނިންމުމަކަށްވާނީ އެއަްނހެން މީހާގެ ނިންމުމެވެ.  

ހަރުބަހެއްގައި ބުނެއެވެ. "އެއްފުޅަށްމަތިން ފުމޭ ބަކަރި އަނެއްފުޅަށްމަތިން ފުމޭނެއެވެ." އެބުނަނީ ބަކަށްޓެއްގެ ވާހަކައެއް ނޫނެވެ. އެޒަމާނުގައި ވަގަށް އަންހެނުން ހޯދަން ގޭގެއަށް ވަންނާނީ ވަގަށް ފުޅަށްމަތިން އަރައިގެންނެވެ. ވީމާ އެބުނަނީ އެގޮތަށް ވަގަށް އަންހެނުންގެ ގާތަށް ގޮސްއުޅޭ މީހުންގެ ވާހަކައެވެ.  

ބައިވެރިޔާގެ ކިބައިން ހިތްނުފުރޭ މީހުންގެ ހިތް ދުވަހަކުވެސް ނުފުރޭނެއެވެ. މުސްކުޅިވެ ތުރރުތުރުއަޅާތީ 3 ފައިމަތީގަ (އަށާޖަހަމުން) ހިނގާއިރުވެސް އުޅޭނީ ހިތް ނުފުރިގެންނެވެ. ޒުވާން ކުއްޖަކާއި ގުޅޭތޯއެވެ.  

ވީމާ އަހުރެން ބުނަން ބޭނުންވަނީ އެއަންހެންކުއްޖާ އެނިންމި ގޮތަށް ނިންމާށެވެ! ވަޤުތީ ތަނަވަސްކަމަކަށް ބޭނުންވުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. މުހިންމީ ހަމަޖެހިލައިގެން އުފަލުގައި ހުރެވުމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން