ދުނިޔޭގައި މިއުޅެނީ އެއްބާވަތެއްގެ މީހުންނެއް ނޫނެވެ. ތަފާތު އެތައް ބާވަތެއްގެ މީހުންނެވެ. ދަރިން ލިބުމުން އެއްބައަކު އެދަރިންނަށްޓަކައި ޖާނާއި މާލުން ޤުރްބާންވަމުންދަނީއެވެ. އަނެއް ބައަކު ދަރިންނާއި އަޅާނުލައި ބާކީކޮށްލަނީއެވެ. އަނެއް ބައަކު އެއްލައިލެވޭ ދަރިންނާއި އަމިއްލައަށް ޙަވާލުވެގެންވެސް ކުދިންނަށް ލޯބިދީ ބޮޑެތިކުރަން މަސައްކަތްކުރަނީއެވެ.
މިވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ފިވާވަޅަކީ ޙާލުގައި ޖެހިފައިވާ ކުދިން ނުވަތަ ކުއްޖަކާއި ޙަވާލުވެގެން ބަލާނަމަ އެމީހަކަށް ބޮޑެތި ނިޢުމަތްތައް މިންވަރުކުރައްވަވާ ކަމެވެ. ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަހަރެންނަކީ ޑޮކްޓަރަކީމެވެ. ވަޒީފާއަދާކުރަނީ ހޮސްޕިޓަލެއްގައެވެ. ވަޒީފާއަކީ އިމަރޖެންސީ ކޭސްތަކުގައި ގޭގެއަށް ޒިޔާރަތްކުރުމެވެ. ވަގުތު ލިބޭވަރަކުން ހޮސްޕިޓަލުގައިވެސް މަސައްކަތްކުރަންޖެހެއެވެ.
އެއްދުވަހަކު ދާންޖެހުނު ގެއަކުން ބަލަންޖެހުނީ ވަރަށް ހުންގަދަވެފައި އޮތް 7 އަހަރުގެ ކުއްޖެކެވެ. ކެއްސައެވެ. މޭގައި ރިއްސައެވެ. އަހަރެންނަށް ޝައްކުކުރެވުނީ ނިޔުމޯނިއާ ޖެހިފައިވާ ކަމަށެވެ. އެހެންވެ ވަގުތީ ގޮތުން ބޭސް ސިޓީއެއް ލިޔެދީފައި 24 ގަޑިއިރަށް ބެލުމަށްފަހު ރަނގަޅުވަމުން ނާންނަމަ ހޮސްޕިޓަލަށް ގެންދަން ބުނީމެވެ.
އޭނާގެ މަންމަ ޢާއި ބައްޕަ ބުނީ އެހައި ގިނަ ބޭސްދިނުމަކީ ބޭނުންކަމެއް ނޫންކަމަށާއި ހޮސްޕިޓަލުގެ ހިލޭފަރުވާދޭ ބައަކަށް ގެންގޮސްގެން ފަރުވާދިނުމަށެވެ. އެހެންވެ އަހަރެންނަށް ޖެހުނީ އެކުއްޖާ ގޮވައިގެންދާށެވެ.
ހިލޭދޭ ފަރުވާގެތެރޭގައި ނުހިމެނޭ ބޭސްތައް ގަނެދިނީ އަހަރެން އަމިއްލައަށެވެ. ކުއްޖާގެ މައިންބަފައިން ހޮސްޕިޓަލަށް ނައުމުން ބެލެނިވެރިކަންވެސް ޙަވާލުވީމެވެ. އަހަރެންނަކީ ކުޑަކުދިން ދެކެ ލޯބިވާ މީހަކީމެވެ. ނަމަވެސް އަހަރެންނަކީ ދަރިން ނުލިބޭ އަންހެނެކެވެ. ކުޑަކުދިންނަށް ޚިދުމަތްކުރަން ލިބޭ ފުރުޞަތުގެ ބޭނުން އަބަދުވެސް ހިފަމެވެ.
ކުއްޖާ ގަދަވުމުން ގެއަށް ގެންދަންވެސް އޭނާގެ މައިންބަފައިން ބަލައި ނައެވެ. އެކުއްޖާއަށް އެކަން އެނގުމުން ބުނީ ނައިކަން މާރަނގަޅު ކަމަށާއި އެމީހުންގެ ގާތަށް ދިއުމަށްވުރެ މަގުމަތީގައި ސަލާންޖަހަން ހިނގުންވެސް މާރަނގަޅުވާނެ ކަމަށެވެ. ޢުމުރުގެ މިހައި ތަނަށް ދުވަހަކުވެސް މައިންބަފައިންގެ ލޯބި ނުލިބޭ ކަމަށެވެ.
އެހިސާބުން ކުޑަކުދިންގެ ޙައްޤުތައް ބަލަހައްޓާ އިދާރާގެ ލަފާ ހޯދީމެވެ. އެމީހުންގެ އިޒުނައާއިއެކު ކުއްޖާ ގެއަށް ގެންދިއައިމެވެ. އަދި ފަހުން މަސައްކަތްކޮށްގެން ކުއްޖާގެ ބެލެނިވެރިކަންވެސް ހޯދީމެވެ.
އަހަރެންގެ ހިތުގައި ކުއްޖާގެ މައްޗަށް އާދައާއި ޚިލާފް ލޯތްބެއް އުފެދުނެވެ. އަމިއްލަ ދަރިއަކު ފަދައިން ލޯބިދި، ކިޔަވައިދީ، ގެންގުޅެ ބޮޑުކުރީމެވެ. މިއަދު އެދަރިފުޅަކީ ބޭންކެއްގެ ޖޫނިއަރ އޮފިސްރެކެވެ. ލަސްތަކެއް ނުވެ ސީނިއާވާނެކަމަށް ބެލެވެއެވެ.
މިއަދު އޭނާގެ މައިންބަފައިން އޭނާ ބޭނުންވެގެން ހޯދަން އައުދެއެވެ. ނަމަވެސް އޭނާ އެމީހުންނަކާ ވާހަކައެއް ނުދައްކައެވެ. ސަމާލުކަމެއްވެސް ނުދެއެވެ. މަންމަމެންނަށް އިޙްތިރާމްކުރަން ބުނެ ނަޞޭޙަތްދިންނަމަވެސް އަޑުއިވޭކަމަށްވެސް ނުހަދައި ތެދުވެގެންދަނީއެވެ.
އަހަރެން ދެކަމެއް ފާހަގަކޮށްލާނަމެވެ. ދަރިން ލިބުމުން ގެންގުޅެން ބޭނުން ނޫންނަމަ އަވަހަށް ޔަތީމްޚާނާއަކަށްލާށެވެ. އެއިރުން މައިންބަފައިންނަކީ ކޮބައިކަމެއް ނުއެނގޭނެއެވެ. ހޯދާކަށްވެސް ނުއުޅޭނެއެވެ. މައިންބަފައިންގެ ލޯބި ނުލިބިގެން ކަންބޮޑެއްވެސް ނުވާނެއެވެ.
ނޫންނަމަ ދަރިން ނުލިބި ތިބި، ދަރިން ބަލަން ބޭނުންވާ ދެމަފިރިއަކަށްދޭށެވެ. ގެންގުޅޭނަމަ ނިކަމެތިނުކުރާށެވެ. ނިކަމެތިކުރީމާ ކުދިންނަށް ލިބޭ އަނިޔާ މާބޮޑުވާނެއެވެ.
ދެން ބުނަން ބޭނުމީ ދަރިން ނުބަލައި އެއްލާލުމަށްފަހު އެދަރިން ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވީމާ ފަހަތުން ނުދުވާށެވެ. ވަރަށް މަދު ކުއްޖަކު ނޫނީ ފަހުން ބަލައެއް ނުގަންނާނެއެވެ.
ދެން ބުނެލަން ބޭނުންވަނީ ދުނިޔޭގައި އަހަރެންފަދައިން ދަރިން ނުލިބިގެން ހިތާމަކުރާ އެތައްބައިވަރު އަންހެނުން ތިބޭނެއެވެ. އަހަރެންވެސް 2 ކައިވެނިކުރީމެވެ. ދަރިން ނުލިބޭތީ ވަރިކުރީއެވެ. މިދަރިފުޅު ލިބުނީވެސް އެކަނިވެރިވެފައި ހުއްޓައެވެ.
ދެން މިބުނަނީ އެންމެ މުހިންމު ޥާހަކައެވެ. އެކުއްޖާ ގެންގުޅެން ފެށީ ޕްރަމޯޝަނެއް ނުލިބި ހުންނަތާ 6 އަހަރުފަހުންނެވެ. ކުއްޖާ ގެންގުޅެންފެށިތާ 3 މަސްވެސް ނުވަނީސް ޕްރަމޯޝަނެއް ލިބިއްޖެއެވެ. 2 އަހަރުތެރޭ ޑިޕާޓްމަންޓެއްގެ ހެޑަކަށްވެވި ލިބޭ ޢާމްދަނީ 3 ގުނަ އިތުރުވެއްޖެއެވެ. އެހެންވީމާ ބުނަން ޖެހެނީ ކުއްޖާ އަހަރެންގެ ގާތަށް އައީ ރިޒްޤްވެސް ހިފައިންނެވެ.
ވީމާ ދަތިހާލުގައި ތިބޭ ކުދިންނަށް އެހީތެރިވާން ފަސްނުޖެހޭށެވެ. އެކަމުގެ ބަދަލުގައި ބައިވަރު ނިޢްމަތްތައް ދެއްވަވާނެތެވެ. އެއީ ﷲ ގެ ވަޢުދު ބަސްފުޅެކެވެ.
މިއީ އެކުވެރިއަކު ޙިއްޞާކުރުމުން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަކީވެސް ދަރިން ނުލިބޭ އަންހެނެކެވެ. އެހެންވެ އަބަދުވެސް ނިކަމެތި 2 ކުއްޖަކު ގެންގުޅެން މަސައްކަތްކުރަމެވެ. އަޅުގަނޑުވެސް ބުނަން އޮތީ ނިކަމެތިކުދިންނަށް އެހީތެރިވުމަކީ އަތްމަތިދަތިވާ ކަމެއް ނޫނެވެ. އެއީ އަތްމަތި ތަނަވަސްވާ ކަމެކެވެ. އިން ޝާ ﷲ
- ޢާއިޝާ / މިއަދުނޫހުގެ ކިޔުންތެރިއެކެވެ.