ޢިބްރަތްތެރި ވާހަކަ: ކިޔެވުން ހުއްޓާލައި މަންމަބަލަން މަސައްކަތްކުރުމުން ކިޔެވި އޭނާގެ އުންމީދުތައް އެންމެ ފުރިހައަށް ޙާޞިލުކުރެވުނު ކުއްޖެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 10ސ
ޢިބްރަތްތެރި ވާހަކަ: ކިޔެވުން ހުއްޓާލައި މަންމަބަލަން މަސައްކަތްކުރުމުން ކިޔެވި އޭނާގެ އުންމީދުތައް އެންމެ ފުރިހައަށް ޙާޞިލުކުރެވުނު ކުއްޖެއްގެ ވާހަކަ-

މިޙާދިސާ މިގެނެސްދެނީ މައިންނަށްޓަކައި ދަރިންވާ ޤުރްބާނީގެ އަގު އެންމެ ފުރިހަމަ ގޮތުގައި ދުނިޔޭގައިވެސް ލިބޭކަން ހާމަކޮށްދީ މައިންނަށް ޚިދުމަތްކުރުމަށް ހިތްވަރުދިނުމަށެވެ. އެންމެ ބޮޑަށް ވިސްނަންވީ މައިންނަށް ޚިދުމަތްކުރުމުން އާޚިރަތުގައި ކުރާނެ ބޮޑު ފައިދާއަށެވެ. އިން ޝާ ﷲ 

މައިންގެ ހެޔޮ ދުޢާ ލިބިއްޖެނަމަ ޙާޞިލުނުކުރެވޭނެ ކަމެއް ނުއޮންނާނެ ކަމަށް މީހުން ބުނެއުޅެނީ އެކަން އެގޮތަށް މެދުވެރިވާލެއް ގިނަކަމުންނެވެ. ތިރީގައިވާ ވާހަކައިންވެސް އެނގިގެންދަނީ ހަމައެކަމެވެ. އޭނާ ކިޔެވުން ހުއްޓައިލީ މަންމައަށް ބޭސްފަރުވާކުރެވޭނެ ގޮތެއް ނެތުމުންނެވެ. އާދައިގެ ވަޒީފާއެއްގައި މަސައްކަތްކުރަމުން ދަނިކޮށް އޭނާ ކުރިން އުންމީދުކުރަމުން އައިފަދައިން ޑޮކްޓަރަކަށް ވެވުނެވެ. ހަމަ މަންމަގެ ދުޢާއިންނެވެ.  

ވާހަކަވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

އެއިރު އަޅުގަނޑުގެ އުމުރަކީ އެންމެ 17 އަހަރެވެ. 18 އަހަރެއް ނުފުރެއެވެ. އަޅުގަނޑު ގެންގުޅެ ބޮޑުކުރީ މަންމައެވެ. މަންމަ ވަރަށް ކުއްލި ގޮތަކަށް ބަލިވީއެވެ. ކިޔެވުން މެދުކަނޑާލާފައި ވަޒީފާއެއް ހޯދަން އަޅުގަނޑަށް މަޖުބޫރުވިއެވެ. އެންމެ މުހިންމު ކަމަކީ ގެންގުޅެ ބޮޑުކުރި މަންމައަށް އެހީތެރިވުން ކަމުގައި ޤަބޫލުކުރެވޭތީއެވެ.  

ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރަމުން ދަނިކޮށް މަންމަ ދައްކާ ކްލިނިކުން ރިސިޕްޝަނިސްޓެއްގެ ވަޒީފާ ލިބުމުން ވަޒީފާ އަދާކުރަންފެށީމެވެ. އަޅުގަނޑު އަބަދުވެސް އުންމީދުކުރީ ކިޔަވައިގެން ޑޮކްޓަރަކަށްވުމަށެވެ. ނަމަވެސް ކަންކަން މިދިމާވި ގޮތުން އެ ފުރުޞަތު ދެން އަޅުގަނޑަށް ނުލިބިދާނެކަމަށް ވިސްނި ވަރަށް ދެރަވިއެވެ.  

ނަމަވެސް އަޅުގަނޑު އެކަމަކަށް އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ. ސަބަބަކީ މަންމައަށް އެހީތެރިކަން ފޯރުކޮށްދިން ދަރިއަކަށް ދެރަގޮތެއް މެދުވެރިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި އޮންނާތީއެވެ. މަންމަގެ ހެޔޮދުޢާ ލިބޭނަމަ އެދަރިއަކަށް ހެޔޮ ގޮތްތައް މާތް ﷲ މެދުވެރިކުރައްވަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތުގައި އޮންނާތީއެވެ. ނުކިޔެވިގެން ޑޮކްޓަރަކަށް ނުވެވުނު ނަމަ އެއަށްވުރެ ރަނގަޅު ގޮތެއް މިންވަރުކުރައްވަވާނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.  

އަޅުގަނޑަކީ ސިފަ ހުތުރު ނޫން، އަންހެންވަންތަކަމުގެ ސިފަހުރި ކުއްޖެކެވެ. އަބަދުވެސް އަޅުގަނޑުގެ ސިފައަށް މީހުން ތަޢްރީފްކުރެއެވެ. ނަމަވެސް އެއީ އެއްވެސް އިރެއްގައި އަޅުގަނޑު ސަމާލުކަންދިން ކަމެއް ނޫނެވެ. ސިފަރީތިވުމާއި ހުތުރުވުމަކީ އެއްވެސް މީހެއްގެ އަމިއްލަ ބާރު ހިނގާ ކަމަކަށް ނުވާތީއެވެ. ސިފައަކީ ބަދަލުވަމުންދާ އެއްޗަކަށްވާތީއެވެ. ބަދަލުވާނެވެސް އެއްޗަކަށްވާތީއެވެ. 

އަޅުގަނޑަށް 18 އަހަރުފުރުތަނާހެން އަޅުގަނޑުގެ ކައިވެންޏަށް މީހުން އެދެންފެށިއެވެ. ނަމަވެސް އަޅުގަނޑު އެއްވެސް މީހަކަށް ޖަވާބެއް ނުދެމެވެ. އެއީ ހަމަ ކިޔެވުމުގެ އުންމީދު އޮތްލެއް ބޮޑުކަމުންނެވެ. ލިބިދާނެ ފުރުޞަތަކަށްޓަކައި ކެތްތެރިވެލައިގެން ހުރީއެވެ.  

އެހެން ހުއްޓައި ކްލިނިކުން ބައްދަލުވާން ފެށި ޢުމުރުން ދޮށީ މީހަކު އަޅުގަނޑުގެ މައުލޫމާތު އޮޅުންފިލުވިއެވެ. އޭނާ ހުށަހެޅީ މުޅިން ތަފާތުކަމެކެވެ. އޭނާ ބުނީ މަންމަ އާއި އަޅުގަނޑުގެ ކަންކަން ކޮށްދޭނެ ކަމަށާއި އަލުން ކިޔަވަން މަސައްކަތްކުރުމަށެވެ. ބަދަލުގައި އެއްވެސް ކަމެއް ބޭނުން ނޫންކަމަށެވެ.  

ކިޔަވަން ބޭނުންވެފައިހުރިލެއް ބޮޑުކަމުން އޭނާ ދެއްކި ވާހަކަ އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އެއީ އޭނާ ﷲ އަށްޓަކައި ކޮށްދޭކަމެއްކަމަށް ބުނުމުންނެވެ. އޭނާގެ ވައުދު އޭނާ ފުއްދިއެވެ. ކޮންމެ މަހަކުވެސް އެއްފަހަރު އަޅުގަނޑުމެންގެ ގެއަށް ޒިޔާރަތްކުރެއެވެ. ބޭނުންވާ ކަންކަން ކޮށްދެއެވެ. އަދި މެޑިސިން ކިޔަވަން ސްކޯލާޝިޕެއްވެސް ހޯދައިދިނެވެ. ކިޔަވަން ފޮނުވައިދިނީ މަންމައާއިވެސް އެކުގައެވެ.  

މާލެއިން ފުރިފަހުން އޭނާ އާއި ބައްދަލުވީ 5 އަހަރުފަހުންނެވެ. އަޅުގަނޑުގެ ގްރެޖުއޭޝަން ސެރަމަނީއަށް ބެލެނިވެރިއެއްގެ ޙައިޞިއްޔަތުން އައިސްދިނުމުންނެވެ. އެހިސާބުންވެސް އޭނާ އަޅުގަނޑު ދޫކޮށެއް ނުލިއެވެ. އޭނާ ބުނީ އަދިވެސް ކިޔެވުމަށެވެ. ބޭނުންދާއިރާއަކުން ސްޕެޝަލައިޒްވުމަށެވެ. އެކަމަށްވެސް އޭނާ އަޅުގަނޑަށް މަގުފަހިކޮށްދިނެވެ.  

ކިޔަވައިގެން އައިސް އަޅުގަނޑު މިއަދު މިހުރީ ރާއްޖޭގައެވެ. އަޅުގަނޑަކީ ރާއްޖޭގެ ހޮސްޕިޓަލެއްގައި ޚިދުމަތްކުރާ ޑޮކްޓަރަކީމެވެ. އަމިއްލަ ކްލިނިކްތަކުގައިވެސް ބަލިމީހުން ބަލަމެވެ. އަޅުގަނޑު އެވާހަކަ ދައްކާކަށް ނެތީމެވެ. އަޅުގަނޑަށް ދައްކަން އަންނަ ބަލިމީހާއަކީ ފަޤީރަކުކަން  އެނގިއްޖެނަމަ އެމީހަކަށް އަޅުގަނޑު އެހީތެރިވެދޭ ގޮތް އެމީހުންނަށް އެނގޭނެއެވެ.  

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. މަންމައަށް ހެޔޮކޮށްހިތާށެވެ. ތިމާ ގެންގުޅެ ބޮޑުކުރީ މަންމަ އެކަނި ކަމުގައިވާނަމަ ވަކިން ބޮޑަށް ހެޔޮކޮށް ހިތަންވާނެއެވެ. މައިންނަށް އެހީތެރިވުމުގައި ކިތަންމެ ބޮޑު ޤުރްބާނީއެއްވާންޖެހުނު ނަމަވެސް ފަސްނުޖެހޭށެވެ. އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް އެމީހަކަށް ކުރާނެކަން ޔަޤީންކުރާށެވެ. އަޅުގަނޑަކީ އެކަމުގައި ދިރިހުރި މިސާލެއް ކަމަށް ބަލާށެވެ.  

އަޅުގަނޑަށް މިހިސާބަށް މިއާދެވުނީ ހަމަ މަންމަގެ ދުޢާއިންނެވެ. އަޅުގަނޑަށް އެހީތެރިވެ ކިޔަވައިދިން މީހާގެ ހިތުގައި އެކަމަށް ޝައުޤުވެރިކަން އެއުފެދުނީ ހަމަ މައިމީހާގެ ދުޢާއިންނެވެ. މިމާލޭގައި އަޅުގަނޑަށްވުރެ މާރީތި ކިތައް ހާސް އަންހެންކުދިން ތިބޭނެތޯއެވެ؟ އޭނާ އެކަންކަންކޮށްދިނީ އެއްވެސް ނުބައި ނިޔަތެއް އޮވެގެން ކަމަށްވާނަމަ 10 ވަރަކަށް އަހަރު އޭނާގެ ބެލުމުގެދަށުގައި އުޅުނުއިރު ކޮންމެވެސް ގޮތަކުން އެކަން ނުފެނިއެއް ނުދާނެ ނޫންތޯއެވެ؟  

ކޮންމެ މީހަކަށް އެމީހާ އެންމެ އެދޭ ކަންތައް ޙާޞިލުނުވެދާނެއެވެ. އެހެން މަގަކުން ނަމަވެސް އެމީހަކަށް ހެޔޮގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ

 

ޑރ. ---- / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން