ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެ ކާމިޔާބު ކައިވެންޏެއް ކުރެވޭނީ، ނުވަތަ ރަނގަޅު ބައިވެރިއަކު ލިބޭނީ ލޫޅާފަތިވީވަރަކުން ކަމަށެވެ. އެެހންވެ ނަމާދުކުރުމާ އަޅުކަންކުރުމަށްވުރެވެސް ބޮޑަށް ސަމާލުކަންދެނީ ކަސްރަތުކޮށް ލޫޅާފަތިކޮށް ހުރުމަށެވެ.
އެއީވެސް 12 ވަރަކަށް އެކުވެރިން ހިމެނޭ ގްރޫޕެކެވެ. އެއިގެ ތެރެއިން އެއްއަންހެނަކީ ތަންކޮޅެއް ފަލަ އަންހެނެކެވެ. އެހެންވެ އެކުގައި މަޖާކުރަންތިބޭއިރުވެސް "އެނދުމަތީގަ ވެލައެއް ފުރޮޅަން ބޭނުންވާނީ ކާކު؟" ފަދަ ބަސްތައް ބުނެ އޭނާއަށް ފުރައްސާރަކުރެއެވެ.
އެގޮތަށް ބުނާ ބަސްތަކަކަށް އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ހަމައެކަނި ހިނިތުންވެލަނީއެވެ. އެކަމަކު އެއްކަމެއް އޭނާ ކުރެއެވެ. އެއީ އެކުރާ ފުރައްސާރައަކީ އޭނާއަށް ރަޙުމަތެއް ކަމުގައި ލެއްވެވުން އެދިގެން ދުޢާކުރުމެވެ. އެދުޢާކުރަނީ ހިތުންނެވެ.
އާދައިގެ މަތިން އެކުވެރިންނަށް ކެއުމަކަށް ދަޢުވަތުދިނުމުގެ ބުރު އޭނާއަށް ޖެހުމުން އެކުވެރިންނަށް ދަޢުވަތުދިނީ ރަށުގެ އެންމެ އަގުބޮޑު ރެސްޓާރަންޓަށެވެ. އެކުވެރިން ހީކުރީ އޭނާއަށް ފުރައްސާރަކުރާތީ އަނގަބަންދުކުރުވަންކުރި ކަމެއް ކަމަށެވެ.
ކެއުމަށް އެންމެންވެސް ދިއައީ އާދައިގެމަތިން ބައިވެރިންވެސް ގޮވައިގެންނެވެ. ގޮސް މޭޒުގައި އިށީންނަން ފެށުމުން އޭނާގެ ކަނައަތް ފަރާތުގައި ހުރި ގޮނޑި ހުސްކޮށް ބަހައްޓަން ބުންޏެވެ. އެކުވެރިން ހީކުރީ ކޮންމެވެސް "މޮޔައަކު" އޭނާގެ ލޯބިވެރިއަކަށް ލިބުނީ ކަމަށެވެ. އެހެންވެ ސުވާލުތައް ނުކޮށް މަޑުކޮސްލައިގެން ތިއްބައި ހުރިހާ އެކުވެރިން ހަމަވުމުން ކާންފަށަން އުޅެނިކޮށް ވަރަށް ސްމާޓްކޮށްހުރި ޒުވާނަކު އައިސް އެގޮނޑީގައި އިށީނުމުން އެންމެ ކަޅި އޭނާއަށް އަމާޒުކުރިއެވެ.
ބަލާނެ ވަރަކަށް ބަލަން ފުރުޞަތު ދިނުމަށްފަހު އޭނާ ބުންޏެވެ. "މިއީ އަޙްމަދުއެވެ. އަހުރެންގެ ފިރިމީހާއެވެ. ކައިވެނިކުރީ 3 ރޭކުރިންނެވެ. ވީމާ މިއީ އެކުވެރިންނަށް ދިން ވަލީމާއެކެވެ. އަޙްމަދު ހުރިހާ އެކުވެރިންނަށްވެސް އެނގޭނެ ކަމަށް ހީކުރަމެވެ. މިއީ އަޙްމަދުގެ ބައްޕަގެ ރެސްޓޯރަންޓެކެވެ. ހިންގަން ދީފައި ހުންނަނީ އަޙްމަދުގެ ދައްތައަށެވެ. ބައްޕަ 2 ރިޒޯޓު ހިންގައެވެ. ފަހުން ހަމަޖެހިލައިގެން ހުރިހާ އެކުވެރިންނަށް "ޓްރީޓެއް" ދޭނެކަމަށް އަޙްމަދު އޮތީ ބުނެފައެވެ. އެއްރަށުގެ ތުނޑިއަށް ވެލާއަރައެވެ. އެހެންވެސް ޤަޞްދުކުރަނީ އެރަށަށް ގެންދާށެވެ. އެއިރުން ވެލައެއްވެސް ފުރޮޅައިލެވިދާނެތާއެވެ!"
އޭނާގެ ވާހަކައިން އެކުވެރިންނަށް ވަރަށް އަސަރުކުރިއެވެ. ހިތުގައި ޙަސަދަވެރިކަމެއް ނެތި ނަމަވެސް ކުރެވުނު ފުރައްސާރަތައްމަތިން ހަނދާންވުމުންނެވެ.
މިވާހަކަ މިއަދުނޫހަށް ޙިއްޞާ މިކުރަނީ އޭނާއަށް ކޮންމެވެސް ވަރަކަށް ފުރައްސާރަވެސް ކުރެވުނު އޭނާގެ އެކުވެރިއެކެވެ. ކުރެވުނު ކަމެއް އެއޮތީ ކުރެވިފައެވެ. އަހުރެންނާއި އެހެން އެކުވެރިންވެސް މިހާރުވާނީ އޭނާގެ ކިބައިން މާފަށް އެދިފައެވެ. އޭނާވަނީ އަހުރެމެންނަށް މާފުވެސް ކޮށްފައެވެ. ބުނެލަން އޮތީ އޭނާ މާފުކުރިނަމަވެސް އަދިވެސް އެކަމާއި ވަރަށް ދެރަވެއެވެ.
ދެރަނުވާނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ގިނައިން ފުރައްސާރަކުރި އެކުވެރިޔާގެ އަންހެނުން ބަލިވެގެން ފުރަންވެގެން ޑޮލަރު ނުލިބުނީމައި ހަމަ ބޭންކު އަގަށް 2000 ޑޮލަރު ހޯދައިދިނެވެ. މިހާރަށް ބަލައިފިނަމަ އެއީވެސް 10000 ރުފިޔާގެ ހަދިޔާއެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ