ތެދުވެރި ލޯބީގެ އަގު ވަޒަން ކޮށްބަލަ!: ދުނިޔޭގަހުރި ހުރިހާ ފައިސާއަކަށްވުރެ ލޯބީގެ އަގު މާބޮޑުކަމަށް ބުނެ 10 މިލިއަން ޑޮލަރާ 25 ބުރީގެގެއެއް ދޫކޮށްލި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތެދުވެރި ލޯބީގެ އަގު ވަޒަން ކޮށްބަލަ!: ދުނިޔޭގަހުރި ހުރިހާ ފައިސާއަކަށްވުރެ ލޯބީގެ އަގު މާބޮޑުކަމަށް ބުނެ 10 މިލިއަން ޑޮލަރާ 25 ބުރީގެގެއެއް ދޫކޮށްލި ޒުވާނެއްގެ ވާހަކަ-

އެއީ ތަނަވަސް ބައްޕައެކެވެ. ހުރީ އެންމެ ދަރިއެކެވެ. އެއީ އަންހެންކުއްޖެކެވެ. ބޮޑުވެ ކައިވެނިކުރަން ބޭނުންވީ ފަޤީރު ޒުވާނަކާއެވެ. ބައްޕަ ހީކުރީ ޒުވާނާ އުޅެނީ ދަރިފުޅުގެ ތަނަވަސްކަމަށް ދަހިވެތިވެގެން ކަމަށެވެ.  

އެހެންވެ ޒުވާނާ ގެއަށް ގެއަށް ގެނުވާފައި ބުންޏެވެ. "މިހުރީ 10 މިއަން ޑޮލަރެވެ. ތިބާއަށް އަހުރެންދިން ހަދިޔާއެކެވެ. އިތުރަށް 25 ބުރީގެ ގެއެއް ދޭނަމެވެ. ތަޅުދަނޑިފަތި މިއޮތީއެވެ. ކުއްޔަށްދީގެން މަހަކު އެތައް މިލިއަން ޑޮލަރެއް ލިބޭނެއެވެ. އަހުރެންގެ ދަރިފުޅާއި ވަކިވާށެވެ." 

ޒުވާނާގެ ޖަވާބަކީ: "ބައްޕާއެވެ. ދުނިޔޭގައި ހުރި ހުރިހާ ފައިސާތަކެއް ދިން ނަމަވެސް ތިއަކަމެއް ނުކުރާނަމެވެ. އަހުރެން ބޭނުމީ ދަރިފުޅެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި ތެދުވެރި ލޯތްބަށް ފައިސާއިން ބަދަލުދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.  

އަހުރެންވެސް ޤަބޫލުކުރަމެވެ. ބައްޕަ ކޮށްދިން އެއްވެސް ކަމެއް އަހުރެންނަކަށް ކޮށެއް ނުދެވޭނެއެވެ. އެކަމަކު އަހުރެންނަށް ކޮށްދެވޭނެ އެއްކަމެއް އެބައޮތެވެ. އެއީ ލޯބިން އަނބިމީހާ ގެންގުޅުމެވެ. ލޮލުން ކަރުނަ ތިއްކެެއްވެސް ވައްތާލަން ނުޖެއްސުމެވެ.

ބައްޕަގެ ތަނަވަސްކަމުން އެއްވެސް މިނަވަރެއް ބޭނުމެއް ނޫނެވެ. މަސައްކަތްކުރީމާ އަހުރެންނަށްވެސް ތަނަވަސްކަން ލިބޭނެއެވެ. ލިބުނުވަރަކަށް ޝުކުރުވެރިވީމާ އުފަލުގައި އުޅެވޭނެއެވެ."  

ޒުވާނާގެ ވާހަކަތަކުގެ އަޑުއިވުމުން ބައްޕައަށް ރޮވުނެވެ. އުފަލުންނެވެ. މިއީ ކުރި އިމްތިޙާނެއްކަމަށާއި އަވަހަށް ކައިވެނިކުރަންވީ ކަމަށް ބުންޏެވެ. އަދި ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާނީ ބައްޕަ ކަމަށްވެސް ބުންޏެވެ.  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އެޒުވާނާ އެބުނެދިނީ މިއަދު ގިނަ ބައަކަށް ނުވިސްނިގެން އުޅޭ ކަންތައް ކަމެވެ. ލޯބީގެ އަގު ފައިސާއާއި ތަނަވަސްކަމުން ނުކިރޭނެކަމެވެ. ލޯބީގެ އަގު މާބުރަވާނެ ކަމެވެ.

 

- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ޥާހަކަ

މިއަދު އޮންލައިން