ޢިބްރަތްތެރި ވާހަކަ: އަޅައިލާނެ އެއްވެސް މީހަކު ނެތް ޒުވާނަކު ﷲ އަށްޓަކައި ލޯބިވެ ހަމައެފަދަ ނިކަމެތި ކުއްޖަކާ ކައިވެނިކުރުމުން ލިބުނު ތަނަވަސްކަމާ ބޮޑު ނިޢުމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 45ސ
ޢިބްރަތްތެރި ވާހަކަ: އަޅައިލާނެ އެއްވެސް މީހަކު ނެތް ޒުވާނަކު ﷲ އަށްޓަކައި ލޯބިވެ ހަމައެފަދަ ނިކަމެތި ކުއްޖަކާ ކައިވެނިކުރުމުން ލިބުނު ތަނަވަސްކަމާ ބޮޑު ނިޢުމަތުގެ ވާހަކަ-

މިޒަމާނުގަ ތަނަވަސްކަން ނެތި ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެވިދާނެކަމާއިމެދު ސުވާލުއުފައްދާ މީހުން ވަރަށް ގިނައެވެ. އެހެންވެ މިގެނެސްދެނީ ވިސްނައިލުމުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެ ޙާދިސާއެކެވެ. އިން ޝާ ﷲ  

ކިތަންމެ ހެޔޮލަފާ މީހަކު ނަމަވެސް މަރުވުމަށްފަހު އަލުން ދުނިޔެއަށް އައިސް އެއްވެސް ކަމެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ދަރިއަކަށް ހެޔޮ ނަޞޭޙަތެއް ދިނުން ނަމަވެސްމެއެވެ. ނަމަވެސް ހެޔޮލަފާ މީހުން މަރުވާފަހުން ދަރިންނަށް ހުވަފެނުގައި ފެނި ދަރިންނަށް އިރުޝާދުލިބޭނެ ކަންކަން މެދުވެރިވެއެވެ. އެއީ އެކަމަށް ﷲ ތަޢާލާ އިޛްނަފުޅު ދެއްވެވުމުން ނޫނީ ހިނގާނެ ކަންކަމެއް ނޫނެވެ. އެހެނީ މަރުވުމަށްފަހު ހުވަފެނުމުގައި ފެނުމުގެ ބާރުވެސް ﷲ ތަޢާލާ ނުދެއްވަވާ އަޅަކަށް ނުލިބޭނެތީއެވެ.  

ތިރީގައިވާ ވާހަކައަކީ ކޮންމެ މީހަކަށްވެސް މުހިންމު ފިލާވަޅެކެވެ. ފުރަތަމަ ތިމާއަކީ ހެޔޮލަފާ މީހަކަށްވުމެވެ. އެއަށްފަހު ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އަދި ދަރިން ބަސް ޤަބޫލުކުރުމެވެ. މައިންބަފައިން، މާމަ،ކާފަ ނުވަތަ އެނޫންވެސް މީސްމީހުން ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރުމެވެ. އެގޮތަށް ކަންކަން ކުރުމުން ކުރާ ފައިދާ ތިރީގައިވާ ވާހަކައިން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަހަރެންގެ މަންމަ އާއި ބައްޕައެއް ދުވަހަކުވެސް ނުދެކެމެވެ. ގެންގުޅެ ބޮޑުކުރީ މާމައެވެ. މާމަ ގާތު މަންމަ އާއިބެހޭ ގޮތުން ސުވާލުކުރާއިރަށް ބުނާނީ އެހެން ކޮންމެވެސް ވާހަކައެއް ދެއްކުމަށެވެ. އެހެން ބުނާތީ ޤަބޫލުކުރެވިފައި އޮތީ ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ނިޔާވީ ކަމަށެވެ.  

ފަހުން އެނގުނީވެސް އެކަން އެގޮތަށްވެފައި އޮތްކަމެވެ. އަހަރެން ވިހާފައި މަންމަ ނިޔާވީއެވެ. އެކަމުގެ ހިތާމައިގާ ބައްޕަވެސް ނިޔާވީއެވެ. ލިބުނު ހަމައެކަނި ދަރިއަކީ އަހަރެންނެވެ.  

މާމައަކީ ވަރަށް ހިތްހެޔޮ އަންހެނެކެވެ.  ބާރަށް ބަހެއްވެސް ނުބުނާނެއެވެ. ރަނގަޅު ނޫން ކަމެއް ކުރެވުނަސް ބުނާނީ ތިއަކަން ތިއަހެން ކުރީމާ މާމަ ވަރަށް ދެރަވެއްޖެއެވެ. ދެން ތިއަ ގޮތަށް ކަންތައް ނުކުރާށެވެ. އަބަދުވެސް ނަޞޭޙަތްދޭނީ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއްވެސް ނުބުނުމަށެވެ. ވެވުނު ވަރަކުން މީހުންނަށް އެހީތެރިވުމަށްވެސް ވަރަށް ގިނައިން ވަޞިއްޔަތް ކުރާނެއެވެ.  

އަހަރެން ކިޔަވައި ނިމި ވަޒީފާ އަދާކުރަން ފެށިތަނާހެން ގަދަހުމެއް އައިސްފައި މާމަ ދުނިޔެ ދޫކޮށްފިއެވެ. އެހިސާބުން މުޅި ދުނިޔެއަށް އަހަރެން އެކަނިވެރިވިއެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތެވެ. އެހެންކަމާއިއެކުވެސް ހިތްވަރުކުރީމެވެ. ނުބައި މަގަކުން ދެވިދާނެތީ އޮފީސް ނިމިގެން ގެއަށް އައުމަށްފަހު ގެއިން ބޭރަށްދަނީ ހަމައެކަނި މިސްކިތަށެވެ.  

ދުވަސްކޮޅެއްފަހުން ކޮންމެ ރެއަކުހެން ހުވަފެނުގައި މާމަ ފެންނަން ފަށައިފިއެވެ. އަނގައަކުން ނުބުނެއެވެ. ހިނިތުންވެގެން ހުރެފައި ދަނީއެވެ. ދާތަނުން ނިދީން ހޭލެވެއެވެ. އަހަރެން ހީކުރަމުން އައީ މާމަމަތިން ހަނދާންކުރެވޭލެއް ގިނަކަމުން ފެންނަ ހުވަފެނެއް ކަމަށެވެ. އެހެންވެ އެކަމަކަށް އެހައި ބޮޑަކަށް ނުވެސް ވިސްނަމެވެ.  

ދުވަސްކޮޅަކު ހުވަފެން ނުފެނި ދިއުމަށްފަހު ފެނުނުރޭ ފެނުނު ހުވަފެނުގައި މާމަފަހަތުން އަހަރެންނަށް ހިނގެނީއެވެ. ހިނގަމުން ގޮސް ގެއަކާއި އަރާހަމަވިތަނުން މާމަގެއްލިއްޖެއެވެ. ގެއްލުނުއިރަށް ހޭލެވިއްޖެއެވެ. އެހުވަފެން ހަމަ އެގޮތަށް ޖެހިޖެހިގެން 3 ރޭ ފެނުމުން އަނެއްދުވަހު މާމަހިނގާ މަގުތަކުން ހިނގަމުން ދަނިކޮށް އެގެ ވެސް ފެނިއްޖެއެވެ.  

ދުވަހަކުވެސް ގޭގެއަށް ވަދެ ނުއުޅޭތީ އެގެއަށް ވަންނަން ޖެހިލުންވިއެވެ. ނަމަވެސް ހިތް މަޖުބޫރުކުރީ އެގެއަށް ވަނުމަށެވެ. އެގެއާއި މާމަ އާއި ނުވަތަ އަހަރެންނާއި ގުޅުމެއް ހުރީ ކޮން ގޮތަކުންކަން ބަލައިލުމަށެވެ.  

ވަރަށް ޖެހިލުންވެ ހުރެ އެގޭގެ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވީ ހަމަ އަހަރެންގެ އުމުރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ގާތު އޭނާގެ މަންމަ ކޮބައިތޯ ސުވާލުކުރުމުން ގެންގޮސް ދެއްކީ ވަރަށް ބަލިޙާލުގައި އޮތް މުސްކުޅި އަންހެނެކެވެ. ބަލިޙާލުހުރިގޮތުން އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.  

ޙާލާއި ބެހޭ ގޮތުން ސުވާލުކޮށްލުމުން ބުނީ އެއީ އެކަނިވެރިދެމައިން ކަމަށެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތުމުން ޑޮކްޓަރަށްވެސް ނުދެއްކޭ ކަމަށެވެ. ކައިބޮއިހަދަނީ އަވަށްޓެރިން ދިއްކޮށްލާ އެތިކޮޅު ކަމަށެވެ. 

އެވަގުތު މާމަގެ ވަޞިއްޔަތްތައް މަތިން ހަނދާންއާވެގަތެވެ. އެހެންވެ އެދެމައިންނަށް އެހީތެރިވާންފެށީމެވެ. އެދައްތަ ޑޮކްޓަރަށް ދައްކައިދީ ބޭސްކޮށްދޭންވެސް ފެށީމެވެ. ވެވުނު ވަރަކުން އެހެން ބޭނުންތައްވެސް ފުއްދައިދޭން ފެށީމެވެ.  

އެގޮތަށް ކަންކަން ކުރަމުން ގެންދާތާ އަހަރެއްހައިދުވަސްވީތަނާ އެދައްތަ ނިވާވެއްޖެއެވެ. ޖަނާޒާގެ ކަންކަން ނިމިގެން ދެން ކަންކަން ކުރާނެ ގޮތަކާއިމެދު ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. އެއަންހެން ކުއްޖާ އެކަނި އެގޭގައި އުޅޭނަމަ ކަންކަން ވާނީ ކިހިނަކުން ހެއްޔެވެ؟ ބައަކު އޭނާއަށް ދެރައެއް ނުދޭނެ ހެއްޔެވެ؟ އެކަމަކު އަހަރެންގެ ގެއަށް ގޮސްފިނަމަ ގެއަށް އެވެއްދެނީ ހިލޭ އަންހެނެކެވެ. އެއީވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ.  

އެހެންވެ ދީނީ ޢިލްމުވެރިއެއްގެ ލަފާ ހޯދީމެވެ. އޭނާ ވިދާޅުވީ އެއަންހެން ކުއްޖާއަކީ އަޅައިލާނެ އެއްވެސް މީހަކު ނެތި ދުނިޔެއަށް އެކަނިވެފައި އިން ކުއްޖަކަށްވުމުން ﷲ އަށްޓަކައި އެފަދަ ކުއްޖަކަށް އަޅާލައި އެހީތެރިވެއްޖެނަމަ އެކަލާނގެ ހެޔޮ ރަޙްމަތް އެމީހަކަށް މިންވަރުކުރައްވަވާނެކަމަށެވެ. ވީމާ ﷲ އަށްޓަކައި އޭނާދެކެ ލޯބިވާށެވެ. އަދި އޭނާ ރުހިއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ!  

ޢިލްމްވެރިޔާގެ ބަސް ޤަބޫލުކުރީމެވެ. އަންހެންކުއްޖާ ގާތު ހުރިހާ ވާހަކައެއް ކިޔައިދީ ﷲ އަށްޓަކައި ލޯބިވެ ދެމީހުން ކައިވެނިކުރަން އެހުމުން އޭނާވެސް އެގޮތާއި ރުހިއްޖެއެވެ. އެހިސާބުން ދެމީހުން ކައިވެނިކުރީއެވެ.  

ދެން މިކިޔައިދެނީ އެންމެ މުހިންމު ބައެވެ. ތަނަވަސްކަން ނެތުމުން މޮޅަށް ކިޔެވިފައި ނެތްނަމަވެސް އަނބިމީހާވީ ވަރަށް ބުއްދި ރަނގަޅު، ވިސްނުން ތޫނު އަންހެނަކަށެވެ. ކަންކަން ކުރަންވީ ގޮތް ކިޔައިދޭން ފަށައިފިއެވެ. އޭނާ އަޅުގަނޑަށް އިތުބާރުކުރީ ވަކިވަރަކަށް ނޫނެވެ. އޭނާ ބޭނުންވީ އަޅުގަނޑު ވިޔަފާރިކިޔަވައިގެން ހުރުމުން މީހުންގެ ވަޒީފާގައި ނުއުޅެ އަމިއްލަ މަސައްކަތްކުރާށެވެ. ވިޔަފާރިއެއް ފަށާނެ ފައިސާ އަތުގައި ނެތުމުން ބުނީ އޭނާގެ ގޯތި ވިއްކާލުމަށެވެ. "ﷲ ރަޙްމަތް ލައްވަވާނެ! އަހަރެމެންނަށް ތަނަވަސްކަން ދެއްވެވީމާ ގޯއްޗެއް ގަންނާނީ. ލޯނު ނަގާނެ ކަމެއް ނެތް. ރިބާ އެއި މާނުބައި އެއްޗެއް، ކީއްކުރަން ލޯނު ނަގަންވީ؟ ގޯތި ވިއްކައިލީމާ ރަނގަޅު އަދަދެއް ލިބޭނެ. އެއްބައިން ވިޔަފާރިފަށާނީ. އަނެއްބައިން މިގެ ހަދާނީ."

ކިޔަންފެށިގޮތަށް ހުއްޓާނުލުމުން އޭނާ ބުނިގޮތަށް ކަންތައް ކުރީމެވެ. މިއީ އެއިގެ 18 އަހަރުފަހެވެ. ލިބުނީ 3 ދަރިންނެވެ. 3 ދަރިންނަށް 3 ގޯއްޗާއި އަނބިމިހާއަށް ގޯއްޗެއް ގަނެފީމެވެ. 4 ގޯތީގައިވެސް އެހައި އުސްކޮށް ނޫން ނަމަވެސް އެކަށީގެންވާ ފެންވަރުގެ ގެ ވެސް އެޅިއްޖެއެވެ. އަހަރެންގެ ގެވެސް މިހިރީ އެކަށީގެންވާ ފެންވަރަކަށް ހެދިފައެވެ. 

މިހާރުވެސް ދޭތެރެއަކުން މާމަ ވަރަށް ހެވިފައި ހުއްޓައި ހުވަފެނުން ފެނެއެވެ. ތަނަވަސްކަން ލިބުމުން މާމައަށްޓަކައި މިސްކިތެއްވެސް އަޅައިފީމެވެ. އަދި ޞަދަޤާތްވެސް ކުރަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހަރެންގެ ކުރިއެރުމުގެ ޙަޤީޤީ ބައިވެރިއަކީ މާމަކަމެވެ. މާމަ ހަމައެކަނި އަހަރެން ތަރުބިއްޔަތުކުރީއެއް ނޫނެވެ. ދިރިއުޅެންވީ މަގުވެސް ދައްކައިދިނީއެވެ. ދެން ބުނެލަން އޮތީ މާމަގެ ތަޤްވާވެރިކަމެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް މެންދަމުން ފަސްވުމުން މާމަ ނިދާފައި އޮއްވައެއް ނުދެކެވެ. އިންނާނީ ރޭއަޅުކަމުގައެވެ. އަހަރެމެން ދެމަފިރިންވެސް މި މަސައްކަތްކުރަނީ މާމަ ފަދަ ބައަކަށްވެވޭތޯއެވެ. އިން ޝާ ﷲ

 

- އިލްޔާސް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން