އެއީ ޒުވާން ދެ ލޯބިވެރިންނެވެ. ދެމީހުންވެސް ވަޒީފާ އަދާކުރެއެވެ. ކައިވެނިކުރަން ބޭނުންވި ނަމަވެސް މައްސަލައެއް ޙައްލުނުވެ އޮވެއެވެ. އެއީ ވަކިން ދިރިއުޅޭނެ ތަނެކެވެ. އެހެންވެ ދެމީހުންވެސް ދިއައީ އެކަމަށް މަސައްކަތްކުރަމުންނެވެ.
ދެމީހުން އެކުގައި ރެސްތޯރަންޓަކަށް ގޮސްއުޅެނިކޮށް ފެނުނު ތަނަވަސް މީހަކު އަންހެންކުއްޖާގެ ފަހަތުން އަޅުވައިލިއެވެ. ކޮންމެވެސް ގޮތަކުން ފޯނު ނަންބަރު ހޯދައިގެން ގުޅަން ފެށިއެވެ. ގުލަމުންގޮސް ކެއުމަކަށް ދަޢުވަތުދިނުމުން އަންހެންކުއްޖާ ދަޢުވަތު ޤަބޫލުކުރިއެވެ.
ތަނަވަސް ބުނީ އޭނާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްދީފާނެ ކަމަށެވެ. އަންހެން ކުއްޖާ ބުނީ އޭނާ އެންމެ ބޭނުންވާ ކަމަކީ ހުޅުމާލެއިން ފެންވަރު ރަނގަޅު ފްލެޓެއް ކަމަށެވެ. ތަނަވަސް މީހާ އޭނާއަށް ފްލެޓެއް ގަނެދިނެވެ.
ފްލެޓް ލިބުމާއިއެކު ދެމީހުން ކައިވެނިކޮށްގެން ފްލެތުގައި އުޅެންފެށިތަނާ ތަނަވަސް މީހާ އެދުނީ ފްލެޓަސް ގޮސް ބައްދަލުކޮށްލުމަށެވެ. އަންހެންކުއްޖާ އެކަން ޤަބޫލުކޮށް ފްލެޓަށް ގެނައެވެ. ފްލެޓުން ބައްދަލުކުރީ ދެމަފިރިން އެކުގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފިރިމީހާ އެބަ އަންނަންކަމަށްބުނެ ފްލެޓުން ނުކުމެގެން ދިއުމުން ތަނަވަސް މީހާގެ ޝަކުވާތައް އޮއްސައިލިއެވެ. ކައިވެނިކޮށްގެން ހުރިކަމަށް ކުރިން ނުބުނީތީއެވެ.
އަންހެންކުއްޖާ ބުނީ އެސުވާލުނުކުރާތީ ޖަވާބުނުދެވި އޮތީ ކަމަށެވެ. ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް ވާހަކައެއްވެސް ދެކެވިފައި ނެތުމުން ކޮންމެހެން ހުރިހާ ވާހަކައެއް ކިޔައިނުދިނީ ކަމަށެވެ. "އަހަރެން އަބަދުވެސް ބުނީ ބައްދަލުކުރާނެ ވާހަކައާއި ވާހަކަ ދައްކާނެ ވާހަކަ. އެކަން އަބަދުވެސް ކުރާނަން. ވަޢުދު އުވައެއް ނުލާނަން. ޢުމުރުން މިހާ ތަފާތުވީމާ އެހެން ގުޅުމަކަށް އެދޭނެކަމަކަށްވެސް ހިއެއް ނުކުރަން."
އަނަހެންކުއްޖާ ބުނީ ކޮށްދިން ހެޔޮކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަން ބޭނުން ކަމަށެވެ. ތަނަވަސް މީހާ އެދުނީ އޭނާއާއިއެކު ދުބާއީއަށް ދަތުރަކު ގޮސްދިނުމަށެވެ. އަންހެންކުއްޖާ ބުނީ އެކަނި ނުދެވޭނެކަމަށާއި ދެވޭނީ ފިރިމީހާވެސް ގޮވައިގެން ކަމަށެވެ.
އެހިސާބަށް ވާހަކަ ގެންދެވުނުތަނާ ފިރިމީހާ ބޭރުން އައިސް ގެއަށްވަދެ އެދެމީހުންނާއިއެކު އިށީނދެއްޖެއެވެ. 3 މީހުން އެކުގައި ވާހަކަދައްކާލަން އިރުކޮޅަކު ތިބުމަށްފަހު ތަނަވަސް މީހާ ނުކުމެގެންދިއައީއެވެ.
ތަނަވަސް މީހާ ދިއައީ ވަރަށް ރުޅިގަދަވެގެން ހުރެއެވެ. އެއީ އެހާބޮޑު ޚަރަދެއް ކުރުމުންވެސް އޭނާ ބޭނުންވި އެއްވެސް ކަމެއް ޙާޞިލުނުކުރެވުމުންނެވެ. ފްލެޓް އަނބުރާ އަތުލެވޭކަށްވެސް ނެތެވެ. ފައިސާވަނީ އެކުގައި ދެއްކިފައެވެ. އެވާހަކަ މީހެއްގެ ގާތު ބުނެވޭކަށްވެސް ނެތެވެ. ބުނެފިނަމަ އޭނާގެ މޮޔަކަމަށް ފުރައްސާރަކުރާނެތީއެވެ. ވީމާ ޖެހުނީ ހިންދިރުވާލައިގެން ހުންނާށެވެ.
މިއީ ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ. އުންމީދުކުރަނީ ތަނަވަސްކަން ހުރީމާ ޒުވާން އަންހެންކުދިން އަތުއަޅުވާލަން އުޅޭ މީހުންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. ދެން ބުނެލަން ބޭނުންވަނީ ކޮންމެ އަންހެނަކީ ތަނަވަސްކަމަށް ވިކޭނެ އަންހެނަކުކަމަށް ހީނުކުރުމަށެވެ. ސްމާޓް އަންހެންކުދިންވެސް ވަރަށް ގިނަވީމައެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ