އެއީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފިރިހެން ދަރިއެކެވެ. ޢުމުރުން 5 އަހަރުގައި ފިރިމީހާ ވަކިވެގެންދިއުމުން ގެންގުޅެ ބޮޑުކުރީ އެކަންޏެވެ. ކިޔަވައިދީ މޮޅު ކުއްޖަކަށް ހެދިއެވެ. އެހެންވެ ރަނގަޅު ވަޒީފާއެއް ލިބުނެވެ.
ކައިވެނިކުރުމަށްފަހު ދަރިފުޅު ބޭނުންވީ މަންމައާއި ވަކިވާށެވެ. ބޮޑު ގެއަކުން ނުކުތީ ކުޑައެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ. އެގޮތަށް ކަންތައް މެދުވެރިވި ސަބަބު މަންމައަށް ވިސްނެއެވެ. އެކަން އެގޮތަށް ކުރާނީ އަނބިމިހާ އެކަމަށް ބޭނުންވުމުންކަން ވިސްނެއެވެ. އެހެންވެ ގުޅައި އުނދަގޫކޮށެއް ނުހަދައެވެ. ދަރިފުޅު އުޅޭތަނަކަށް ނުވެސްދެއެވެ. ގާތަށް އަތުވެއްޖެނަމަ ލޯބިން ވާހަކަދައްކައެވެ.
އެއްދުވަހަކު ސިޓީއުރައެއް ހިފައިގެން ދަރިފުޅާއި ބައްދަލުކުރަން ދެވުނިއިރު ދަރިފުޅު އޮފީހަށް ހިނގައްޖެއެވެ. އަނބިމީހާ ހީކުރީ އެއައީ ބޭސްސިޓީ ހިފައިގެން ފައިސާ ހޯދަން ކަމަށެވެ. އެހެންވެ މަންމަގެ ހިތުގައި ޖެހޭނެ ފަދަ ވާހަކަކޮޅެއް ދެއްކިތަނާ މަންމަ ސޯފާއަށް ވެއްޓިއްޖެއެވެ. ބަލައިލިއިރު ނޭވާ ނުލެވޭކަން ފާހަގަކުރެވިގެން އެމްބިޔުލާންސަށާ ދަރިފުޅަށް ގުޅިއެވެ. ހިސްޕިޓަލަށް ގެންދިއުމުން ބުނީ ކުޑައިރުކޮޅެއްކުރިން މަރުވެފައިވާ ކަމަށެވެ.
ވަޅުލައި ނިމިގެން ގެއަށް އައިސް މަންމަ ގެނައި ސިޓީއުރަ ބަލައިލިއިރު އޭގައި އޮތީ ގެއެއްގެ ރަޖިސްޓްރީ އެގެ ދަރިފުޅުގެ ނަމަށް ބަދަލުކުރަން ބޭނުންވާނެ ލިޔުންތަކެވެ. އެގެއަކީ މަންމަގެ މަންމަގެ މުދައު ބަހައިގެން މަންމައަށް ލިބުނު ގެއެކެވެ. ދަރިފުޅު މަންމަގެގާތަށް ގޮސްއުޅޭލެއް މަދުކަމުން އެގޭގެ ވާހަކަ އޮތީ ދަރިފުޅަށް ކިޔައިވެސް ނުދެވިފައެވެ.
މަންމަ ގެއަށް ދިއުމުން އަނބިމީހާ ކަންތައްކުރި ގޮތް ދަރިފުޅަކަށް ނުއެނގެއެވެ. އެކަން އެނގޭނީ ހަމައެކަނި އަހުރެންނަށެވެ. އެއީ އަނބިމީހާ ދެއްކި ވާހަކަ އަޑުއިވުނީތީއެވެ. އަހުރެން ފުރަތަމަ ޤަޞްދުކުރީ އެކަން ސިއްރުކޮށްދޭށެވެ. ނަމަވެސް ނަމަވެސް ހިތް އެކަމަކަށް ނުރުހުނެވެ. އެފަދަ ނުބައި އަންތބެއްގެ ކިބައިން ބޮސް ސަލާމަތްކުރަންޖެހޭނެ ކަމަށް ހިތްބުނަންފެށީއެވެ.
3 މަސްފަހުން ބޮސް އެކަނިވީ ވަޤުތަކު އެވާހަކަތައް ކިޔައިދިނީމެވެ. ބުއްދީގެ ބޭނުންކޮށްގެން ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް ނަޞީޙަތްތެރިވީމެވެ. ބޮސް ހަމަ އެދުވަހު އަނބިމީހާ ވަރިކޮށްފިއެވެ. މަންމަ މަރުވުމުން އެއިރު ދެމަފިރިން އުޅެނީ މަންމަގެ ގޭގައެވެ. އެެހންކަމުން އަނބިމީހާއަށް ޖެހުނީ ވަޤުތުން ގެއިން ނުކުމެގެންދާށެވެ.
އަހުރެންނަކީ އެގޭގެ ނޯކަރެވެ. އޭނާގެ މަންމައާއި އެއް ޢުމުރުގެ އަންހެނަކީމެވެ. އަހުރެންނަށް އެންމެ އަސަރުކުރީ އަހުރެންނަށްވެސް ދަރިއެއްގެ ކިބައިން އެފަދަ ގޮތެއް މެދުވެރިވެދާނެތީއެވެ.
އަހުރެން ހުރިހާ ދަރިންނަށްވެސް ނަޞީޙަތްތެރިވާނީ މަންމައަށް ކަމަށްވީނަމަވެސް އަދި މައިދައިތައަށް ކަމްށްވީނަމަވެސް ނުބައި ބަސްތައް ނުބުނުމަށެވެ. ކެތްތެރިކަން ހުންނާނީ އެންމެންގެ އެއްވަރަކަށް ނޫނެވެ. ހިތަށްކުރާ އަސަރަކުން ކޮންމެފަދަ ދެރަގޮތެއްވެސް މެދުވެރިވެދާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ