ނިކަމެތި އަންހެނަކާ ކައިވެނިކުރުމަށްފަހު އަޅަކަށްވުރެ ދަށުދަރަޖައިގަ ކަންކަންކުރި ތަނަވަސް ފިރިއަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ނިކަމެތި އަންހެނަކާ ކައިވެނިކުރުމަށްފަހު އަޅަކަށްވުރެ ދަށުދަރަޖައިގަ ކަންކަންކުރި ތަނަވަސް ފިރިއަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ބައިވެރިއަކަށް އިޚްތިޔާރުކުރީ ވަރަށް ނިކަމެތި ކުއްޖެކެވެ. ނިކަމެތި ނަމަވެސް ހުރީ ކިޔަވައިގެންނެވެ. ކައިވެނިކުރީ ހެޔޮކޮށް ހިތާނެކަމަށާއި ޢާއިލާއަށްވެސް ހެޔޮކޮށް ކަންކަންކުރާނެ ކަމުގެ ވަޢުދުތަކާއިއެކުގައެވެ. ނަމަވެސް ކައިވެންޏަށްފަހު އަނބިމީހާ ހެދީ އަޅަކަށްވުރެވެސް ދަށުދަރަޖައިގެ މީހަކަށެވެ.  

އަނބިމިހާގެ އުފަލަށް ކަމެއްކޮށްނުދޭތަނުގައި ބަހެއް ބުނިނަމަވެސް ބުނަނީ ހިތުގައި ޖެހޭނެ ގޮތަށެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ ކެތްތެރިވިއެވެ. ކުރިމަތީގައި ނުރުހުމުގެ ބަހެއްވެސް ނުބުނެއެވެ. ދުޢާކުރުންމަތީގައި ހުރީއެވެ.  

އެއްރެއަކު ގެއަށް އަންހެނަކު ގެނެސްފައި އަނބިމީހާ ދައްކާފައި ބުނީ އެއީ ގޭގެ ނޯކަރުކަމަށެވެ. އަދި ދެމީހުންނަށް މޭވާ ޖޫސް ތައްޔާރުކުރުމަށެވެ. އަނބިމީހާ ބަދިގެއަށް ދިއުމުގެ ބަދަލުގައި ގެއިން ނުކުމެގެންދިއައީއެވެ. އޭނާގެ މައިންބަފައިންގެ ގާތަށެވެ.  

އެއިގެ މާގިނަ ދުވަސް ފަހެއް ނޫނެވެ. އެންމެ ހަމަސް ފަހެވެ. އެފިރިމީހާއަށް ވަރަށް ބޮޑެތި މާލީ ދަތިތަކެއް ކުރިމަތިވިއެވެ. އެކަމުން އަރައިގަތުމަށް ކުރިމަސައްކަތުގެ ތެރެއިން ރިޒޯޓެއް ޢިމާރާތްކުރުމުގެ މަސައްކަތާއި ކުރިމަތިލިއެވެ. މަސައްކަތް ލިބެން ތައްޔާރުވެފައިވެސް ލިބުން ލަސްވާތީ މަސައްކަތް ޙަވާލުކުރަން އުޅޭ ފަރާތާއި ބައްދަލުކުރަން ދިއައެވެ.  

އެޕޮއިންޓްމަންޓް ލިބުނު ގަޑިއަށް ގޮސް ބައްދަލުކުރަން ބޯޑުރޫމްގައި އިންދައި ބޮސް ވަދެގެން އައީ އަންހެނަކާއިއެކުގައެވެ. ވަރަށް ރީތި އަންހެނަކަށްވުމުން ރަނގަޅަށް ބަލައިލެވުމުން އެނގުނީ މިއީ އޭނާ ވަރިކޮށް ނިކަމެތިކޮށްލި އަނބިމީހާ ކަމެވެ. ފުރަތަމަ ހީކުރެވުނީ ވަޒީފާގައި އުޅެނީ ކަމަށެވެ. ނަމަވެސް އިށީނދެފައި މިއީ އަނބިމީހާކަމަށްބުނެ ތަޢާރަފްކޮށްދިނުމުން ދިއައީ ސިއްސައިގެންނެވެ.  

"ކުރިން ކަލެއާ މަސައްކަތް ޙަވާލުކުރަން ވިސްނިން. ނަމަވެސް މިހާރު ވިސްނުން ބަދަލުކޮށްފިން. މާ ރަނގަޅު ފެންވަރުގައި މާކުޑަ އަގަކަށް މަސައްކަތްކުރާނެ މާތަޖުރިބާހުރި ބޭރުގެ ކުންފުންޏެއް ލިބުނީމަ ވިސްނުން ބަދަލުކުރީ. އަނބިމީހާ ވަރަށް ބުރަ މަސައްކަތުން އެކަން ޙަޤީޤަތަކަށް ހަދައިފި. އިއްޔެ ސޮއިވެސްކޮށްފިން. 30 ވަރަކަށް މިލިއަން ޑޮލަރު ސަލާމަތްކުރެވޭ މުޅި މަޝްރޫޢުން. ދެން ރަނގަޅުވާނީ އެމީހުންގެ އަތުން ސަބްކޮންޓްރެކްޓަށް މަސައްކަތެއް ލިބޭތޯ ބެލުން." އެހިސާބަށް ބުނިތަނާ ފޯނުކޯލެއް ލިބުމުން ދެމަފިރިން އެކުގައި ތެދުވެގެން ދިއައީއެވެ.  

އޭނާއަށްވެސް ޖެހުނީ ތެދުވެގެންދާށެވެ. އެހައި ރަނގަޅު އަންތބަކު ލިބުމުން ހެޔޮ ގޮތުގައި ގެންގުޅުމުގެ ބަދަލުގައި އަނބިމީހާއާއިމެދު ކަންކަންކުރެވުނު ގޮތާއިމެދު ދެރަވެ ހިތާމަކުރަމުންނެވެ.  

މިހުންނަނީ ހަމަ ކޮންމެ މީހަކަށްވެސް އަގުހުރި ފިލާވަޅުތަކެވެ. ނިކަމެތިންނަށް އަނިޔާވެރިވެ ހިތުގައި ޖައްސުވާ މީހުންނަށް އެކަން ދުނިޔޭގައިވެސް ކުރިމަތިވާކަން އެއީ އަބަދުވެސް ފެންނަމުން އަންނަ ކަމެކެވެ.  

 

- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން