އެހެން ހުރިހާ ކަމަކަށްވުރެ ބައިވެރިޔާގެ ކަންކަން އިސްކޮށް ސަމާލުކަންދޭ މީހަކަށްވުރެ އުފަލުގަ އުޅެވޭނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެހެން ހުރިހާ ކަމަކަށްވުރެ ބައިވެރިޔާގެ ކަންކަން އިސްކޮށް ސަމާލުކަންދޭ މީހަކަށްވުރެ އުފަލުގަ އުޅެވޭނެ މީހަކު ނުހުންނާނެ!

އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނަމަ ދެމަފިރިން އެކުގަ ރޭސްޖަހަންޖެހޭ ކަމެއް އެބައޮތެވެ. އެކަމުގައި ރޭސްޖަހައިފިނަމަ ހަމައެކަނި އުފާވެރިކަން ލިބޭނީއެއް ނޫނެވެ. އެންމެ އުފަލުގައި އުޅެވޭ މީހަކަށްވެވޭނެއެވެ. އިން ޝާ ﷲ  

ކައިވެނިކޮށްގެން ދެމީހަކު އެކުގައި އުޅޭއިރު އަނެކާއަށްވުރެ ބޮޑަށް ލޯބިވެ އަދި ލޯބިދޭން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އަނެކާއަށްވުރެ ބޮޑަށް ހެޔޮކޮށް ހިތަން މަސައްކަތްކުރުމަކީވެސް އެންމެ ރަނގަޅު ގޮތެވެ.  

އެހެންކަމާއިއެކުގައިވެސް މިންގަނޑުތަކެއް ހިފަހައްޓަންވާނެއެވެ. އަނެކާގެ ކިބައިން ތިމާއަށް ލިބޭ މިންވަރަށްވެސް ބަލަންވާނެއެވެ. އެއްކޮޅުން ލިބޭ މިންވަރަށްވުރެ އަނެއްކޮޅުން ބޭރުވާ މިންވަރު މާބޮޑުތަން ބޮޑުވެއްޖެނަމަ އަނެކާއަށް އެކަން އެހެން ގޮތަކަށް ވިސްނުން ވެފައި އޮންނަނީ ވަރަށް ގާތް ކަމަކަށެވެ.  

ގިނަ މީހުންގެ ކަންކަން ހުންނަ ގޮތުން އަނެކާގެ ހެޔޮކަން ބަލައިގަތުމުގައި މައްސަލަތަކެއް ހުރެއެވެ. މިޘާލަކަށް އަނެކާ ތިމާދެކެ މާބޮޑަށް ލޯބިވާކަމަށް ޤަބޫލުކުރެވިއްޖެނަމަ އިހްމާލްވެ ފަރުވާ ކުޑަކުރެވުން އޮންނަނީ ވަރަށް ގާތުގައެވެ. އެއިރުން ގިނަ ބައަކަށް ކަންކަން ކުރެވެނީ އެންމެ ރަނގަޅު ގޮތަކަށް ނޫނެވެ.  

ޙަޤީޤަތުގައި އެންމެ ކާމިޔާބު ދެމަފިރިންނަކީ އަޅައިލުމުގައާއި ލޯބިދިނުމުގައާއި އެހީތެރިވުމުގައި ދެމީހުންވެސް ވާދަކުރާ ދެމަފިރިންނެވެ. އަނެކާއަށް ކަމެއް ކޮށްދެވުމުން އެކަމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ދެކެގެން އެކުގައި ދިރިއުޅެން މަސައްކަތްކުރާ ދެމަފިރިންނެވެ.  

މައްސަލައަކަށްވަނީ ބައިވެރިޔާއަށް އަޅާލައި ލޯބިދީ އެހީތެރިވުމަށް ފަރުވާކުޑަކުރެވިފައި އެހެން މީހުންގެ ރުހުމާއި ސަމާލުކަން ހޯދަން މަސައްކަތްކުރެވޭވަރު ބޮޑުވާކަމެވެ. އެއީ ވަރަށް ދެރަ ކަމެކެވެ. އެންމެ ފުރަތަމަ ސަމާލުކަންދޭންވީ ބައިވެރިޔާއަށެވެ. އެހެން މީހުންގެ ނުވަތަ އެކުވެރިންގެ ކަންކަން ގެންނަންވާނީ ބައިވެރިޔާގެ ފަހަތުންނެވެ!

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން