މީހުން ކުރާ ކުށްތަކާއި ކުށްކުރުމުން ލިބޭ ގެއްލުމުގެ ވާހަކަ ދެއްކީމާ ކުށްކުރާ ގިނަ މީހުން އަބަދުވެސް ރުޅިއަންނާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައެއް ނޫންކަމަށް މިބުނަނީ މަދުމީހަކު ނަމަވެސް އިޞްލާޙްވެ ކުށްކުރުން ހުއްޓައިލާތީއެވެ. ދިރިއުޅުން އިޞްލާޙްކުރާތީއެވެ.
މިވާހަކައިގެ ބަޠޮލާއަކީ މަންމައެވެ. މަންމައަކީ ހުރިހާ ގޮތަކުންވެސް ނަމޫނާ މަންމައެކެވެ. އެކަނިމާއެކަނި ގެންގުލެ ބޮޑުކުރި ދަރިފުޅަށް މަންމަ ކުރި ވަޞިއްޔަތަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ. އެއިރުން އެމީހަކަށްވެސް އަދި އެމީހެއްގެ އަނބިދަރިންނަށްވެސް ދުވަހަކުވެސް ހިތާމަކުރާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
ވިސްނުންތެރިކަމާއިއެކު ވާހަކަވިދާޅުވެލައްވާށެވެ!
އަޅުގަނޑުގެ މަންމައަކީ އެކަނިވެރި މަންމައެކެވެ. ބައްޕަ ލޮލަށް ފެނުނު ހަނދާން ހުންނަނީވެސް ވަރަށް ކުޑަކޮށެވެ. ހަނދާން ހުންނަން ފެށިއިރުވެސް ބައްޕަވަނީ ގެއްލިފައެވެ. ބައްޕަ އާއިމެދު ސުވާލުކުރުމުން މަންމަ ބުނަނީ "ބައްޕަ ގުޅީމާ ބައްޕަ ގާތަށް" ދާނީ ކަމަށެވެ.
މުޅި ކްލާހަށް ބެލި ނަމަވެސް އެންމެ ބައުކޮށް ފޭރާންލަނީ އަޅުގަނޑެވެ. އެހެންވެ ބައެއްފަހަރު ލަދުވެސް ގަނެއެވެ. ދެރަވެސްވެއެވެ. އެއީ ބައުފޭރާންލާންޖެހޭތީއެއް ނޫނެވެ. އެހެން މީހުން ކަޅިއަޅާތީއެވެ.
އެވާހަކަ މަންމަ ގާތު ބުނުމުން ބުނާނެއެވެ. "މިއަދު އެމީހުން އެކުރާ ކަންކަމަށް އަޅައިވެސް ނުލާށެވެ. ދަރިފުޅު މޮޅު ކުއްޖަކަށްވެ ކާމިޔާބުވާ ދުވަހު އެމީހުން ކަޅިއަޅާނީ އެހެން ލޮލަކުން އެހެން ގޮތަކަށެވެ. ދަރިފުޅުގެ މަސައްކަތަކީ ކިޔަވައި މޮޅުކުއްޖަކަށްވުން ކަމުގައިހަދާށެވެ."
ކޮންމެއަކަސް މަތީ ސާނަވީ އެ އަހަރު ނިންމި އެންމެ މޮޅުކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނުނެވެ. ރައީސް ދެއްވާ ސްކޯލާޝިޕްވެސް ލިބުނެވެ. ބޭރުން ކިޔެވުމުގެ ފުރުޞަތުވެސް ލިބުނެވެ. އެފުރުޞަތުގެ ބޭނުންވެސް ހިފީމެވެ.
މިއަދު އަޅުގަނޑަކީ ސިވިލްއިންޖިނޭރެކެވެ. އެއިގެ އިތުރުން ގެދޮރުކުރަހާ މީހެކެވެ. ރިޒޯޓްތައް ތަރައްޤީކުރަން ބޭނުންވާ ކުރެހުން ކުރަހާ މީހެކެވެ. 10 ވަރަކަށް މެންބަރުންގެ ޓީމެއް ގޮވައިގެން މަސައްކަތްކުރާ މީހެކެވެ. ކުރާނެ މަސައްކަތް ލިބެއެވެ. އޮންނަނީ ހަމަ ނުކުރެވިފައެވެ. އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބެއެވެ.
އަޅުގަނޑަށް އައު ޔުނިފޯމް ގަނެދޭން ނުލިބުނު މަންމަ މިއަދު ދިރުއުޅެނީ 10 ބުރިގެއެއްގެ އެންމެ މަތީގައެވެ. މަންމަ ބޭނުންނަމަ ދުވާލަކު ހެދުމެއް ގަންނާނެ ފައިސާވެސް އިރާދަކުރެއްވިއްޔާ މަންމަގެ އަތުގައި މިހާރު ހުންނާނެއެވެ.
މިއަދު އަޅުގަނޑު ދިރިއުޅެނީ ގޭގެ އެހެން ފަންގިފިލާއެއްގައެވެ. އަނބިދަރިންނާއިއެކުގައެވެ. ނަމަވެސް މިއަދުވެސް އަޅުގަނޑު ނިދާހޭލާ ގަޑިއާއި މަސައްކަތަށްދާގަޑިއާއި ނިދަން ގެއަށްވަންނަ ގަޑި މަންމަ ބަލައެވެ. އަޅުގަނޑުގެ ކެއުމަށް ބޭނުންވާނެ ތަކެތި ތަށިބަރިއެއްގައި މިހާރުވެސް ފޮނުވަނީ މަންމައެވެ. އެކަމާ އަޅުގަނޑުގެ އަނބިމީހާ ވާހަކަދެއްކުމުން ދިން ޖަވާބުވެސް ޢިބްރަތަކަށް ފުދޭނެއެވެ.
"ދަރިފުޅާއެވެ. އެސޮރު ގެއަށް އައުމުން ދެކުދިން އެކުގައި ތިބެގެން ކައިލާށެވެ. މީރުކޮށް ކައްކައިގެން ދެކުދިން ކާށެވެ. އޮފީހުގައި ކަނީ އެކަނި އިނދެއެވެ. ވީމާ އެގަޑިތަކުގައި މަންމަ ތަށިބަރި ފޮނުވިއަދޭށެވެ. މާދަމާވެސް ބަލިކަށިވެ ނުކެއްކޭވަރު ވީމާ ތަށިބަރިފޮނުވަން މަޑުކޮށްލާށެވެ! ދަރިފުޅުމެން އެހެރީ މަންމައަށް އެހީތެރިވާނެ މެއިޑަކު ދީފައެވެ. ނަމަވެސް ދަރިފުޅަށް ފޮނުވަން ކައްކާކަށް އޭނާއަކަށްވެސް ނުޖައްސަމެވެ."
ދެން އޮތީ ބައްޕަގެ ވާހަކައެވެ. މަންމަ އެއިރު ބުނި ފަދައިން ބައްޕަ މިހާރު ގުޅައެވެ. ތަފާތަކީ އަޅުގަނޑަށް ބައްޕަ ގާތަށް ދާން ނުޖެހި ބައްޕަ އޮފީހަށް އަންނަކަމެވެ. ބައްޕަވެސް ހަމަ ރަނގަޅެވެ. ކުށް ޤަބޫލުކުރެއެވެ. އެހެންވެ އެއްވެސް ކަމަކު އަޅުގަނޑުގާތަކު ނުބުނެއެވެ. މެސެޖުކުރާނީއެވެ.
މަންމައަށްޓަކައި މިހާރު ކުރަން އަޅުގަނޑު އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަމަކީ މިސްކިތެއް އެޅުމެވެ. އެކަންވެސް އިރާދަކުރެއްވިއްޔާ ކުރާނަމެވެ.
ދެން އޮތީ މަންމަ އަޅުގަނޑަށް ކުރި އެންމެ ވަރުގަދަ ވަޞިއްޔަތެވެ. "ދަރިފުޅާއެވެ! މަންމަގެ ލޮލުން އެންމެ ގިނައިން ކަރުނަ އަޅަންޖެހުނީ ފަޤީރު ޙާލުގައި ދިރިއުޅެންޖެހުމަކުން ނޫނެވެ. ބައްޕަ މަންމައާއިމެދު ކަންކަންކުރި ގޮތުންނެވެ. އެކަމުގެ ސަބަބުން ލިބުނު އެކަނިވެރިކަމާއި ނިކަމެތިކަން ދުނިޔެ ކޮނޑަށްލައިގެން ހިނގުމަށްވުރެ މާބަރެވެ. އެބަރު މަންމަ އުފުލައިފީމެވެ. ނަމަނަމަ ދަރިފުޅު، ދަރިފުޅުގެ އަނބިމީހާ ދެރަވާނެ އެއްވެސް ކަމެއް ނުކުރާށެވެ! ދަރިން ބެލުމުގަ އިހްމާލްނުވާށެވެ! އެއިރުން އިން ޝާ ﷲ ދަރިފުޅުގެ ދަރިންނަށް މެސެޖްކުރާކަށް ދަރިފުޅަކަށް ނުޖެހޭނެއެވެ."
- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް